
ފުލެޓްގެ ކުލި އަގުބޮޑުކޮށްފި، ދެކޮޓަރީގެ ފުލެޓް 7000 އަދި 3 ކޮޓަރީގެ ފުލެޓް 9000 އަށް
4000 ފްލެޓް ދޭން ކުރީ ސަރުކާރުން އިއުލާނުކުރި އަގަށް ބަދަލުގެނެސް، އަގުބޮޑުކޮށްފިއެވެ.
އިންޑިއާގެ އެގްޒިމް ބޭންކުގެ ލޯނުގެ ދަށުން ހުޅުމާލޭ ފޭސް 2ގައި އަޅާ ފްލެޓުތަކުގެ ކުލީގެ އާ އަގުތައް އައިލާނުކުރެއްވީ ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެވެ.
އަލަށް ކަނޑައެޅި އަގަކީ ދެ ކޮޓަރީގެ އެޕާޓުމެންޓަކަށް މަހަކު 8،000 ރުފިޔާ (ކުލި 7،000 ރުފިޔާ، މެއިންޓެނެންސް 1،000 ރުފިޔާ) އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް މަހަކު 10،500 ރުފިޔާ (ކުލި 9،000 ރުފިޔާ، މެއިންޓެނެންސް 1،500 ރުފިޔާ) ރުފިޔާއެވެ.
މީގެ އިތުރުން، ދެ ކޮޓަރީގެ އެޕާޓުމެންޓަށް 15،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓުމެންޓަށް 25،000 ރުފިޔާ ޑައުންޕޭމެންޓްގެ ގޮތުގައި ނަގަންވެސް ނިންމާފައިވާކަން މިނިސްޓަރު ހާމަކުރެއްވިއެވެ.
މިނިސްޓަރު މިއަދު މިގޮތަށް އިއުލާނުކޮށްފައިވާ އިރު މިދަޔަ ސަރުކާރުން މި ފުލެޓްތައް ދޫކުރުމަށް ނިންމާފައި ވަނީ ތިންކޮޓަރީގެ ފުލެޓެއް 7000 ރުފިޔާއަށް އަދި 2 ކޮޓަރީގެ ފުލެޓެއް 5000 ރުފިޔާއަށެވެ.
މިނިސްޓަރު ވިދާޅުވީ އެ އަގުތަކަކީ ރަނގަޅު އަގުތަކެއް ނޫން ކަމަށެވެ. އަދި ލޯނު އަނބުރާ ދެއްކުމަށް ބަލާއިރު، ދެ ކޮޓަރިއަށް 9،000 ރުފިޔާ އަދި ތިން ކޮޓަރިއަށް 13،000 ރުފިޔާ ނަގަންޖެހޭ ކަމަށެވެ. ނަމަވެސް މިއަދު އިއުލާނުކުރެއްވި އަގުތަކަކީވެސް ސަބްސިޑައިޒްކޮށްގެން ރައްޔިތުންނަށް ލުއިފަސޭހަ ހޯދައި ދިނުމަށް ކަނޑައެޅި އަގުތަކެއް ކަމަށެވެ.
ރިއެކްޝަންސް






