
އިޒްރާއިލްއިން އިއްޔެ މިނިވަންކުރި ފަލަޞްޠީނުގެ ހަތް މީހަކު ހޮސްޕިޓަލްގައި އެނދުމަތިކޮށްފި
އިޒްރާއިލްގެ ޖަލުތަކުގައި ދީފައިވާ އަނިޔާތަކަށް ފަރުވާދިނުމަށް ހަތް މީހަކު ހޮސްޕިޓަލްގައި އެނދުމަތިކޮށްފި ކަމަށް ފަލަޞްޠީނުގެ ޕްރިޒަނަރސް ކްލަބުން ބުނެފިއެވެ. ހަމަލާތައް ހުއްޓާލުމާބެހޭ އެއްބަސްވުމުގެ ދަށުން އިއްޔެ މިނިވަންކުރި 183 މީހުންގެ ތެރެއިން 7 މީހުން އެނދުމަތިކޮށްފައިވާއިރު މީގެ ކުރިންވެސް އިޒްރާއިލްގެ ޖަލުންތަކުން ދޫކޮށްލި ފަލަޞްޠީނުގެ ރައްޔިތުންގެ ގައިން އަނިޔާގެ ގިނަ އަދި ބޮޑެތި ނިޝާންތައް ފެނިފައި ވެއެވެ.
"ރާމަالله އަށް ގެނައުމާއެކު އަވަސްފަރުވާއަށް އެމީހުންވަނީ ހޮސްޕިޓަލްއަށް ގެންގޮސް ފަރުވާ ދޭންފެށިފަ" ކްލަބުން އޭއެފްޕީއަށް މަޢުލޫމާތު ދީފައިވެއެވެ. އަސީރުން ބަދަލުކުރުމުގައި އެމީހުން އުފުލުމުގެ ކަންކަން ބަލަހައްޓާ ބައިނަލްއަޤުވާމީ ފެޑޭރޭޝަން އޮފް ރެޑް ކްރޮސްއިންވެސް ވަނީ އެކަން ކަށަވަރުކޮށްދީފައެވެ.
ކްލަބުން އިތުރަށްބުނީ އިއްޔެ ދޫކޮށްލި އެންމެންވެސް އިޒްރާއިލްގެ ޖަލުތަކުގައި އަނިޔާގެ ޝިކާރައަށް ވެފައިވާކަމަށާއި ސިއްޙީ ފަރުވާއާއި ނަފްޞާނީ އެހީތެރިކަން އެންމެނަށްވެސް ބޭނުންވާކަމުގައެވެ. މިހާތަނަށް ދޫކޮށްލި 566 މީހުންގެ ތެރެއިން 100 މީހަކު މިހާރުވަނީ ޣައްޒާއަށް އެތެރެވެފައެވެ.
އަސީރުން ބަދަލުކުރުމުގެ ފަސްވަނަ ބުރުގައި އިއްޔެވަނީ އިޒްރާއިލްގެ 3 ރަހީނަކުވެސް މިނިވަންކޮށްފައެވެ. އެއްބަސްވުމުގެ ދަށުން މިނިވަންކުރާ 33 ރަހީނުންގެ ތެރެއިން 21 މިހަކު މިހާތަނަށް މިނިވަންކޮށްފައި ވެއެވެ. ހަމާސްއިން ބުނެފައިވާގޮތުގައި އެ 33މީހުންގެ ތެރެއިން 8 މީހަކު ވަނީ އިޒްރާއިލްގެ ހަމަލާތަކުގައި މަރުވެފައެވެ. އަދި އެމީހުންގެ ހަށިތައް އިޒްރާއިލްއާ ހަވާލުކުރެވޭނީ ސުންނާފަތިވެފައިވާ އިމާރާތް ތަކުގެ ދަށުން ހަށިތައް ނެގުމަށް ބޭނުންވާ އުޅަނދާއި ވަސީލަތް އެތެރެކުރުމަށް އިޒްރާއިލްއިން ހުއްދި ދިނުމުން ކަމުގައިވެސް ހަމާސްއިން ވަނީ ބުނެފައެވެ.
އެއްބަސްވުމުގެ ދަށުން އިޒްރާއިލްގެ އަސްކަރިއްޔާއިން ނެޓްޒަރިމް ކޮރިޑޯއިން ފަހަތަށް ޖެހިފައިވާއިރު ދެވަނަ ފިޔަވަހި ފެށުމާގުޅޭ މަޝްވަރާތައް ފެށުން މިވަނީ ކައިރިވެފައެވެ. ނަމަވެސް ޣައްޒާއާ މެދު އެމެރިކާއިން ފާޅުކަން ބޮޑު ގޮތެއްގައި އިއުލާންކޮށްފައިވާ "ޣައްޒާ ހުސްކޮށް އެމެރިކާގެ މިލްކަކަށް ހެދުމުގެ' ސިޔާސަތާއެކު މަޝްވަރާގެ ބައިވެރިންގެ މެދުގައި ވަނީ ނުތަނަވަސްކަން އުފެދިފައެވެ. ދެވަނަ މަރުހަލާ އާ ގުޅޭގޮތުން ގޮތެއް ނުނިމިއްޖެނަމަ ކުރިއަށް ރޯދަމަހު އަނެއްކާވެސް ޣައްޒާގެ ރައްޔިތުންނަށް އިޒްރާއިލްގެ ހަމަލާތައް އަމާޒުވާނެއެވެ.
ރިއެކްޝަންސް






