
ދެ ދައުލަތުގެ ހައްލާއެކު ފަލަޞްޠީނުގެ ދައުލަތް ބަލައިގަތުގެ ޤަރާރު ރާއްޖޭގެ ވޯޓާއެކު ފާސްކޮށްފި
ރައީސް މުއިއްޒުވަނީ މި ޤަރާރަކީ ފަލަޞްޠީނުގެ މައްސަލައަށް ހައްލު ހޯދުމަށް މުހިއްމު ޤަރާރެއް ކަމަށް ވިދާޅުވެފައި
ދެ ދައުލަތުގެ ޙައްލު ޤާއުމްކުރުމަށް ފަލަޞްޠީނުގެ ދައުލަތްބަލައިގަތުމާގުޅޭ ގަރާރު, 'ނިއުޔޯކް ޑެކްލަރޭޝަން' ދިވެހިރާއްޖޭގެ ވޯޓާއެކު އދ ގެ އާންމު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ޤަރާރުގައި ހިމެނެނީ ފަލަޞްޠީނު މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާއި ދެ ދައުލަތަށް ފަލަޞްޠީނުގެ ބިމުގައި ޖާގަދިނުމެވެ.
ޤަރާރު ފާސްކޮށްފައިވަނީ 142 ޤައުމެއްގެ ވޯޓާއެކުއެވެ. ޤަރާރު ބަލައިގަތުމަށް 10 ގައުމަކުން ވޯޓް ދީފައިނުވާއިރު, 12 ޤައުމަކުން ވޯޓުގައި ބައިވެރިވެފައެއް ނުވެއެވެ. ވޯޓް ނުދިން ޤައުމުތަކުގެ ތެރޭގައި އިޒްރާއިލްއާއި އެމެރިކާވެސް ހިމެނެއެވެ.
މި ޑެކްލަރޭޝަން އަކީ މިދިޔަ ޖުލައިމަހު 28 ން 30 އަށް ސައުދިއެރޭބިއާ އާއި ފްރާންސްއިން ރިޔާސަތު ބެލެހެއްޓި އދ ގެ ކޮންފަރެންސްގައި ހުށަހެޅި ޤަރާރެކެވެ. މި ޤަރާރުގައި ފަލަޞްޠީނުގެ މައްސަލައަށް ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ ފަލަޞްޠީނުގައި މިނިވަންކަމާއި, ދެމެހެއްޓެނިވި އިޤްތިޞާދެއް ބިނާކުރުމާއި ދިމިޤްރާތީ ދައުލަތެއް ޤާއިމްކުރުމަށް ގޮވާލާފައިވެއެވެ.
ފަލަޞްޠީނުގެ ދައުލަތުންވެސް ވަނީ މި ނިންމުމަށް މަރުޙާބާ ކިޔާފައެވެ. އެކަމާ ގުޅޭގޮތުން ފަލަޞްޠީނުގެ ހާރިޖިއްޔާއިން ނެރުނު ބަޔާނުގައި ފަލަޞްޠީނުގެ މިނިވަންކަމަށް މަގުފަހިކުރުމަށް މިޤަރާރު އެކުލަވާލާ ފާސްކުރުމަށް މަސައްކަތްކޮށްދެއްވި ޤައުމުތަކަށް ޝުކުރުދަންނަވާފައި ވެއެވެެ.
އދ ން މިޤާރާރު ފާސްކުރުމާއެކު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުވެސް ވަނީ އެކަން ފާހަގަކޮށް އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޤަރާރަކީ ފަލަޞްޠީނުގެ މައްސަލަ އަށް ހައްލު ލިބިމަށް މުހިންމު ނިންމުމެއްކަން ފާހަގަކުރައްވައި ރައީސްވިދާޅުވީ ރާއްޖެއިން އަބަދުވެސް އޮންނާނީ ފަލަޞްޠީނުގެ މިނިވަންކަމަށް ވަކާލާތުކުރުމުގައި ކަމުގައެވެ.
މިޤަރާރު ފާސްކޮށްފައިވީނަމަވެސް ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ޤާއިމްވިޔަނުދިނުމަށް ކުރެވެންހުރި ހުރިހާ ކަމެއް އިޒްރާއިލްއިން މިހާރުވެސް އަންނަނީ ކުރަމުންނެވެ. 1967 ގެ ފަހުން އިޒްރާއިލްއިން ހިފާފައިވާ ހުޅަނގު އައްސޭރީގެ ބޮޑުބައެއްގައި ބައިނަލްއަޤުވާމީ ޤާނޫނުތަކާހިލާފަށް 700,000 އެއްހާ ޔަހޫދީން ވަނީ އާބާދުކޮށްފައެވެ. އަދި މިހާރުވެސް ހުޅަނގުއައްސޭރީގެ ދެކުނު އަދި އުތުރު ވަކިކޮށް ބިޔަ ޔަހޫދީ ވަޒަންތަކެއް އަޅައި މިހާރުގެ ޔަހޫދީ އާބާދީތަކާއި ގުޅުވާލައި ޔަަހޫދީ އާބާދީ ފުޅާކުރުމުގެ ހީލަތްތެރި އީ-1 ޕްލޭން ފާސްކޮށް އިޒްރާއިލްއިން ދަނީ އަމަލުކުރަމުންނެވެ. އިޒްރާއިލް އިން ވަނީ އެ ޕްލޭންއަށް އަމަލުކޮށްނިމޭއިރު ބަލައިގަންނާނެ ފަލަޞްޠީނުގެ ދައުލަތެއް ނޯއްނާނެކަމަށް ބުނެފައެވެެ.
ފާސްކުރި ޤާރާރު ބުނާގޮތުން ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލައި ހަމާސްއިން އަމާންދީ އަދި ޣައްޒާ ހިންގުން ފަަލަޞްޠީިނިއަން އޮތޯރިޓީ އާ ހަވާލުކުރަންޖެހޭނެއެވެެ. މާނައަކީ މިނިވަން ފަލަޞްޠީނެއްގައި ހަމާސްގެ ދައުރެއް ނޯއްނާނެއެވެ.
ރިއެކްޝަންސް






