އައްޑޫ ސިޓީގެ ޕީއެންސީ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް މެޑަމް ސާޖިދާ "ދޮރުން ދޮރަށް" ހަރަކާތް ފަށްޓަވައިފި
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން އައްޑޫ ސިޓީގެ އެކި ދާއިރާތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު އައްޑޫ ސިޓީގައި "ދޮރުން ދޮރަށް" ހަރަކާތެއް ފަށްޓަވައިފިއެވެ.
މިއަދު ހެނދުނު ހިތަދޫއިން ފެށި މި ހަރަކާތް މިހާރުވެސް އެ އަވަށުގެ އެކި ސަރަހައްދުތަކުގައި ކުރިއަށްދާއިރު، މި ދަތުރުފުޅުގައި މަރަދޫ، މަރަދޫ ފޭދޫ، އަދި ފޭދޫގެ ގޭގެއަށް ޒިޔާރަތްކުރުމަށް ވަނީ ނިންމާފައެވެ. މި ހަރަކާތުގެ ތެރެއިން މެޑަމް ސާޖިދާ ގެންދަވަނީ ގިނަ އަދަދެއްގެ ގޭގެއަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ހާލު ބައްލަވައި، އިންތިޚާބުގައި ވާދަކުރާ ސަރުކާރު ހިންގާ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ.
މެޑަމް ސާޖިދާގެ އަރިހުގައި މި ހަރަކާތުގައި އައްޑޫ ސިޓީގެ މޭޔަރު ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް މުޝްރިފް އަލީއާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސާ ކަމަށް ވާދަކުރައްވާ އާމިނާތު އީނާ ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން، އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާންގެ އިތުރުން ލޯކަލް ކައުންސިލް އިންތިޚާބަށާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގައި ވާދަކުރައްވާ ޕީއެންސީގެ އެހެނިހެން ކެންޑިޑޭޓުންނާއި ޕާޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވަމުންދެއެވެ.
މި "ދޮރުން ދޮރަށް" ހަރަކާތުގެ ތެރެއިން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގެ އެކި ސަރަހައްދުތަކަށް ޒިޔާރަތްކުރަމުންދާއިރު، ސަރުކާރަށް ތާއީދުކުރާ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މި ހަރަކާތުގައި ބައިވެރިވެފައެވެ. މި ހަރަކާތުން ފެނިގެންދަނީ އައްޑޫ ސިޓީގައި ޕީއެންސީއަށް އޮތް ވަރުގަދަ ތާއީދެވެ.
ރިއެކްޝަންސް



