
މަސައްކަތް ނިންމާ މާލެއާ ހުޅުމާލެ އަށް ކަރަންޓް ދީފި
މަސައްކަތްތަކެއް ކުރުމަށް ބައެއް ސަރަހައްދުތަކުން ކަރަންޓްގެ ޚިދުމަތް މެދުކަނޑާލުމަށްފަހު ތާވަލްކުރި ވަގުތަށްވުރެ އަވަހަށް ޚިދުމަތް ދީފިއެވެ.
މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނު 6:00 ން ފެށިގެން ކަރަންޓްގެ ޚިދުމަތް މެދު ކެނޑެމުން ދާނެކަން ސްޓެލްކޯއިން ދުރާލާ އިއުލާނުކުރިއެވެ. ޚިދުމަތް މެދުކަނޑަމުން ދިޔަވަރަކަށް އަދި އަލުން ޚިދުމަތް ދެމުން ދިޔަވަރަކަށް އެކަންވެސް ސްޓެލްކޯއިން ދިޔައީ އަންގަމުންނެވެ.
ބައެއް ސަރަހައްދުތަކުން ޚިދުމަތް މެދުކަނޑާލީ ހުޅުމާލޭ އިންޖީނުގޭގައި ކުރަމުންދިޔަ މަސައްކަތްތަކަކަށެވެ. މަސައްކަތް ނިންމާ ޚިދުމަތް ދިނުމަށްފަހު ސްޓެލްކޯއިން ބުނީ ތާވަލްކުރެވިފައިވާ ވަގުތުގެ ކުރިން ނިންމާ އިންޖީނުތައް ލޯޑަށްލެވި މިހާރު މާލެއާއި ހުޅުމާލޭގެ ކަރަންޓުގެ ހިދުމަތް އާންމުހާލަތަކަށް ގެނެވިފައިވާ ކަމަށެވެ. ޚިދުމަތް އަލުން ދިނުމަށްފަހު ސްޓެލްކޯއިން އެކަން އެންގީ 8:44 ގައެވެ.
ސްޓެލްކޯއިން ބުނީ ލޯޑް ޝެޑްކުރުން ހުއްޓާލައި، މާލެއާއި ހުޅުމާލޭގެ ހުރިހާ ސަރަހައްދަކަށް މިހާރު ވަނީ އަލުން ކަރަންޓު ފޯރުކޮށްދެވިފައި ކަމަށެވެ.
"މިފަދަ ކަންކަމުގައި ކަސްޓަމަރުންގެ ފަރާތުން އަބަދުވެސް މި ކުންފުންޏަށް ލިބެމުން އަންނަ އެއްބާރުލުމަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވަން. އަދި މީގެ ސަބަބުން ދިމާވި ދަތިތަކަށް މަޢާފަށް އެދެން." ސްޓެލްކޯއިން ބުންޏެވެ.
ރިއެކްޝަންސް






