އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރަށް ޖެއްސުން ކުރަން: ޝަރީފް
ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި އެމްޑީޕީން މަސައްކަތް ކުރަމުން ގެންދަނީ ދައުލަތުގެ މަސައްކަތްތަކަށް ހުރަސްއަޅަން ކަމަށް ޝަރީފް ވިދާޅުވެއްޖެ
އެމްޑީޕީން މަސައްކަތް ކުރަނީ ސަރުކާރު ޖަވާބުދާރީ ކުރުމުގެ ބަދަލުގައި ސަރުކާރަށް ޖެއްސުން ކުރަން ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެ އެވެ.
އެކި ފަހަރު މަތީން ވޯޓު ނެގުން ތާވަލުކޮށްގެން ހިނގައިދިޔަ ހަމަނުޖެހުންތަކުގައި މެމްބަރުން ވަނީ ބަންޑާރަ ނައިބުކަމަށް އަހުމަދު އުޝާމް އަދި، ހައުސިން މިނިސްޓަރުކަމަށް ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރުކަމަށް ޑރ. ޝަހީމް އަލީ ސައީދަށް ރުހުން ނުދޭން ނިންމާފަ އެވެ.
ވަޒީރުންނަށް ރުހުން ދިނުމަށް މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ތާވަލު ކުރުމުން އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ނިންމާފައި ވަނީ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށެވެ.
އެކަމަކު ހަމަ އެ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަ އެބޭފުޅުން އަލުން މަގާމުތަކަށް އައްޔަނު ކުރައްވައި ފަތްކޮޅު އަރުވާފަ އެވެ. ގާނޫނީ ގޮތުން ބަލާއިރު، އެއީ ކުރެވޭނެކަމެއްކަމާއި މެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.
ގާނޫނަށް ބަލާއިރު، ވަޒީރުންނަށް ރުހުން ދިނުމުގައި ބަލަން ޖެހޭނީ ޝަރުތުތައް ހަމަވޭތޯކަމަށް ސަރުކާރު މެމްބަރުން ވަނީ ބުނެފަ އެވެ. އަދި އެމްޑީޕީ އާއި ޑިމޮކްރެޓްސް ބޭނުން ވަނީ ވަޒީރުންނަށް ރުހުން ނުދީ ސަރުކާރަށް އުނދަގޫ ކުރުމަށްކަމަށް ވެސް ތުހުމަތު ކުރި އެވެ.
ވަޒީރުންނަށް ރުހުން ދީފައި ނުވަނީ ޒާތީ ގޮތުންކަމަށް ބުނާ ވާހަކަތައް ތަކުރާރު ކުރައްވައި ޝަރީފް ވިދާޅުވީ ރާއްޖޭގައި އޮތީ ބާރުތައް ވަކިވެފައިވާ ނިޒާމެއްކަމަށާއި ސަރުކާރުން މަޖިލީހުގެ މަސައްކަތްތަކުގެ ތެރެއަށް ވަދެފައިވާކަމަށް އިދިކޮޅު މެމްބަރުން ކުރާ ތުހުމަތުގައި ހަގީގަތެއް ނެތް ކަމަށެވެ.
ޝަރީފް ވިދާޅުވީ ވަޒީރުންނަށް ރުހުން ދިނުމުގައި މަޖިލީހުން ރިއާޔަތް ކުރަން ޖެހެނީ އެބޭފުޅުން ގާނޫނުގައި ބުނާ ޝަރުތުތައް ހަމަވޭތޯ ބެލުން ކަމަށެވެ.
ގާނޫނުއަސާސީއާއި ޑިމޮކްރަސީގެ ނަމުގައި “ޗެކް އެންޑް ބެލެންސްޑް” ގެ ނަން ބޭނުންކޮށް އަމިއްލައިން ގާނޫނަށް ގޮންޖެހުން މާ ގޯސް ނޫންތޯ ޝަރީފް ސުވާލު ކުރެއްވި އެވެ.
ގާނޫނުއަސާސީގެ މި މާއްދާއަށް ބަލާއިރު، ވަޒީރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިފައިވާ ވަޒީރުންނަށް ވާން ޖެހެއެވެ.
ރިއެކްޝަންސް