ޖުމްލަ 2,645 މަޝްރޫއެއް ހިންގުމުގެ ޕްލޭން އެކުލަވައިލާ ނިމިފައިވާކަމަށް ރައީސް ވިދާޅުވެއްޖެ
މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތަކާއި އަލަށް ފަށަން ހުރި މަޝްރޫއުތައް ހިމެނޭހެން، ޖުމްލަ 2,645 މަޝްރޫއެއް ކުރިއަށްގެންދާނެ ގޮތުގެ ތަފްސީލީ ޕްލޭން އެކުލަވައިލާ، އެކަންކަން ތަންފީޒުކުރާނެ ގޮތް ކަނޑައަޅައި ނިމިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދ. މީދޫގައި މިރޭ ބޭއްވި ޕީއެންސީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، މި މަޝްރޫއުތަކުގެ ތަރުތީބު ކަނޑައަޅައި ނިންމާފައިވަނީ މި ހަފުތާގެ ތެރޭގައި ބޭއްވުނު ކެބިނެޓް ބައްދަލުވުމުގައެވެ.
މި 2,645 މަޝްރޫއުގެ ތެރޭގައި މިހާރު ސޮއިކޮށްފައިވާ މަޝްރޫއުތަކާއި، މިއަހަރު އަލަށް ސޮއިކުރަން ހުރި މަޝްރޫއުތަކުގެ އިތުރުން، އަންނަ އަހަރު ރައީސްގެ ވައުދުތައް ފުއްދުމަށް ފަށަން ހުރި މަޝްރޫއުތައް ހިމެނޭކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމާއި އިމާރާތްކުރުމުގެ ސާމާނު ގެނައުމުގައި ކުރިމަތިވި ގޮންޖެހުންތަކަށް އަލިއަޅުއްވާލެއްވިއެވެ. ނަމަވެސް ސަރުކާރުން ކުރި މަސައްކަތުން އެ މައްސަލަތަކަށް މިހާރު ހައްލު ލިބެމުންދާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި މަޝްރޫއުތަކުގެ ދުވެލި ހަލުއިވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
"އަޅުގަނޑުމެން މިހާރު މިވަނީ މި މަޝްރޫއުތައް ގެންދާނެ ގޮތް ޕްލޭންކޮށްފައި. އެ ޕްލޭނުގައި ހިމެނެނީ މަޝްރޫއުތައް ނިންމުމުގައި އިސްކަންދޭނެ ތަރުތީބާއި، ކޮންމެ މަހަކު ނިންމާނެ މަޝްރޫއުތަކާއި، އަދި ދައުލަތުގެ އާމްދަނީއަށް ބަލައި ދަރަނިތައް އަދާކުރަމުން މަޝްރޫއުތަކަށް ހަރަދުކުރާނެ ގޮތްތައް،" ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ އެއްވެސް މަޝްރޫއެއް ހުއްޓުނަނުދީ ކުރިއަށް ގެންދިއުން ކަމަށެވެ. އަދި ހުރިހާ މަސައްކަތެއްވެސް ކުރިއަށްދާނީ ބަޖެޓުގެ ޑެފިސިޓް ދެމެހެއްޓެނެވި މިންގަނޑެއްގައި ހިފަހައްޓައިގެން، ރަށްރަށަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް އިސްކަންދީގެން ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.
ރިއެކްޝަންސް

