ޤަތުލްއާންމާއެކު ޣައްޒާގެ އަންހެނުންނާއި ކުޑަކުދިން ގެވެށި އަނިޔާގެ ހާއްޔެއްގައި ތާށިވެފައި
ޚާން ޔޫނުސް, ޣައްޒާ – 37 އަހަރުގެ ސަމަރް އަޙްމަދުގެ މޫނުމަތިން އަނިޔާގެ ނިޝާންތަކާއެކު ފެންނަނީ އިންތިހާ ދަރަޖައިގެ ވަރުބެލިކަމެވެ.
އެކަމަކު އެއީ ފަސް ކުދިންނާއެކު އެތައް ފަހަރަކު ދިރިއުޅޭތަން ބަދަލުކުރަން ޖެހުމުގެ ސަބަކުންނޫނެވެ. އަދި ހަނގުރާމައަށް 14 މަސްވެފައިވާއިރު ޙާންޔޫނުސްގެ މަވާސީ ސަރަޙައްދުގައި ހަލާކުވެފައިވާ ޓެންޓު ތަކުގައި, ގަދަ ފިނީގައި އުޅެން ޖެހިފައިވާތީއެއްވެސް ނޫނެވެ. ހަނގުރާމައާއެކު ސަމަރްގެ ހަމަޖެހޭ ދިރިއުޅުން ގެއްލި އޭނާއަކީ މިހާރު ގެވެށި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތެކެވެ. މިހާލަތުގައި އޭނާއަށް އަނިޔާދޭ ފަރާތުގެ ކިބައިން ސަލާމަތްވެގެން ސަމަރް ދާނެ ތަނެއް ވަކި ނެތީއެވެ.
މީގެ ދެދުވަސް ކުރިންވެސް ސަމަރްގެ ފިރިމީހާ އޭނާގެ ގައިގައި ވަރަށް ތެޅިއެވެ. އޭނާގެ މޫނުގެ އެއްފަޅި ދުޅަވެފައިވާއިރު ލޮލުގައި ލޭގެ ރަތްކަން އެކުލެވިފައިވިއެވެ. އެހާދިސާއަށް ފަހު އޭނާގެ ދޮށީ އަންހެން ދަރިފުޅު ބިރުން ސަމަރްގެ ގައިން ދުކޮށްނުލާ އެރޭ އެއްކޮށް ހޭދަކުރީ ސަމަރް ކައިރީގައެވެ. ހާދިސާ ހިނގީ އޭނާގެ ދަރިންގެ ކުރިމަތީގައެވެ.
ސަމަރް އެނާގެ އާއިލާ ރޫޅޭކަށް ނޭދެއެވެ. ހަމަލާތަކާއެކު ޣައްޒާ ސިޓީން ޝަތީ ރެފިއުޖީ ކޭމްޕުން ރަފަޙްއަށް ގޮސް މިހާރު އަނެއްކާވެސް ތިބީ ޚާން ޔޫނުސްގައެވެ. އޭނާގެ ކުދިން އަދި ވަރަށް ކުޑައެވެ. އެންމެ ބޮޑަށް ހުރި ލައިލާގެ އުމުރަކީ 15 އަހަރެވެ. 12 އަހަރުގެ ޒައިން, 10 އަހަރުގެ ދާނާ, 7 އަހަރުގެ ލާނާ އަދި 5 އަހަރުގެ އާދީ އާ މެދު އޭނާއަށް ވަނީ ވިސްނަން މަޖުބޫރު ވެފައެވެ.
އަލްޖްޒިރާ އިން ސަމަރްއަށް ޒިޔާރަތްކުރި ދުވަހު އޭނާ އުޅުނީ އެންމެ ކުޑަ ދެ އަންހެންކުދިން ކިޔެވުމުގެ ކަންކަމުގައި މަސްޢޫލުކޮށްގެނެވެ. ރަގްތަކަކުން ހަދާފައިވާ ކުޑަ ޓެންޓްގައި ސަމަރް އިންއިރު އެކުދިންގެ ނޯޓްފޮތްތައް ބިންމަތީގައި އަޅާފައި އޮތް ރަގްގައި ހުއްޓެވެ. ދާނާ އިނީ މަންމަގެ އުނގުތެރެއަށް ވަދެއެވެ. އަދި އޭރުވެސް ކުޑަކުޑަ ލާނާ ބަނޑުހައިވެގެން މަންމަ ކައިރީގައި ރޮމުންދިޔައިރު ސަމަރް އިނީ ހަދާނެ ގޮތް ހުސްވެފައެވެ.
"އަންހެނެއްގެ ގޮތުގައި އަދި އަންބެއްގެ ގޮތުގައި އަހަރެންގެ ހިމާޔަތް ގެއްލިއްޖެ. އަހަރެން ނުބުނަށް ހަނގުރާމައިގެ ކުރިން އަހަރެން އުޅުނީ އެންމެ ރަނގަޅު ދިރިއުޅުމެއްގައޭ. އެކަމަކު އޭރު އަހަރެންގެ ކަންކަން ފިރިމީހާއަށް ޙިއްސާކުރެވޭ. މީހަކަށް އަޑުނީއްވާ އަހަންނަށް ޝަކުވާކުރުމުގެ ފުރުޞަތު އޮވޭ. އަހަރެމެންގެ މެދުގައި ޖެހޭ މައްސަލަތައް ކުދިންނަށް ނުފެންނަ ހިސާބުގައި ވާހަކަ ދައްކައިގެންވިއަސް އަދި ކުޑަކޮށް އަރައިރުން ވެގެން ވިއަސް އޭރު ޙައްލު ކުރެވޭ. މިތާ އަހަންނަށް ހީވަނީ މަގުމަތީގަ ހެން މިއިނދެވެނީ" އަލްޖަޒީރާ އަށް ސަމަރް ބުންޏެވެ.
ޓެންޓުތަކުގައި ދިރިއުޅުމުގެ ކަންކަމާމެދު ދެމަފިރިންގެ މެދުގައި ހިނގާ ޒުވާބުތައް ހޫނުވެގެން ދާއިރު މުޅި ހިސާބުގަނޑަށް އެކަން އެނގޭނެ ކަމުގައި ސަމަރް ބުންޏެވެ. އަދި ފިރިމީހާގެ ފަރާތުން އިވޭ ހުތުރު ބަސްތަކުން ކުދިންގެ ކުރިމަތީގައި ލަދުންނާއި ދެރައިން މަރުވާވަރުވާ ކަމުގައިވެސް އޭނާ ބުންޏެވެ. "އަހަރެން ނޭދެން އެފަދަ ބަސްތައް ދަރިންނަށް ދުވަހަކުވެސް އަޑުއިވޭކަށް" ސަމަރް ބުނެފައި ވެއެވެ.
ކޮންމެ ދުވަހަކު ފިރިމީހާ އާ ދެމެދު ހިންގާ ޒުވާބުތަކުގައި ސަމަރް އަށް އެތައްފަހަރަކު އެންޒައިޓީގެ ހަމަލާތައް އަންނަ ކަމަށާއި ކުރިން ދުވަހަކުވެސް އަތް އިސްނުކުރާ ފިރިމީހާ އޭނާއަށް އަނިޔާކުރުމުން ޝޮކެއް ލިބުނުކަމަށާއި އަދި ދަރިންގެ ކުރިމަތީގައި އޭނާއަށް އެހާ ވަރުކޮށްލުމުން އެކަމުގެ ލަދުވެތިކަން ވެސް އިންތިހާއަށް އެބަހުރި ކަމުގައި ސަމަރް ބުންޏެވެ.
