މެންބަރު އައްބާސްއާ ޗެލެންޖް ކުރައްވާ, އޭނާ ދެއްކެވި ވާހަކަތައް މެންބަރު އިއްބެ ދޮގުކުރައްވައިފި
މެންބަރު އިއްބެ މަޖިލިހުގެ ތަޅުމުގައި ވާހަކަދައްކަވަނީ:ފޮޓޯ-ރައްޔިތުންގެ މަޖިލިސް

މެންބަރު އައްބާސްއާ ޗެލެންޖް ކުރައްވާ, އޭނާ ދެއްކެވި ވާހަކަތައް މެންބަރު އިއްބެ ދޮގުކުރައްވައިފި

އިއްބެ ގޮވާލެއްވީ އޯޑިއޯ ޢާއްމުކުރަން

6 hours ago - 16:30
Aug 8, 2025 - 16:32

ރައްޔިތުންގެ މަޖިލިހުގެ ޕީއެންސީ މެންބަރުންނާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލިހުގެ ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް ދެއްކެވި ވާހަކަތަކަށް ޗެލެންޖްކުރައްވާ, އެވާހަކަތައް ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިން ދޮގުކުރައްވައިފިއެވެ.

މެންބަރު އައްބާސް ރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕީ.އެން.ސީ ގެ 13 ނުވަތަ 14 މެންބަރުން ގޮޑި ގެއްލުނަސް ހެޔޮކަމަށް ނިންމަވާ ޤައުމާއި، ރައްޔިތުންގެ ހައްޤުގައި ޕީ.އެން.ސީ ދޫކޮށް ރައްޔިތުންގެ ފަޅިއަށް އަރާނެކަމީ ޔަގީން ކަމެއް ކަމަށެވެ. އަދި އިއްޔެ ބޭއްވި ޕީ.އެން.ސީ ޕީޖީ ގްރޫޕް ގެ ބައްދަލުވުމުގައި މެންބަރުންގެ ކަންބޮޑުވުންތަށް ބަންޑުންކޮށްލިކަމަށް ވިދާޅުވެ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިންގެ ނަން ފާހަގަކުރެއްވިއެވެ. އިއްބެގެ ނަން ޕޯސްޓްގައި ފާހަގަކުރައްވާފައިވާތީ މިއަދު އިއްބެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޕީ.އެން.ސީގެ ޕީޖީ ބައްދަލުވުމާ ގުޅޭ ގޮތުން ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް ފަތުރަމުންދަނީ  ބުހުތާނު ދޮގު ކަމަށެވެ. އައްބާސް އެދައްކަވާ ވާހަކައަކީ ތެދެއް ކަމުގައިވާނަމަ ސާބިތު ހެއްކާއެކު ރައްޔިތުންނަށް ދެއްކެވުމަށް އިއްބެ ވަނީ ގޮވާލައްވާފައެވެ.

" އަޅުގަނޑު އައްބާސްއާ ޗެލެންޖު މިކުރަނީ އައްބާސް ތިޔަ ދެއްކެވީ ތެދު ކަމަށްވާނަމަ ތިޔަ ވާހަކައިގެ އޯޑިއޯ ސޯޝަލްމީޑިއާށް ހާމަ ކުރުމަށް. އެއިރުން ތިދައްކަވާ ވާހަކާގެ ހަގީގައް ރައްޔިތުންނަށް ސާފުވެގެންދާނެ" އިއްބެ ވިދާޅުވިއެވެ.

އޯޑިއޯ ޢާއްމުކުރަން އިއްބެ ޗެލެންޖްކުރެއްވީ އޯޑިއޯ ހުރިކަމަށް އައްބާސް ވިދާޅުވުމުންނެވެ.

އިއބެ ވިދާޅުވީ ޕީ.އެން.ސީގެ ޕީޖީ ބައްދަލުވުންތަކަކީ ރައްޔިތުންގެ ހައްގުގައި ކުރާ މަސައްކަތާ ގުޅޭ ގޮތުން ފުޅާދާއިރާއެއްގައި ބަހުސް ކުރެވޭ ބައްދަލުވުންތަކެއް ކަމަށެވެ. އައްބާސް މެންގެ ތެރޭގައި އެފަދަ ބައްދަލުވުންތައް ބާއްވައި ކަންކަމާމެދު ޚިޔާލު ބަދަލުކޮށް ބަހުސް ކުރެވޭނެ މާހައުލެއް ނެތީމަ މިފަދަ ކަންކަން ނޭނގުމަކީ ވެދާނެ ކަމެއް ކަމުގައި ގަބޫލުކުރެވޭ ކަމަށްވެސް މެންބަރު އިއްވެ ވިދާޅުވިއވެ.

" އެހެންވީމަ މިނިވަންކަމާއެކު މަސައްކަތްކުރާ ޕާލިމެންޓް ގްރޫޕެއްގެ ތެރޭގައި ފުޅާދާއިރާގައި ބަހުސެއް ކުރެވުނު ވާހަކަ އަޑުއިވުނީމަ އައްބާސްމެންފަދަ ބޭފުޅުންނަށް އެކަންކަން މާބޮޑު ކަމަކަށް ވީނަމަވެސް އެއީ އާދައިގެ ކަމެއް. ޕީ.އެން.ސީގެ ޕާލިމެންޓް ގްރޫޕް އޮތީ ފިސާރި ވަރުގަދައަށް ސަރުކާރަށް އެހީތެރިކަންދީގެން ރައްޔިތުންނަށް އުފާފާގަތިކަން ގެނެސްދިނުމަށް ދެމިތިބުމުގެ ވަރުގަދަ އަޒުމުގަ. މުޅި ޕީޖީ ގްރޫޕް އޮތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙަޢްމަދު މުޢިއްޒުގެ ފަހަތްޕުޅުގަ. ފިސާރި ގަދަކޮށް." އިއްބެ ވިދާޅުވިއެވެ.

މެންބަރު އިއްބެގެ އިތުރުން މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކްގެ ނަންވެސް އައްބާސްގެ ޕޯސްޓްގައި ފާހަގަކުރައްވާފައި ވާތީ ހުސްނީވެސް ވަނީ އެވާހަކަ ދޮގުކުރައްވާފައެވެ. އަދި އައްބާސް ދެއްކެވި ވާހަކަތައް މަޖިލިހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕަސަން އަބްދުއްރަހީމް ޢަބްދުالله އާއި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހީމް ފަލާހުގެ އިތުރުން އެހެން ބައެއް މެންބަރުންވެސް ވަނީ ދޮގުކުރައްވާފައެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow