
ޣައްޒާ ހިފުމަށް ނިންމި އިޒްރާއިލްގެ އިސްތިއުމާރީ ޕްލޭނަކީ ބައިނަލްއަޤުވާމީ ޤާނޫނާ ހިލާފް އަމަލެއް: ރައީސް
ޣައްޒާ ހިފުމަށް އިޒްރާއިލްގެ އިސްތިއުމާރީ އިދާރާތަކުން ތަންފީޒުކުރަން ނިންމި ޕްލޭނުގެ ކޮންމެ އަމަލަކީ ބައިނަލްއަޤުވާމީ ޤާނޫނާ ހިލާފްކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމދު މުއިއްޒުވިދާޅުވެއްޖެއެވެ. ރައީސް ވަނީ އިޒްރާއިލްގެ ޕްލޭން ހަރުކަށީ އިބާރާތުން ކުށްވެރިކުރައްވާފައެވެ.
އިޒްރާއިލްއިން އިން ޣައްޒާ އެމީހުންގެ ބާރުގެ ދަށަށް ގެންނައުމަށް އިޒްރާއިލްގެ ސަލާމަތީ ކެބިނެޓުން މިއަދު ނިންމި ނިންމުމާ ގުޅިގެން އެކްސްގައި އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އެކަމުގެ ސަބަބުން ފަލަޞްޠީނުގެ ރައްޔިތުންގެ އަމިއްލަ މިނިވަންކަން އެއްކޮށް ގެއްލިގެންދާނެ ކަމުގައެވެ.
"އެ ނިންމުމަކީ ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކުގައި ދިރިއުޅޭ ފަލަޞްޠީނުގެ ރައްޔިތުން ތަޙައްމަލް ކުރަމުންދާ ކެކުޅުން އިތުރުވެގެންދާނެ ކަމެއް. އަދި ސަރަަޙައްދުގެ ސުލްހަ މަސަލަސްކަމަށް ދިގުދެމިގެން ނުރައްކަލެއް" ރައީސް ވިދާޅުވެފައި ވެއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޣައްޒާ އިޒްރާއިލްގެ އިސްތިއުމާރުގެ ދަށަށް ގެއްދިއުމަށް ހިންކގާ އެއްވެސް އަމަލެއް ރާއްޖެއިން ބަލައިނުގަންނާނެ ކަމަށާއި, ރާއްޖޭގެ ރައްޔިތުން އަބަދުވެސް ފަލަޞްޠީނުގެ ރައްޔިތުންގެ ހައްޤުގައި ވާކާލާތުކުރައްވާނެކަމުގައެވެ.
އަދި އިޒްރާިއލްއިން ފަލަޞްޠީނުގައި ހިންގަމުންގެންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ރައީސްވަނީ އެކަން ހުއްޓުވައިދިނުމަށް ބައިނަލްއަޤުވާމީ މުޖުތަމުއު އިން އަވަސް ފިޔަވަޅުތައް އަޅައިދިނުމަށް ގޮވާލައްވާފައެވެ. އަދި އިޒްރާއިލް އިން ޣައްޒާ ހިފަން ނިންމި ނިންމުން ތަންފީޒު ކުރިޔަ ނުދިނުމަށްވެސް ބައިނަލް އަޤުވާމީ މުޖުތަމައުއަށް ވަނީ ގޮވާލައްވާފައެވެ.
ނިންމާލަމުން ރައީސް ވަނީ އިޒްރާއިލްއިން ޣައްޒާ އަދި ހިފާފައިވާ ފަލަޞްޠީނުގެ ބިންތަކުގައި ހިންގާ ޖަރީމާތަކަށް އިޒްރާއިލް ޖަވާބުދާރީ ކުރުވުމަށްވެސް ގޮވާލައްވާފައެވެ.
ރިއެކްޝަންސް






