 
                                    މަރުގެ ހަޅުތާލުތަކަކަށްފަހު ނޭޕާލްއިން ފުރަތަމަ ފަހަރަށް އަންހެން ބޮޑުވަޒީރެއް
ވަގުތީ ބޮޑުވަޒީރު ސުޝީލާ ކާކީ އަކީ ކުރީގެ އުއްތަމަ ފަނޑިޔާރު
ނޭޕާލްގައި ހަފުތާއެއް ވަންދެން ކުރިއަށްދިޔަ ވަރުގަދަ މުޒާހަރާތަކުގައި 51 މީހެކު މަރުވެ 1300 މީހުންނަށް އަނިޔާވެފައިވަނިކޮށް އެޤައުމުގައި ބޮޑުވަޒީރުކަމަށް ފުރަތަމަ ފަހަރަށް އަންހެން ބޭފުޅަކު އައްޔަނުކޮށްފިއެވެ. ކުރީގެ އުއްތަމަ ފަނޑިޔާރު ސުޝީލާ ކާކީ ވަގުތީ ބޮޑުވަޒީރުކަމަށް އައްޔަނުކޮށްފައިވަނީ މުޒާހަރާގެ ދެވަނައަށްވީ ދުވަހު އޭރު ބޮޑުވަޒީޒުކަމުގައި ހުންނެވި ކޭޕީ ޝަރްމާ އޮލީ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އުމުރުފުޅުން 73 އަހަރުގެ ސުޝީލާ ބޮޑުވަޒީރުކަމަށް އައްޔަނުކުރެއްވިކަން އިއުލާންކުރެއްވީ ރައީސް ރާމްޗަންދްރާ ޕައުޑޭލްގެ އޮފީހުން މިއަދުގެ ވަގުތެއްގައެވެ.
މުޒާހަރާތައް ހޫނުވެ ސަލާމަތީ ބާރުތަކާއި އާންމުންނާ ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ 21 ބައިވެރިއަކާއި, 9 ޤައިދީއެއްގެ އިތުރުން 3 ފުލުސް އޮފިސަރުންނާއި އިތުރު 18 މީހަކު މަރުވެފައިވާކަން ނޭޕާލްގެ ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. މުޒާހަރާގެ ތެރެއިން ޖަލުތަކުން އެތައްހާސްބަޔަކު ފިލާފައިވެސް ވެއެވެ.
ފުލުހުންގެ ތަރުޖަމާނު ބިނޯދް ގިމީރޭ އާ ހަވާލާދީ އަލްޖަޒީރާއިން ބުނިގޮތުގައި ނޭޕާލްގެ އެކި ޖަލުތަކުން 13,500 މީހަކު ވަނީ ފިލާފައެވެ. އޭގެތެރެއިން ހާހެއްހާ މީހުން ހޯދިފައިވާއިރު ބާކީ 12,533 މީހުން އަދިވެސް ނުފެނެއެވެ.
ހަމަނުޖެހުންތަކާއެކު ނޭޕާލްގައި އަދިވެސް އޮތީ ކާފިއު އިއުލާންކޮށްފައެވެ. ހަމަނުޖެހުންތައް ފެށުން ގުޅިފައިވަނީ ނޭޕާލްގައި މީސްމީޑިއާގެ ގިނަ މަންސަތަކެއް އެއްފަހަރާ ބްލޮކް ކުރުމުން ކަމަށް ވިއަސް މޫލާފައިވާ އޮތް ދައުލަތުގެ ކަރަޕްޝަން އާއި މަޤާމުގެ ނުފޫޒު ނާޖާއިޒުގޮތުގައި ބޭނުންކުރުން މިއީ މުޒާހަރާތައް ހުއްޓާނުލާ ކުރިއަށް ގެންދިޔަ މައިގަނޑު ސަބަބެވެ.
ޒުވާނުން އިސްވެ ފެށި މުޒާހަރާގައި އެޤައުމުގެ މަޖިލިސް ކުރާ ގެ އާއި ދައުލަތުގެ އިމާރާތްތަކުގެ އިތުރުން ސިޔާސީ މީހުންގެ ގެތަކުގައިވެސް ވަނީ ރޯކޮށް, ބޮޑެތި ގެއްލުންތަކެއް ދީފައެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    

 
                                                                                                                                             
                                                                                                                                             
                                                                                                                                            
