އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން މެންޗެސްޓަރ ސިޓީ ބަލި
މެޗަށްފަހު ސްޕަރސްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. ފޮޓޯ: ސަކައި ސްޕޯޓްސް

އަމިއްލަ ދަނޑުގައި ޓޮޓްނަމް ހޮޓްސްޕަރ އަތުން މެންޗެސްޓަރ ސިޓީ ބަލި

7 hours ago - 19:17
Aug 23, 2025 - 19:19

އިނގިރޭސި ޕްރިމިއަރ ލީގުގައި މިއަދު މެންޗެސްޓަރ ސިޓީއާއި ޓޮޓްނަމް ހޮޓްސްޕަރ ބައްދަލުކުރި މެޗު 2-0 ން ސްޕަރސް ކާމިޔާބުކޮށްފިއެވެ. މިއާއެކު އާ ކޯޗު ތޯމަސް ފްރޭންކްގެ އިރުޝާދުގެ ދަށުން ކުޅުނު ލީގު ދެމެޗުވެސް ސްޕަރސް ވަނީ ކާމިޔާބުކޮށްފައެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ ކޮޅު ސިޓީގެ އޮމެރް މަރްމޯޝް ގޯލެއްޖަހާނެ ރަނގަޅު ފުރުޞަތެއް ތަނަވަސްކޮށް ބޯޅަ ގޯލާ އަމާޒުކޮށް ފޮނުވާލި ނަމަވެސް ސްޕަރސްގެ ކީޕަރު ގުޖްލެލެމޯ ވިކާރިއޯ ވަނީ އެ ހަމަލާ ދިފާއުކޮށްފައެވެ. އޭގެ ފަހުން އާލިން ހާލަންޑްގެ ހަމަލާއެއްވެސް ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ސްޕަރސްގެ ނަސީބު އަތުގައި ހިފީ ތިރިތިރިން ރިޗާލިސަން ނަގައިދިން ހުރަސް 35 ވަނަ މިނިޓްގައި ބްރެނަން ޖޯންސަން ގޯލަށް ފޮނުވާލުމާއެކުއެވެ. އެ ގޯލް ބަލައިނުގަންނަން ފުރަތަމަ ނިންމި ނަމަވެސް ވީޑިއޯ އެސިސްޓަންޓް ރެފްރީގެ އެހީގައި ފަހުން ވަނީ ގޯލެއްކަމަށް ކަނޑައަޅާފައެވެ.

ސްޕަރސްއަށް ލީޑު ފުޅާކޮށްދިނީ ޔާއޮ ޕަލީނާ އެވެ. ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ  ދެވަނަ މިނިޓްގައި މި ގޯލް ކާމިޔާބުކުރީ އޭރިއާ ތެރެއިން ސިޓީގެ ކީޕަރު ޖޭމްސް ޓްރަފޯޑް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ.

Advertisement
Advertisement

ސްޕަރސް އިން މިސީޒަނަށް ގެންނަން އެންމެ ބޮޑަށް ބޭނުންވެގެން އުޅުނު އެބްރޭޗީ އޭޒޭ ސްޕަރސް އަށް އާނ ބަސް ބުނުމަށްފަހު އެންމެ ފަހުން ވާދަވެރި އާސެނަލް އާ ގުޅެން ނިންމުމާއެކު މިއީ ސްޕަރސް އާ މާ ފަސޭހަ ހަފްތާއެއް ނޫނެވެ. ނަމަވެސް ސިޓީގެ މައްޗަށް މި ހޯދި ކާމިޔާބީއާއެކުތާވަލްގެ އެއްވަނައިގައި މިވަގުތު އޮތުމަކީ ސްޕަރސް އަށް ބޮޑު ހިތްހަމަޖެހުމެކެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow