"މާލެ ޓެކްސީ" ލައިންގެ ފުރަތަމަ ބެޗްގެ ކާރުތައް ރާއްޖެ ގެނެސްފި
ސަރުކާރުން އަލަށް ފެށުމަށް ނިންމާފައިވާ "މާލެ ޓެކްސީ" ލައިންގެ ޚިދުމަތަށް ބޭނުންވާ ކާރުތަކުގެ ފުރަތަމަ ޝިޕްމަންޓް މިއަދު ހުޅުމާލެ ޕޯޓަށް ގެނެސްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ، މި މަޝްރޫއުގެ ދަށުން ގެނައި ފުރަތަމަ 60 ކާރު ބޭލުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. މިއީ މާލެ ސަރަހައްދުގެ ޓެކްސީގެ ޚިދުމަތް ހަރުދަނާކޮށް، ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރުގެ ނިޒާމެއް ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.
ސަރުކާރުގެ ޕްލޭނަކީ ފުރަތަމަ ބުރުގައި ޖުމްލަ 150 ކާރާއެކު ޚިދުމަތް ފެށުމެވެ. އެގޮތުން ބާކީ އޮތް 90 ކާރު ހިމެނޭ ދެވަނަ ޝިޕްމަންޓް މި މަހުގެ 28 ވަނަ ދުވަހު ރާއްޖެ ގެނައުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.
"މާލެ ޓެކްސީ" ލައިންގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތިން މޮޑެލެއްގެ ކާރުތަކެކެވެ. މީގެ ތެރެއިން އެއް މޮޑެލްގެ ކާރުތައް ތައިލެންޑުން ގެންނައިރު، އަނެއް ދެ މޮޑެލްގެ ކާރުތަކަކީ ޗައިނާއިން ގެންނަ ކާރުތަކެކެވެ. މި ހުރިހާ އުޅަނދުތަކަކީ ވެސް ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލް (އީވީ) ތަކެކެވެ.
މި ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، އޭގެ ތެރެއިން 122 ޑްރައިވަރުންނަކީ ފުލްޓައިމްކޮށް މަސައްކަތްކުރާނެ މުވައްޒަފުންނެވެ. "މާލެ ޓެކްސީ" ގެ ޚިދުމަތް 24 ގަޑިއިރު ލިބޭނެ ކަމަށާއި، މިކަމަށްޓަކައި ޚާއްޞަ އެޕްލިކޭޝަނެއްގެ އިތުރުން '1655' ނަންބަރުގެ ހޮޓްލައިނެއް ވެސް މިހާރު ވަނީ ތައާރަފުކޮށްފައެވެ.
މި އައު ޓެކްސީ ލައިންގެ ސަބަބުން މާލެ އާއި ހުޅުމާލެ އަދި ހުޅުލެއާ ދެމެދު ކުރާ ދަތުރުތަކަށް ބޮޑު ލުޔެއް ލިބި، ޓެކްސީ ހޯދުމުގައި އާންމުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް ސަރުކާރުން އުންމީދު ކުރެއެވެ.
ރިއެކްޝަންސް