"ހުރިހާ އަވައްޓެރިންނަށްވެސް އަހަރެން ރޯއަޑާއި, ތަދުވެގެން ހަޅޭއްލެވި އަޑުވެސް އިވުނު. އެމީހުން މި ޓެންޓަށް އައިސް މައްސަލަ ޙައްލުކުރެވޭތޯވެސް ބެލި. އަހަރެން މިއިނީ ހިތް ހަލާކުވެފައި. ފަހަރެއްގަ އަވައްޓެރިން ހީކޮށްފާނެ އަހަރެން މީ ރަނގަޅު އަންބެއްނޫނޭ. އެހެންވެ އޭ ފިރިމީހާ އަހަންނަށް އަނިޔާ ކުރީ" ސަމަރްގެ އަމިއްލަ ނަފްސު ކުށްވެރިކުރަމުން ވާހަކަ ކުރިއަށް ގެންދިޔައެވެ.
ދިރިއުޅުމުގެ ދަތިކަމުން ފިރިމީހާއަށް ޕްރެޝަރ ކުޑަކުރަން އެހީވުމަށް ސަމަރްވެސް އެހީދޭ ފަރާތްތަކުން ބަހާ ކާނާ ހޯދަން ކޮންމެ ދުވަހަކުވެސް ބޭރަށް ދެއެވެ. އޭނާއަށް ގަބޫލުކުރެވެނީ ފިރިމީހާގެ ރުޅިއާއި އަނިޔާއަކީ ހަނގުރާމައިގެ ސަބަބުން ފިރިމީހާއަށް އާއިލާ ބެލެހެއްޓުމަށް ހުރި ގޮންޖެހުންތަކާއެކު އޭނާއަށްވެސް ނަފްސާނީ ގޮތުން ދިމާވާ ކަންކަމާއެކު އައި ނޭދެވޭ ބަދަލެއް ކަމުގައެވެ.
"ހަނގުރާމައިގެ ކުރިން އޭނާ އުޅުނީ ކުޑަ ވަޑާންގެއެއްގަ މަސައްކަތުގަ. އޭރު އޭނާވެސް ބިޒީކޮށް އުޅޭނީ. ދެބަސްވުންތައް އޭރު މަދު. އެކަމަކު މިހާރު އެއީ ހަމަ ކޮންމެ ދުވަހެއްގެ އާދައަކަށް ވެއްޖެ. އަހަރެން ވަރުބަލިވެއްޖެ. އަހަރެންގެ ސިކުނޑި ވަރުބަލިވެއްޖެ. އަހަރެން މިހާރު ބޭނުންވަނީ ވަރިވާން. އެކަމަކު ދަރިންގެ ހައްޤުގާ އަހަންނަށް އެކަމަށް އެދޭކަށް ނުކެރޭނެ. ހިތާމައާއެކު ސަމަރް ބުންޏެވެ. އެހެން އަންހެނުންގެ ވާހަކަތައް ވެސް އޭނާއަށް ހިއްސާކުރާ ކަމަށާއި, އެކަކު އަނެކަކަށް ހިތްވަރުދީ ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ ބަލާކަމުގައި އޭނާ ބުންޏެވެ.
އަލްޖަޒީއާ އާއެކު ވާހަކަ ކުރިއަށް ގެންޔިއަރުވެސް ސަމަރް ދިޔައީ ކާއެއްޗެއް ތައްޔާރުކުރަން މަސައްކަތް ކުރަމުންނެވެ. އޭނާގެ ފިރިމީހާ ގެއަށް އަންނާނެ އިރަކާ އަދި އެންމެނަށް ވާވަރަށް ކާއެއްޗެހި ހުރެދާނެ ކަމާމެދު އޭނާ ހުރީ ނުތަނަވަސްވެފައެވެ. އެވަގުތު ގޭގައި ހުރީ ބީންސް ކޮޅަކާއި ދެ ރޮއްޓެވެ. ގޭސް ހުސްވެފައި ހުރުމުން ކާއެއްޗެސް ރޯފިލުވޭނެ ގޮތެއްނެތި ސަމަރް ހުއްޓެވެ. ބޭރުން މީހެއްގެ އަޑު އިވުމުން އެއީ އޭނާގެ ފިރިމީހާކަމަށް ހީކޮށް އިންތިހާއަށް އޭނާ ބިރުގަތެވެ.
