
ވަކީލުންގެ މަންދޫބު ވޯޓް ދިން ގޮތް ސާފްކުރަން ވަކީލުން ޖޭއެސްސީއަށް!
ސްޕްރީމް ކޯޓްގެ ތިން ފަނޑިޔާރުން ސަސްޕެންޑް ކުރަން އިއްޔެ ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމެވި ނިންމެވުމުގައި, ވަކީލުން އެކޮމިޝަނަށް އިންތިޚާބުކުރި މެމްބަރު ވޯޓް ދެއްވި ގޮތް ސާފްކުރަން ވަކީލުންތަކެއް މިއަދު ޖޭއެސްސީއަށް ހިނގައްޖެއެވެ.
ޖޭއެސްސީއަށް ދިޔަ ވަކީލުންގެ ޓީމް ލީޑް ކުރެއްވީ މަޖިލިހުގެ މެމްބަރުން ޕާޓީން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފިނަމަ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ގެނައި ބަދަލު ބާތިލްކުރަން ސްޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި ބޭފުޅުންނެވެ. ޖޭއެސްސީގައި ވަކީލުން ތަމްސީލް ކުރައްވަނީ އަލްއުސްތާޛު އަލީ އަބްދުއްލަތީފް އެވެ.
ޖޭއެސްސީއަށް ދިޔަ ވަކީލުންގެ ފަރާތުން ވާހަކަދައްކަވަމުން ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ އެބޭފުޅުން ޖޭއެސްސީއަށް ދިޔައީ ހަމަ ކުއްލިއަކަށް 13 މިނިޓްގެ ނޯޓިސް ދީފައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޖަލްސާއެއް ބާއްވާ ސްޕްރީމް ކޯޓްގެ ތިން ފަނޔާރަކު ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން އެކަން ހިނގާފައިވާ ގޮތް ބެލުމަށް ކަމަށެވެ. އަދި ވަކިން ޚާއްޞަކޮށް ވަކީލުންގެ ފަރާތުން ހޮވާފައިވާ މެމްބަރު އެމައްސަލަ ނިންމި ޖަލްސާގައި ބައިވެރިވިތޯ އާއި ބައިވެރިވެ ވޯޓްލެއްވީ ކިހިނެއްތޯ އާއި އެކަން ދިޔަގޮތް ސާފްކުރުމަށް ކަމަށް ޤާނޫނީ ވަކީލް އަލީ ހުސައިން ވިދާޅުވިއެވެ.
"ޖަލްސާގައި އަޅުގަނޑުމެނގެ މަންދޫބު ވޯޓްލިގޮތަކާއި, އަމަލުކުރި ގޮތަކާއި, އެދެއްކި ވާހަކައަކާއި, މިވަރު މައުލޫމާތަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކޮންމެހެން ޖޭއެސްސީގެ ޖަލްސާއެއް ބާއްވައިގެން އެމައުލޫމާތު ހަމައެކަނި ދެވޭވަރު ކަންކަމެއް ނޫން ހަގީގަތުގަ. އެއަށްވުރެ މާފަސޭހައިން, މާ ރަނގަޅަށް, މާ ޒިންމާދާރުކޮށް ވާން ޖެހޭނެ ކަންކަން." އަލީ ހުސައިން ވިދާޅުވިއެވެ.
ބޭނުންވާ މައުލޫމާތު ލިޔުމުން ހުށަހަޅަން ޖޭއެސްސީން އެދުމުން ލިޔުމުން ހުށަހަޅާފައިވާ ކަމަށާއި, ނަމަވެސް މައުލޫމާތު ދިނުމާމެދު ގޮތެއް ނިންމާނީ ކޮމިޝަންގެ ބައްދަލުވުމަކަށްފަހު ކަމަށް އެބޭފުޅުންނަށް ކޮމިޝަނުން އެންގިކަމަށް އަލީ ވިދާޅުވިއެވެ. އެކަމަކު އޭނާ ވިދާޅުވީ 13 މިނިޓުން އިއްޔެ ކޮމިޝަންގެ ބައްދަލުވުމެއް ބޭއްވިއިރު, މިއަދު ދޮޅުގަޑިއިރު ކޮމިޝަންގައި މަޑުކުރެއްވުމުންވެސް ބައްދަލުވުން ނުބޭއްވުނު ކަމަށެވެ.
ރިއެކްޝަންސް






