އިޒްރާއިލްއިން ފަލަސްޠީނުގެ ތައުލީމާއި ތާރިޚު ސުންނާފަތިކޮށްލުން - ހީލަތްތެރި ރޭވުމެއް
ސުންނާފަތި ކޮށްލާފައިވާ ފަލަސްތީނު ސްކޫލެއްގެ ތެރޭގައި ކުޑަކުދިންތަކެއް: ފޮޓޯ-އަންރުވާ

އިޒްރާއިލްއިން ފަލަސްޠީނުގެ ތައުލީމާއި ތާރިޚު ސުންނާފަތިކޮށްލުން - ހީލަތްތެރި ރޭވުމެއް

ޣައްޒާގެ 683,000 ކިޔާވާ ކުދިން ދާނެ ސްކޫލެއް ނެތް

2 months ago - 08:40
Sep 12, 2024 - 08:41

އިޒްރާއިލްއިން ފަލަސްޠީނުގައި ހިންގަމުން ގެންދާ ހަނގުރާމައަށް އަހަރެއްވާން ދާއިރު ހަމަލާތަކުގައި ފަލަސްޠީނުގެ 80 އިންސައްތަ ސްކޫލްތައް ވަނީ ބޭނުންނުކުރެވޭ ވަރުވެފައެވެ. އަދި ހަނގުރާމަ އާއެކު ފަލަސްޠީނުގެ ކިޔަވާކުދިންގެ ތަޢުލީމީ ހަޔާތުން އަހަރެއްވެސް މިވަނީ ގެއްލިފައެވެ.

ޣައްޒާ ފިޔަވާ މެދުއިރުމަތީގެ އެހެން ގައުމުތަކުގެ ސްކޫލްތަކުގައި ހޫނު މޫސުމުގެ ބަންދަށްފަހު ފާއިތުވި ހޯމަ ދުވަހު ވަނީ ސްކޫލްތަކުގެ ކިޔެވުން ފަށާފައެވެ. ނަމަވެސް ޣައްޒާގެ 683,000 ކިޔާވާ ކުދިން ދާނެ ސްކޫލެއް ނެތެވެ. ބައެއް ސްކޫލްތަކުގެ ބަދަލުގައި މިހާރު ފެންނަންހުރީ ހަމައެކަނި އުސް ގާފުނިތަކެވެ. ނުވަތަ ބިމާ ހަމަވެފައިވާ އިމާރާތުގެ ބައިތަކެވެ. 

ކިރިޔާވެސް ބޭނުންކުރެވޭ ސްކޫލެއްނަމަ މިހާރު އެއީ ވިއްސިވިހާލި ވެފައިވާ އެތައް ރައްޔިތުންނެއް ބޯހިޔާވަހިކަން ހޯދާ ތަންތަނަށް ވަނީ ވެފައެވެ. އެކުދިންގެ ސްކޫލް ދަބަސްތަކުގައި ކުރިން އުފުލީ ފޮތެވެ. ނަމަވެސް އޭގައި މިހާރު ހުރީ އެމީހުންގެ ދިރިއުޅުމުގައި ސަލާމަތުންހުރި ޒަރޫރީ މަދު އެއްޗެކެވެ.

Advertisement

15 އަހަރުގެ މޮތާޒް އަކީ ގްރޭޑް 10 ގައި ކިޔަވާ ކުއްޖެކެވެ. ނަމަވެސް ހޯމަ ދުވަހު އޭނާ ހޭލީ މެދުތެރޭ ޣައްޒާގެ ދިއެރް އެލް-ބަލަހްގައި ގޭގެ ބަދަލުގައި ހުރި އޭނާގެ ޓެންޓަށެވެ. ސްކޫލަށް ދިއުމުގެ ބަދަލުގައި އޭނާ ދާންޖެހުނީ ކިލޯމީޓަކަށްވުރެ ދުރުގައި ހުރި ތާކަށް ބޯނެ ފެންފޮދެއް ހޯދާށެވެ. މިއީ ޣައްޒާގެ ކިޔަވާކުދިންގެ މިހާރުގެ ދިރިއުޅުމެވެ.

ޣައްޒާގައި ބޭނުންކުރެވޭ ހާލަތުގައި ހުރި އެންމެ ފަހު ޔުނިވަރސިޓިވެސް އިޒްރާއިލް އިންވަނީ ޖެނުއަރީ މަހު ބިމާ ހަމަކޮށްލާފައެވެ. 

ސްކޫލްތަކުގެ އިތުރުން, ފަލަސްޠީނުގެ ތާރީޚާގުޅޭ މުހިންމު އެތައް ބިނާއެއްވެސް އިޒްރާއިލްއިން އެއްކޮށް ނުވަތަ ބައެއް ސުންނާފަތިކޮށްލާފައިވާ ކަމަށް އދ ން ވަނީ ބުނެފައެވެ. އޭގެތެރޭގައި 195 އާޘާރީ ބިނާތައް އެކުލެވޭ ސައިޓްތަކާއި, 227 މިސްކިތާއި 3 ޗާޗެއްވެސް ހިމެނެއެވެ. 

މީގެ ތެރޭގައި ޣައްޒާގެ އާކައިވްގެ މައި މަރުކަޒުވެސް ހިމެނެއެވެ. މިއާއެކު ދޮޅުގަރުނު (150 އަހަރު) ގެ ފަލަސްޠީނުގެ ތާރީޚު ވަނީ ނެތިގޮސްފައެވެ. މީގެ ސަބަބުން ޤައުމެއްގެ ގޮތުގައި ފަލަސްޠީނުގެ ހަނދާނާއި ތާރީޚާއި ސަގާފަތަށް ކުރާނީ ކިހާވަރެއްގެ އަސަރެއް ކަމެއް އަންދާޒާ ކުރާނެ ގޮތެއްވެސް ނޭނގެއެވެ.

އަލްޖަޒީރާގެ ޕެނަލްއަކަށް ދިން އިންޓަވިއުއެއްގައި, ޢަންމާންގެ ޖޯޖް ޓައުން ޔުނިވަރސިޓީގެ ހިސްޓްރީ ޑިޕާޓްމަންޓް އަދި ޕީއެޗްޑީ ކެންޑިޑޭޓް ސަމާރް ސައީދު ވިދާޅުވި ގޮތުގައި މިއީ ޣައްޒާގެ ތާރިޚާއި ތަޢުލީމީ ނިޒާމަށް ލިބުނު އަގުނުކުރެވޭ ވަރުގެ ގެއްލުމެކެވެ. އިޒްރާއިލް އިން ހަލާކުކޮށްލާފައިވާ ތަކެއްޗަކީ އަލުން އަނބުރާ ހޯދޭނެ ތަކެތި ނޫންކަމަށާއި, އެއީ ހަމައެކަނި އިމާރާތްތައް ނޫން ކަމަށް ސަމާރް ވިދާޅުވިއެވެ. އަދި އެއީ ފަލަސްޠީންގެ ރައްޔިތުންގެ ގުޅުންތަކާއި, މުޖުތަމައުއެއްގެ ގޮތުގައި ރައްޔިތުން އެކަކު އަނެކަކާ ބައްދަލުވެ ހިޔާލުބަދަލުކޮށް އުޅުނު އުޅުމާއި, އަދި ޢިލްމު ހިއްސާކުރާ މާހައުލުތަކަށް ވެސް ދިން ގެއްލުމެއް ކަމަށް ސަމާރް ސިފަކުރެއްވިއެވެ.

އދ ން މީގެ ކުރިންވެސް ތުޙުމަތު ކޮށްފައިވާ ގޮތުގައި އިޒްރާއިލްގެ ހަމަލާތައް ވަނީ ރޭވިގެންވާ ގޮތެއްގައި ސްކޫލްތަކަށާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްފައެވެ.

ޕެނަލްގެ މޮޑެރޭޓަރ ވަނީ ފަލަސްޠީނުގެ ތަޢުލީމީ ނިޒާމަކީ އިޒްރާއިލްއަށް އޮތް ބިރެއްތޯ ސުވާލުކޮށްފައެވެ. އެއާއެކު އދ ގެ ތުހުމަތަށް ބާރުދީ ކެނެޑާގެ މައުންޓް ރޯޔަލް ޔުނިވަރސިޓީގެ ފްރޮފެސަރ އޮފް ސޯޝިއޮލޮޖީ, މުޙައްމަދު އައްޔާޝް ވިދާޅުވެފައި ވަނީ ފަލަސްޠީނުގެ ތަޢުލީމި ނިޒާމު ސުންނާފަތިކޮށްލުމަކީ އިޒްރާއިލް އިން ގަސްތުގައި, ރާވައިގެން ހިންގާ ހަނގުރާމައިގެ ޖަރީމާއެއް ކަމުގައެވެ. އަދި އެއީ މިނިވަން ރައްޔިތެއްގެ ސިފަ ފަލަސްޠީނުގެ ރައްޔިތުންގެ ކިބައިން ނިގުޅައިގަންނަ ގަތުމެއްކަމަށްވެސް ޕްރޮފެސަރ އައްޔާޝް ވިދާޅުވިއެވެ.

ތަޢުލީމަކީ ފަލަސްޠީނުގެ ރައްޔިތުން އެނބުރި އާދައިގެ ދިރިއުޅުމަށް ވާޞިލްވުމަށާއި, އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހުމަށް އެހީވެދޭ އެންމެ މުޙިއްމު ކަންތައް ކަމަށާއި, ތާރީހުން ފަލަސްޠީނުގެ ނަން ފޮހެނުލެވޭނެ އެންމެ މުޙިއްމު އަސާސަކީވެސް އެމީހުންގެ ތަޢުލީމު ކަމަށް އައްޔާޝް ވިދާޅުވިއެވެ. އެއީ އެމީހުންގެ ފަޚުރެކަމަށާއި, އުގެނުމަކީ އެމީހުންގެ ދިރިއުޅުމުގައިވެސް އެންމެ މުހިއްމު އެއް ކަންތައް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން އިޒްރާއިލްއިން ތަޢުލީމީ އިންފްރާސްޓްރަކްޗަރ އަށް އަމާޒުކޮށް މިދޭ ހަމަލާތަކަކީ ފަލަސްޠީން ރައްޔިތުންގެ އެނބުރި އައުން ވޭންދެނިވި ކަމަކަށް ހެދުމުގެ ގޮތުން ގަސްތުގައި ހިންގާ ޝައިތާނީ އަމަލެއްގެ ގޮތުގައި އައްޔާޝް ސިފަކުރެއްވިއެވެ. 

ޣައްޒާގެ ނޫސްވެރިއާ އަދި ތަޢުލީމީ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ދެއާނާ އޮތްމަން ވެސް މި ޕެނަލްގައި ވާހަކަދައްކަވަމުން ވިދާޅުވީ ފަލަސްޠީނު ރައްޔިތުންގެ ދިރިތިބުމަކީވެސް އެމީހުން ޙިޞާރުކޮށްފައިވާ އިޒްރާއިލް އަށް ރުހެވޭކަމެއް ނޫންކަމުގައެވެ. އެހެން ކަމުން އެމީހުންގެ އަމާޒަކީ ތާރީޚުގައި ފަލަސްޠީނުގެ ރައްޔިތުންނަކީ ނެތް ބައެއްކަމަށް ދައްކަން ކުރެވެންހުރި ހުރިހާ މަސައްކަތެއް ކުރުންކަމަށެވެ.

އެކަމަށް ހުރަސްއަޅާ އެންމެ ބޮޑު ސަބަބަކި ފަލަސްޠީނުގެ ރައްޔިތުން ޢިލްމު އުގެނުމަށާއި, ދިރާސާކުރުމަށް އަދި ތާރީޚާއި ސަގާފަތް ދިރުވުމަށް އޮންނަ ޙާއްސަ ޝައުޤު ކަމަށެވެ. އެހެންކަމުން އިޒްރާއިލްއިން ފަލަސްޠީނުގެ ތަޢުލީމީ ނިޒާމާއި ތާރީޙް ނައްތާލަން ރާވައިގެން ޖަރީމާތައް ހިންގުމަކީ އާކަމެއް އަދި ޙައިރާންވާ ކަމެއް ނޫންކަމަށް ވިދާޅުވިއެވެ. އެކަމަކު އޭނާ ވިދާޅުވީ އެއީ ނުރައްކާތެރި ކަމެއް ކަމަށެވެ.

އުގެނުމާއި ތަޢުލީމަކީ ބާރުގަދަ އެއްޗެއް ކަމާއި, ފަލަސްޠީނުގެ ރައްޔިތުން އެމީހުންގެ ތާރީޚާއި ސަގާފަތް ދެމެހެއްޓުމަށް ތައުލީމުން ބާރުވެރިކަން ހޯދާހޯދުމަކީ އިޒްރާއިލްއަށް ކެތްވާނެކަމެއް ނޫންކަމަށާއި, ފޮތާއި, ޅެންވެރިކަމާއި ދިރާސާތަކާއެކު ފަލަސްޠީނުގެ އަމިއްލަވަންތަކަން ދެމެހެއްޓުމަށް ކުރާ މަސައްކަތް ނައްތާލުމަކީ އިޒްރާއިލްގެ މައިގަނޑު އެއް ލަނޑުދަނޑިކަމަށްވެސް ދެއާނާ ފާހަގަކުރެއްވިއެވެ.

ބައިނަލްއަގުވާމީ ޤާނޫނުތަކާ ހިލާފަށް ފަލަސްތީނުގެ ބިންތަކަށް އިޒްރާއިލްއިން ވެރިވެގަނެގެން އުޅޭ އުޅުމުގެ ހަޤީގަތް ދުނިޔެއަށް ހާމަވުމަކީ އިޒްރާއިލްއިން ބަރުދާސްތު ކުރަން ބޭނުންވާނެ އެންމެފަހު ކަންތަކެވެ. އެހެން ކަމުން އެމީހުން ހީލަތްތެރިކަމުގެ ދަށުން ފަލަސްޠީނުގެ ވުޖޫދީ ހެކި ދުނިޔެއިން ފޮހެލުމަކީ އެމީހުން ހިންގާ ޤަތުލްއާންމާއި ނަސްލު ނައްތާލުމުގެ ޖަރީމާ ސައްހަކުރަން ބޭނުންކުރާ އުކުޅެކެވެ.

ތަޢުލީމީ ހަޔާތުން އަހަރެއް ގެއްލި ސްލޫކްތައް ސުންނާފަތިވެފައިވާއިރު, އިތުރު އަހަރެއް ޣައްޒާގެ ސްކޫލް ކުދިންގެ ހަޔާތުން ގެއްލިދާނެ ކަމުގެ ބިރު މިވަނީ ހީވެފައެވެ. މިއާއެކު ސްކޫލް މާހައުލުން ބޭރުގައި އާއިލާތަކާ ވަކިވެ ގެދޮރު ގެއްލިފައިވާ އަދި ހަޔާތުގެ ހުންގާނު ގެއްލިފައިވާ ޖީލެއް މިހާރު ޣައްޒާގައި ފެންނަން އެބަ އޮތެވެ. 

ނަމަވެސް ދުނިޔޭގެ އެހެން ކޮންމެ ކުއްޖެއް ފަދައިން ޣައްޒާގެ ކުޑަކުދިންނަށްވެސް އުގެނުމުގެ ހައްޤު ތަފާތުކުރުމެއްނެތި ލިބެންޖެހެއެވެ. އެކުދިންގެ މި އަސާސީ ހައްޤުން މަޙްރޫމްކޮށްފައިވާވުން ނިމުމަކަށް ގެންނަންޖެހެއެވެ. 

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow