ފަލަސްޠީނުގެ ރައްޔިތުން ހިމާޔަތް ހޯދައިގެންތިބި އދ ގެ ސްކޫލަކަށް ހަމަލާދީ 14 މީހުން މަރާލައިފި
އދ ގެ 6 މުވައްޒަފުންވެސް މަރާލި
ޣައްޒާގެ ނުސައިރަތު ރެފިއުޖީ ކޭމްޕްގައި އާންމުން ހިމާޔަތް ހޯދައިގެން ތިބި އދ ގެ ސްކޫލަކަށް ބޮންއަޅާ 14 މީހުން މަރާލައިފިއެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެކަން ވަނީ ފަލަސްޠީނުގެ ސިވިލް ޑިފެންސް އެޖެންސީން ކަށަވަރުކޮށްދީފައެވެ.
މަންޒަރުދުށް މީހަކު އަލްޖަޒީރާއަށް މަޢުލޫމާތު ދެމުން ބުނެފައިވަނީ މަރާލި މީހުން އޭރު ތިބީ ކާއެއްޗެހީގެ އިންތިޒާރުގައި ކަމަށެވެ. އިޒްރާއިލްގެ ޖެޓްތަކުން ހަމަލާދީ ކޭމްޕްގެ ބޮޑުބައެއް ވަނީ ހަލާކުކޮށްލާފައެވެ.
އަލްޖަޒީރާއަށް މައުލޫމާތު ދިން މީހާގެ 6 ކުދިންވެސް މިހަމަލާގައި ވަނީ މަރާލާފައެވެ. އެކުދިންގެ މަންމަ ރޮމުން ސުވާލުކުރީ އޭނާގެ ތުއްތު ހަ ކުދިން ޓެރަރިސްޓުންނަށް ވާނީ ކޮން ހަމައަކުން ތޯއެވެ.
"އަހަރެންގެ ކުދިންގެ ކޮން ކުށެއް އޮތީ! އެކަލާނގެ އިޒްރާއިލްއަށް އޭގެ އަދަބުދޭނެ. މިތާތިބި މީހުން ތިބީ ހައިހޫނު ކަމުގަ ކާއެއްޗަކަށް ބޭނުންވެގެން އޭގެ އިންތިޒާރުގައި" މީގެ ކުރިން އިޒްރާއިލްގް ހަމަލާގައި އޭނާގެ ފިރިމީހާ މަރުވެފައިވާ އިރު އޭނާ އުޅުނީ ޔަތީމު ހަ ކުދިން ގޮވައިގެންކަމުގައި އޭނާ ބުންޏެވެ. އޭގެ ތެރޭގައި އެއްމާބަނޑު ދެކުދިން ވެސް ހިމެނެއެވެ.
އެހެން ހަމަލާއެއްގައި ޙާން ޔޫނުސްއިން ވެސް 11 މީހުން ބުދަ ދުވަހު މަރާލާފައި ވެއެވެ. މި ހަމާލާތައް ކުރިއަށް ދިޔައިރު އުތުރު ޣައްޒާގައި އދ އިން ޕޯލިއޯ ވެކްސިން ދިނުމުގެ ޕްރޮގްރާމްވެސް ކުރިއަށް ދިޔައެވެ. ސްކޫލަށް ދިން ހަމަލާތަކުގައި މަދުވެގެން އދ ގެ 6 މުވައްޒަފުންވެސް ވަނީ މަރުވެފައެވެ.
މަރާލި އދ ގެ މުވައްޒަފުންގެ ތެރޭގައި އެ ރެފިއުޖީ ކޭމްޕްގެ ކަންކަން ބެލެހެއްޓުމަށް ހަވާލުވެހުރި މުވައްޒަފުވެސް ހިމެނެއެވެ. އދ ގެ އެޖެންސީ އޮން ފަލަސްޠީނިއަން ރެފިއުޖީސް (އަންރްވާ) އިން ބުނި ގޮތުގައި މިއީ 11 މަސްތެރޭގައި އެއްފަހަރާ އެ އެޖެންސީގެ އެންމެ ގިނަ މުވައްޒަފުން މަރާލި ފަހަރެވެ.
އަލްޖަޒީރާއިން އެސަރަހައްދަށް ޒިޔާރަތްކުރި ނޫސްވެރިޔާ ތާރެޤް އަބޫ އަޒޫމް ބުނި ގޮތުގައި މުޅި ސަރަޙައްދު އޮތީ ސުންނާތިވެފައެވެ. މިސައިލު އަމާޒުވި ސަރަޙައްދުގައި އިމާރާތުގެ ބައިތައް ވަނީ ވިއްސި ވިހާލިވެފައެވެ. އަދި އެކަށީގެންވާ އާލާތްތައް ނެތުމުން މީހުން ސަލާމަތްކުރުމުގައި ގޮންޖެހުންތައް ހުރިކަމަށްވެސް އޭނާ މަޢުލުމާތު ދިނެވެ.
މަރުވި މީހުންނާއި ޒަޚަމްވީ މީހުން މިހާރު އަލް-އަވްދާ އަދި އަލް-އަޤްޞާ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށްވެސް ތާރެޤް މަޢުލޫމާތު ދިނެވެ.
ހަމަލާއަށްފަހު އިޒްރާއިލް އިން ޢާއްމުކުރި ބަޔާނެއްގައި ބުނީ އެމީހުން ހަމަލާދިނީ އެތަނުގައި ހުރި ހަމާސްގެ ކޮންޓްރޯލް ސެންޓަރަކަށް ކަމަށެވެ. ނަމަވެސް އިޒްރާއިލްއިން އެކަމުގެ އެއްވެސް ހެއްކެއް ދައްކާފައި ނުވެއެވެ. މިއީ އޮގަސްޓް މަހުން ފެށިގެ ހިމާޔަތް ހޯދައިގެން ފަލަސްޠީނުގެ ރައްޔިތުން ތިބި ސްކޫލްތަކަށް އަމާޒުކޮށް ދިން މީގެ ހަވަނަ ހަމަލާއެވެ.
ރިއެކްޝަންސް