
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމަށް އަސްނާ ޢައްޔަންކުރައްވައިފި
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމަށް ޢާއިޝަތު އަސްނާ ޙަމްދީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޢައްޔަންކުރައްވާފިއެވެ.
މި މަޤާމަށް އަސްނާ ޢައްޔަންކުރެއްވުމަށް ރައްޔިތުން މަޖިލިހުގެ ރުހުން ހޯއްދެވުމަށް އޭނާގެ ނަން ރައީސް ފޮނުއްވީ މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ. އަދި އޭނާއަށް މަޖިލިހުގެ ރުހުން އޮތްކަމަށް ނިންމާފައި ވަނީ މިއަދު އޮތް މަޖިލިހުގެ ޖަލްސާގައެވެ. ވޯޓްގައި ބައިވެރިވެ ވަޑައިގެންނެވި 73 މެމްބަރުންވެސް ވަނީ އަސްނާއަށް ރުހުންދޭން ފެންނަކަމަށް ވޯޓްދެއްވާފައެވެ.
އަސްނާއަކީ އެމްއެމްއޭގައި 17 އަހަރު ދުވަހު ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. އަސްނާ އެންމެ ފަހުން އަދާކުރައްވާފައި ވަނީ މެނޭޖިންގ ޑިރެކްޓަރ - ފައިނޭންޝަލް ސެކްޓަރ ޑިވެލޮޕްމަންޓްގެ މަޤާމެވެ.
އަސްނާ ވަނީ ޔުނިވަރސިޓީ އޮފް ނޮޓިންގްހަމުން ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން ފައިނޭންސްގެ ދާއިރާއިން މާސްޓަރޒް ޑިގްރީ ޙާޞިލުކުރައްވާފައެވެ. މީގެ އިތުރުން ބެޗެލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އޮނަރސް) އާއި އެޑްވާންސްޑް ޑިޕްލޮމާ އިން ބިޒްނަސް އެޑްމިނިސްޓްރޭޝަން ވެސް ޙާޞިލުކުރައްވާފައިވެއެވެ.
އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު އިމާދު މާޗު 17، ގައި އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެނާ އެ މަގާމުން އިސްތިއުފާ ދެއްވީ މަސައްކަތަށް ހުރަސްއަޅައި، އޭނާގެ އެއްބާރުލުން ނުލިބޭ ކަމަށް ބުނެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ވައްދާފައި ވަނިކޮށެވެ.
ރިއެކްޝަންސް