ހަނގުރާމަ އަހަރެން މިހާލަތަށް ވައްޓާލީ. މިއީ ދިރިއުޅުމެއްނޫން. އަހަނަންކަށް ނޭނގެ އަހަރެން މިދިރިއުޅުން އުޅޭ ގޮތެއްވެސް. އަހަރެންވެސް މިބަލަނީ މި ދަތި އުނދަގޫ ހާލަތަށް ހޭނޭތޯ. އެކަމަކު އަހަންނަކަށް ނުވި. ސާދާ ދިރިއުޅުމެއް އުޅެމުންދިޔަ ރަނގަޅު އިންސާނަކުން އަބަދު ރުޅިގަދަވެފައި ހުންނަ މީހަކަށް އަހަރެން ބަދަލުވެއްޖެ" ފަހުން ޓެންޓަށް އައިސް ސަމަރް އާ ކުދިންނާއެކު އިށިއިނދެއިން އޭނާގެ ފިރިމީހާ, 42 އަހަރުގެ ކަރިމް ބަދުވާން ބުންޏެވެ. އޭނާ ބުނީ އޭނާގެ އަމަލުތަކާމެދު ލަދުވެތިވެ އިންތިހާއަށް ދެރަވާ ކަމަށާއި, ހަނގުރާމަ ފެށުނުފަހުން އޭނާގެ އަންހެނުނަށް ވަރަށް އަނިޔާ ކުރެވޭ ކަމަށެވެ. އޭނާއަށް ކުރެވެނީ ގޯސް ކަމެއް ކަމަށާއި, ހަނގުރާމައިގެ ކުރިން އޭނާގެ އަނަހެނުންނަށް އަނިޔާ އެއް ކުރުމަށް ހިޔާލަށްވެސް ނުގެނެވޭކަމަށްވެސް އޭނާ ބުންޏެވެ.
"އަހަރެންގެ ރައްޓެހިން އުޅޭނެ (ކުރިން) އަނބިންނަށް އަނިޔާ ކުރާ. އަހަރެން ބުނަން ކަލޭމެންނަށް ނިދޭހޭ ތިހެން ކަން ކޮށްފަ! އެކަމަކު ބަލާބަލަ އަހަރެން މިއަދު" އިންތިހާއަށް ދެރަވެފައި ކަރީމް ބުންޏެވެ.
"އަހަރެން އުއްމީދުކުރަން އަހަރެންގެ އަނިޔާތަކަށް ކެތްނުވެގެން އަހަރެން ދޫކޮށް އޭނާ ދިއުމުގެ ކުރިން ހަނގުރާމަ ނިމޭނެކަމަށް. އޭނާ އަކީ ރަނގަޅު އަންބެއް. އޭނާ ވަރަށް ކެތްތެރި. އޭނާ އަށް އެ އަނިޔާތައް ހައްޤެއް ނޫން" ފިރިމީހާގެ ވާހަކަތައް އަހަން އިން ސަމަރްގެ ކޫރުންއެޅިފައިވާ ކޯތާފަތުން އޭރު ހުއްޓުމެއްނެތި ކަރުނަތައް ތިރިއަށް ފައިބަ ފައިބާ ހުއްޓެވެ.
ކަރީމް ބުނީ އޭނާއަށް އުޅޭވޭ ގޮތުން ކުދިން ތިބެނީ ބިރުން ކަން އެނގޭކަމަށާއި, އެކުދިންގެ ކިބައިންވެސް މާފަށް އެދޭކަމަށެވެ. ނަމަވެސް އެކަންކަން އަލުން ތަކުރާރުކުރެވެނީ އޭނޭގެ އަމިއްލަ އިޙްތިޔާރުން ނޫންކަމުގައި ވެސް އޭނާ ބުންޏެވެ.
ރިއެކްޝަންސް