
ދެބައިކޮޅަ އެއްބަޔަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަނުވޭ- މިނިސްޓަރ
މިއަދު އިއުލާނުކުރާ ލިސްޓުން ފްލެޓް ލިބޭކަމަށް ކަނޑައަޅާފައިވަނީ 1820 ފަރާތަކަށް
ދެބައިކޮޅަ އެއްބަޔަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށް ގެދޮރުވެރިކަމާބެހޭ ވުޒާރާއިން ބުނެފިއެވެ. މިނިސްޓަރ ޑރ.އަބްދުالله މުއްޠަލިބު ވިދާޅުވީ ފްލެޓް ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން ގެޒެޓްކުރި 4000 މީހުންގެ ތެރެއިން ގާތްގަނޑަކަށް ދެބައިކޮޅަ އެއްބައި މީހުންގެ ޝަރުތު ހަމަނުވާ ކަމަށެވެ.
މިނިސްޓަރ ވިދާޅުވީ ކުރީ ސަރުކާރުން ފްލެޓް ލިސްޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓްގައި ހިމެނޭ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަނުވަނީ މާލޭގައި ދިރިއުޅުނު ކަން ސާބިތުކޮށްދޭން ހުށަހެޅި ސައްހަނޫން ލިޔުންތަކުގެ ސަބަބުން ކަމަށެވެ.
މިނިސްޓަރ މުއްޠަލިބު ވިދާޅުވީ 3 ކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް މިދިޔަ ސަރުކާރުން 3721 ފަރާތެއް ކަނޑައަޅާފައިވާ ކަމަށެވެ. އެއީ 75 ޕޮއިންޓުން މަތިން ލިބުނު ފަރާތްތަކެވެ. އެކަމަކު ވެރިފައި ކުރުއިރު ޝަރުތު ހަމަވެ ފްލެޓް ލިބެނީ 1423 ފަރާތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
ދެކޮޓަރީގެ ފްލެޓް ލިބޭނެ ކަމަށް 1218 ފަރާތެއްގެ ނަން މިދިޔަ ސަރުކާރުން ވަނީ ގެޒެޓްކޮށްފައެވެ. އެއީ 73 ޕޮއިންޓަށްވުރެ މަތިން ލިބުނު ފަރާތްތަކެވެ. ދެކޮޓަރީގެ ފްލެޓް ލިބުމަށް ޝަރުތުހަމަވަނީ 397 ފަރާތަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ސަރުކާރުން އިއުލާނުކުރާ ލިސްޓްގައި ފްލެޓް ލިބޭނެ ކަމަށް ކަނޑައަޅާފައިވަނީ 1820 ފަރާތަކަށެވެ. އެއީ %45 އެވެ. %55 ޝަރުތު ހަމަނުވާ ކަމަށް ވަނީ ކަނޑައަޅާފައެވެ. ޕޮއިންޓަށް އައި ބަދަލާއެކު 424 ފަރާތެއް ފްލެޓް ލިބޭ ލިސްޓުން އުނިވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ބަލާ ވެރިފައިކުރުމުގެ މަރުހަލާ ކުރިއަށް ގެންދިޔައީ މިދިޔަ ސަރުކާރުން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ޕޮއިންޓަށްވުރެ މަތިން ޕޮއިންޓް ލިބިފައިވާ ފަރާތްތަކުގެ ފޯމްތައް ކަމަށެވެ. ލިސްޓަށް އެއްވެސް ފަރާތެއް އިތުރުކުރުމަށް އިތުރު ފޯމެއް ބަލާފައިވެސް ނުވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ވެރިފައިކުރުމުގެ މަރުހަލާގައިވެސް ބެލީ ފްލެޓަށް އެދި ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް ކަމަށެވެ. ނަމަވެސް އެލިޔެކިޔުންތަކުގެ ސައްހަކަން ސަރުކާރުގެ ޑޭޓާ ބޭސްތަކުގެ ތެރެއިން ބެލެން އޮތްވަރަކަށް ބެލި ކަމަށް ވިދާޅުވިއެވެ.
ޝަކުވާ ހުށަހަޅަން އެއްމަސް ދުވަހުގެ މުއްދަތެއް ދެއްވާނެ ކަމަށް ވަޒީރު މުއްޠަލިބު ވިދާޅުވިއެވެ.
ރިއެކްޝަންސް






