އައްޑޫ ސިޓީން ފަސްޓް ލޭޑީ ސާޖިދާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

އައްޑޫ ސިޓީން ފަސްޓް ލޭޑީ ސާޖިދާއަށް ހޫނު މަރުޙަބާއެއް ދަންނަވައިފި

2 hours ago - 09:57
Mar 25, 2026 - 09:58

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ރޭ އައްޑޫ ސިޓީއަށް ވަޑައިގަތުމާއެކު، އެ ސިޓީގެ ގިނަ އަދަދެއްގެ ރައްޔިތުން އެކަމަނާއަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.


ފަސްޓް ލޭޑީ ސާޖިދާ ރޭ އައްޑޫ ސިޓީއަށް ވަޑައިގަތީ، ފުވައްމުލައް ސިޓީގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށްފަހުއެވެ. ފުވައްމުލަކަށް ކުރެއްވި ޒިޔާރަތުގައި، އެ ސިޓީގެ މޭޔަރުކަމަށާއި ކައުންސިލް މެންބަރުކަމުގެ އިތުރުން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް އަދި މެންބަރުކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު އެކަމަނާ ވަނީ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ހަރަކާތުގެ ތެރެއިން ފުވައްމުލަކުގެ އެކި ގެތަކަށް ޒިޔާރަތްކުރައްވައި ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން، ކެންޑިޑޭޓުންނާ ބައްދަލުކުރައްވައި ކެމްޕެއިންގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.


އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުންދާ ޒިޔާރަތުގައި، އެ ސިޓީގެ މޭޔަރުކަމަށް ވާދަކުރައްވާ މުޝްރިފް އަލީގެ އިތުރުން، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަ ކުރައްވާ އާމިނާތު އީނާ އެކަމަނާއަށް މަރުޙަބާ ދެންނެވުމުގައި ބައިވެރިވެވަޑައިގަތެވެ. މީގެ އިތުރުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާންގެ އިތުރުން ޕީއެންސީގެ ކެންޑިޑޭޓުން ވެސް މި ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަންނަވައެވެ.


ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ބައިވެރިވެވަޑައިގަންނަވާ އައްޑޫ ސިޓީގެ "ދޮރުން ދޮރަށް" ހަރަކާތް މިއަދު މިހާރު ވަނީ ފަށާފައެވެ. މި ހަރަކާތުގެ މަޤްޞަދަކީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމާއި، ރައްޔިތުންގެ ހާލުބެއްލެވުމެވެ.

                    

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow