
އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން މިނިވަންކުރުމަށް ހަމަޖެހިފައިވާ ފަލަޞްޠީނުގެ ހުރިހާ އަސީރުން މިއަދު މިނިވަންކުރަނީ
456 އަސީރުން މިއަދުގެ މިހާތަނަށް ވަނީ މިނިވަންކޮށްފަ
ހަމާސް އާއި އިޒްރާއިލްއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމާ އެއްގޮތަށް މިނިވަން ކުރަން ކަނޑައަޅާފައިވާ ހުރިހާ އަސިރުން މިއަދު ދޫކޮށްލާނެކަމަށް ރިޕޯޓްތައް ބުނެފިއެވެ. އެއްބަސްވުމުގެ ފުރަތަމަ މަރުހަލާގެ ދަށުން އެންމެ ފަހު ބުރުގައު މިނިވަން ކުރަން ހަމަޖެހިފައިވަނީ 620 އަސީރުންނެވެ.
އެމީހުން މިނިވަން ކުރުން ފާއިތުވި ހޮނިހިރު ދުވަހަށް ކަނޑައެޅިފައި ވީނަމަވެސް އިޒްރާއިލްއިންވަނީ އެއްބަސްވުމުމާ ޚިލާފަށް އެދުވަހު އަސީރުން މިނިވަންކުރުމަށް ދެކޮޅުހަދާފައެވެ.
މި 620 އަސީރުންގެ ތެރެއިން 456 މީހަކު މިހާރުވަނީ އިޒްރާއިލްގެ ޖަލުތަކުން މިނިވަންވެ ޣައްޒާއަށް އެނބުރި އައިސްފައެވެ. މިނިވަންކުރާ މީހުންގެ ތެރެއިން 97 މީހަކު ޣައްޒާއިން އަރުވާލުމަށްޓަކައި މިޞްރަށް ގެންގޮސްފައިވާއިރު, އިތުރު ފަސް މީހަކު ވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ އިރުމަތީ ޤުދުސްއަށް ގެންދެވިފައެވެ.
24 ކުޑަކުއްޖަކުވެސް ހިމެނޭހެން ބާކީތިބި އަސީރުން މިއަދު މިނިވަންކުރަން ހަމަޖެހިފައިވާއިރު, އެމީހުން މިނިވަންކުރާނެކަމަށް ބެލެވެނީ ހަމާސްއިން މިއަދު ހަވާލުކުރި ހަތަރު ރަހީނުންގެ ހަށިތައް އިޒްރާއިލްއިން ވެރިފައި ކުރުމަށްފަހުއެވެ.
އަސީރުން މިނިވަންކުރުން އިޒްރާއިލްއިން ފަސްކުރީ ހަމާސްއިން ރަހީނުން މިނިވަންކުރާއިރު އެމީހުންގެ ކަރާމާތަށް އުނިކަން އަންނަގޮތަށް އަމަލުކުރާކަމަށްބުނެއެވެ. އަސީރުން މިނިވަން ކުރުމަށް ޖެނުއަރީ 19 އިން ފެށިގެންވެސް ހަމާސްއިން އަމަލުކުރަމުން އައިސްފައިވަނީ ދާދި އެއްގޮތަކަށެވެ. ކުރިން އިޒްރާއިލްއިން އެކަމަށް ފާޑުކިޔާފައި ނުވިނަމަވެސް އެންމެ ފަހުން ރަހީނުން މިނިވަން ކުރި ދުވަހު މިނިވަންކުރި ރަހީނަކު ހަމާސްގެ މުޖާހިދުންގެ ބޮލަށް ދޮންދިން މައްސަލައަކީ އިޒްރާއިލްއަށް ހަޖަމްނުވި ކަމެކެވެ.
އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ މުއްދަތު ގާތްގަނޑަކަށް ނިމިފައިވާއިރު އެއްބަސްވުމާ އެއްގޮތަށް ހަމާސްއިންވަނީ 33 ރަހީނުން މިނިވަންކޮށްފައެވެ. އޭގެ ތެރޭގައި މަރުވެފައިވާ 8 މީހެއްގެ ހަށިގަނޑު ހަވާލުކުރުންވެސް ހިމެނެއެވެ. މިއަދު މިނިވަންކުރާ އަސީރުންނާއެކު ފަލަޞްޠީނުގެ 2000 އްހާ މީހުންވެސް މިނިވަންވާނެއެވެ.
ރިއެކްޝަންސް






