
އިޒްރާއިލްއިން މިއަދުވެސް ޣައްޒާގައި 43 މީހަކު ޝަހީދުކޮށްލައިފި
އޭގެ ތެރޭގައި އެހީ ލިބިގަތުމަށް ގޮސްތިބި 20 މީހަކުވެސް ހިމެނޭ
އިޒްރާއިލްގެ ޔަހޫދީ ސިފައިން ޣަައްޒާގައި ހިންގަމުންގެންދާ ޤަތުލްއާންމުގައި މިއަދު ހެނދުނުން ފެށިގެން ޣައްޒާގެ އެކު ސަރަހައްދުތަކަށް ދިން ހަމަލާތަކުގައި މިހާތަނަށް 43 މީހަކު ޝަހީދުވެފައިވާކަމަށް ސިއްހީ މަސްދަރުތަކަށް ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ.
އޭގެ ތެރޭގައި އެހީ ލިބިގަތުމަށް ގޮސްތިބި 20 މީހަކުވެސް ހިމެނޭކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. މިއާއެކު 21 ވަނަ މަހަށް ދެމިގެންދާ ދިގު ޤަތުލްއާންމުގައި އިޒްރާއިލްއިން ޤަތުލްކުރި ޣަައްޒާގެ ރައްޔިތުންގެ އަދަދު މިވަނީ 56,000 ފަހަނައަޅާފައެވެ.
ހައިހޫނުކަން އިތުރުވެ ބަނޑަށް ޖެހިފައިވާ ޣައްޒާގެ ރައްޔިތުންނަަށް ކާބޯތަކެތި ބެހުމުގެ ނަމުގައި އިޒްރާއިލް އާއި އެމެރިކާއިން ޣައްޒާ ހިއުމެނިޓޭރިއަން ފަޢުނޑޭޝަންގެ ނަމުގައި ހަދާފައިވާ މަރުގެ ދަންތުރަ ތަކަށް ހައިހޫނުކަމުގައި ތިބި ޣައްޒާގެ ރައްޔިތުން 'ލެވުމަށްފަހު' އެތަންތަނަށް އިޒްރާއިލްއިން އަންނަނީ ކޮންމެ ދުވަހަކުވެސް ހަމަލާދީ އެތައް ބަޔަކު މަރަމުންނެވެ.
އެހީ ބަހާ ސަރައްހަދުތަކަށް ދިން ހަމަލާތަކުގައި މިދިޔަ މަހު 27 ން ފެށިގެން މިހާތަނަށް 400 އަށްވުރެ ގިނަ މީހުން ޝަހީދުވެފައިވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
އިޒްރާއިލްއިން ހުއްޓުމެއްނެތި ޣާއްޒާގެ ޤާތުލްއާންމު ކުރިއަށް ގެންދާއިރު މިމަހު 13ގައި އިޒްރާއިލްއިން ވަނީ އީރާނަށްވެސް ހަމަލާ ދޭން ފަށާފައެވެ. އީރާނަށް ދެމުންދާ ހަމަަލާތަކުގައި މިހާތަނަށް އީރާނުން 400 މީހަކު ވަނީ މަރުވެފައެވެ. މިއަދު އިޒްރާއިލްއިން ވަނީ ދެކުނު ލުބުނާނަށްވެސް ބޮމުގެ ހަމަލާތަކެއް ދީފައެވެ.
އިއްޔެވެސް އިޒްރާއިލް އިން އަލް-މަވާސީ ސަރައްހަދަށް ހަމަލާ ދިނުމަށްފަހު މިރޭވެސް އަލް-މަވާސީގައި އާންމުން ދިރިއުޅޭ ޓެންޓުތަކުގެ ތެރެއަށް އިޒްރާއިލްއިން ވަނީ ވައިގެ ހަމަލާތަކެއް ދީފައެވެ. އަލްޖަޒީރާއިން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަމަލާތަކުގައި އެސަރަހައްދު އެކަށް ވަނީ ސުންނާފަތިވެފައެވެ.
މަންޒަރުދުށް މީހަކު އަލްޖަޒީރާއަށް ބުނި ގޮތުގައި އިޒްރާއިލްގެ ދެ މިސައިލް ހަމަލާ އަމާޒުވީ އޭނާ ދިއިރުޅޭ ޓެންޓާ މާ ދުރުނޫން ސަރަހައްދަކަށެވެ. އަލް-މަވާސީ އަކީކުރިން އިޒްރާއިލްއިން ކަނޑައަޅާފައިވާ 'ރައްކާތެރި ސަރަހައްދެކެވެ'.
ރިއެކްޝަންސް






