 
                                    މީޑިޔާ ބިލް ޢާއްމުންގެ މައްޗަށް ނުހިނގާނެ- އޭޖީ
މިހާރު ރައްޔިތުންގެ މަޖިލިހުގެ ކޮމިޓީ މަރުހަލާގައި އޮތް މީޑިޔާ ބިލް އާއްމުންގެ މައްޗަށް ނުހިނގާނެ ކަމަށް ބަންޑާރަނައިބު އަލްއުސްތާޛު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ. ބަންޑާރަނައިބު މިފަދައިން ވިދާޅުވީ ބިލާ ގުޅޭގޮތުން ދައުލަތުގެ މީޑިޔާގެ ރާއްޖެ މިއަދުގައި ވާހަކަ ދައްކަވަމުންނެވެ.
ސޯޝަލް މީޑިޔާގައި ޢާއްމުން ފާޅުކުރާ ހިޔާލުތަކަށްވެސް ބިލްގެ ބާރު ފޯރާކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ ބަންޑާރަނައިބު ވިދާޅުވީ ބިލްގެ ބާރު ފޯރަނީ ނޫސްވެރިން ނުވަތަ މީޑިޔާގައި މަސައްކަތްކުރައްވާ ފަރާތްތަކުން ލިޔާ ލިޔުންތަކަށް ކަމަށެވެ. ޢާއްމުން ސޯޝަލް މީޑިޔާގައި ލިޔާ ލިޔުންތަކަށް ބިލްގެ ސަބަބުން ފިޔަވަޅެއް ނޭޅޭނެ ކަމަށް ވިދާޅުވިއެވެ. 
"ޢާއްމު ރައްޔިތުން ކުރާ ކަމަކަށެއް މިބިލްގެ ސަބަބުން އެއްވެސް ފިޔަވަޅެއް އެޅޭގޮތަކަށެއް ނޫން އޮތީ. ޢާއްމު ރައްޔިތުން ސޯޝަލް މީޑިޔާގައި ލިޔާ އެއްޗަކަށް ފިޔަވަޅު އެޅޭގޮތަކަށް ނޫނީ, އެކަން ރެގިއުލޭޓް ކުރާ ގޮތަކަށް އޮތް ބިލެއް ނޫން މީކީ." ބަންޑާރަނައިބު ވިދާޅުވިއެއެވެ.
އުޝާމް ވިދާޅުވީ މިއީ ބްރޯޑްކާސްޓަރުންނާއި ޖުމްލަ ގޮތެއްގައި މީޑިޔާ ރެގިއުލޭޓްކުރާ ބިލެއް ކަމަށެވެ. އެކަމަކު އެނޫން ގޮތަކަށް ދައްކަން މަސައްކަތްކުރާތީ އެކަންބޮޑުވުން އޭޖީ ފާޅުކުރެއްވިއެވެ. 
ބަންޑާރަނައިބު ވިދާޅުވީ މިހާރު މަޖިލިހުގައި އޮތް ބިލް ފާސްވެއްޖެ ނަމަ ނޫސްވެރިކަން ޒިންމާދާރުކަމާއެކީ ކުރެވޭނެ ކަމަށެވެ. ރާއްޖޭގައި މިހާރު ޒިންމާދާރު ކަމާއެކު ނުސްވެރިކަން ކުރާކަމާމެދު ސުވާލު އުފައްދަވާ އުޝާމް ވިދާޅުވީ ގިނަބަޔަކުވެސް އެގޮތަށް ގަބޫލު ނުކުރާ ކަމަށެވެ.
ބިލަށް ސަރުކާރުގެ ފަރާތުން ބަންޑާރަނައިބު ވަނީ 14 އިސްލާހެއް ހުށަހަޅުއްވާފައެވެ. ބިލް މަޖިލިހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރެވެ.
ރިއެކްޝަންސް
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                
 
                    
                


 
         
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
     
                                
                                                                    





 
                                                                                                                                             
                                                                                                                                             
                                                                                                                                            
