އޭދަފުށީގެ ކީޕަރު އަޖުފާން އެއް އަހަރަށް ސަސްޕެންޑް ކޮށްފި
މިހާރު ކުރިއަށްދާ ގޯލްޑްކަޕްގެ ދެވަނަ ބުރުގައި ކ.މާފުއްޓާ ދެކޮޅަށް ބ. އޭދަފުށި ކުޅުނު މެޗުގައި ނުރައްކާތެރި ފައުލެއްކުރި އޭދަފުށިގެ ގޯލް ކީޕަރު ޢަލީ އަޖުފާން އަމްޖަދު އެއް އަހަރަށް ސަސްޕެންޑް ކޮށްފިއެވެ.
މުބާރާތް އިންތިޒާމްކުރާ ނައިންޓީ ޕްލަސްގެ ޑިސިޕްލިނަރީ ކޮމިޓިން މައްސަލަ ބަލާ ނިންމުމަށްފަހު ބުދަ ދުވަހު އޭދަފުށީ ޓީމަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ ގޮތުގައި ކޮމިޓީގެ ނިންމުމުގައި އަޖުފާނު ކޮށްފައިވާ ފައުލަކީ "ވަޔަލެންޓް ކޮންޑަކްޓް" އަށް ފެތޭ ފައުލެއްކަމަށް ވަނީ ބުނެފައި ވެއެވެ.
އެހެންކަމުން ސުލޫކީ މިންގަނޑު ތަކާ އެއްގޮތަށް ނައިންޓީ ޕްލަސްއިން ރާވާ ހިންގާ އެއްވެސް މުބާރާތެއްގައި ކުރިއަށް އޮތް އެއް އަހަރުވަންދެން ޢަލީ އަޖުފާން އަމްޖަދަށް ބައިވެރި ނުވެވޭ ގޮތަށް ސަސްޕެންޑް ކޮށްފައިވާކަމަށް ޑިސިޕްލިނަރީ ކޮމިޓީއިން އޭދަފުށީ ޓީމަށް ފޮނުވި ސިޓީގައި ވަނީ އަންގާފައެވެ. މީގެ އިތުރުން ފައުލްގެ އަދަބެއްގެ ގޮތުން ކުޅުންތެރިޔާ 5000 ރުފިޔާއިން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.
މެޗުގައި އަޖުފާންގެ ފައުލާ ގުޅިގެން ނުރުހުން ފާޅުކޮށް ކ. މާފުށީ ޓީމުގެ ސަޕޯޓަރުން ދަނޑަށް އެރުމުގެ ސަބަބުން ކުޅިވަރުގެ ރޫޙާ ޙިލާފް އަމަލެއް ހިންގުމުގެ އަދަބެއްގެ ގޮތުން ކ މާފުށީ ޓީމުވެސް ވަނީ 3000 ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި މި ޖޫރިމަނާގެ ފައިސާ މުބާރާތުގައި އެޓީމު ދެން ވާދަކުރާ މެޗެއްގެ ކުރިން ދެއްކުމަށްވެސް މުބާރާތް އިންތިޒާމްކުރާ ފަރާތުންވަނީ ކ. މާފުށީ ޓީމަށް އަންގާފައެވެ.
ރިއެކްޝަންސް