ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 95 އިންސައްތައަކީ ހަކަތައިގެ ދާއިރާއިން ބޭރުކުރާ ގޭސް
ދިވެހިރާއްޖޭގެ ތިމާވެށީގެ ހާލަތާ ގުޅޭގޮތުން އެކުލަވާލި ބައިއެނިއަލް ޓްރާންސްޕޭރެންސީ ރިޕޯޓުން ދައްކާގޮތުގައި، ރާއްޖެއިން ޖައްވަށް ބޭރުކުރާ ވިހަ ގޭހުގެ 95 އިންސައްތައަށްވުރެ ބޮޑު ބައެއް ހިއްސާކުރަނީ ހަކަތައިގެ ދާއިރާއިންނެވެ.
މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ރާއްޖޭގެ ރަށްތައް ވަކިވަކިން އުފެދިފައި އޮތުމުގެ ސަބަބުން ހަކަތަ ފޯރުކޮށްދިނުމުގައި ޖިއޮގްރަފީ ގޮތުން ގިނަ ގޮންޖެހުންތަކެއް ހުރި ނަމަވެސް، އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ރާއްޖެއިން އަންނަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދަމުންނެވެ. އެގޮތުން، މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 110 މެގަވޮޓް ޕީކްގެ ސޯލާ ޕީވީ ނިޒާމުތައް ގާއިމުކޮށްފައިވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ދަށުން، 2028 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި ބޭނުންކުރާ ކަރަންޓުގެ 33 އިންސައްތައަކީ އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓަށް ހެދުމަށް ވަނީ އަމާޒު ހިފާފައެވެ. މިއީ ތެލަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޖައްވަށް ބޭރުކުރާ ވިހަ ގޭސް މަދުކުރުމަށްޓަކައި ސަރުކާރުން އިސްކަންދޭ މުހިންމު މަސައްކަތެކެވެ.
ނަމަވެސް، މި އަމާޒަށް ވާސިލުވުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީތެރިކަން ނުހަނު ބޮޑަށް ބޭނުންވާކަން ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ. މިގޮތުން، މާލީ އެހީތެރިކަމާއި، އާ އީޖާދީ ޓެކްނޮލޮޖީ ބަދަލުކުރުމުގެ އިތުރުން، ދާއިރާގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް ބައިނަލްއަގުވާމީ ފަރާތްތަކުގެ ދެމެހެއްޓެނިވި އެއްބާރުލުން ބޭނުންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.
މި ރިޕޯޓަކީ ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެއިން ތިމާވެށީގެ ކަންކަމުގައި އަދާކުރާ އިސް ދައުރު ހާމަކޮށްދޭ، އަދި ކުރިއަށް ހުރި މަސައްކަތްތައް ބައްޓަންކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތުތަކެއް ހިމެނޭ ރިޕޯޓެކެވެ.
ރިއެކްޝަންސް





