
ރަފަޙް އިން ގެއްލުނު މަދަނީ ދިފާއު އަދި ރެޑް ކްރެސެންޓްގެ ޓީމުގެ މެމްބަރުން އިޒްރާއިލްއިން ވަނީ ޤަތުލްކޮށްފަ: ހެކިން
މީގެ ހަފްތާއެއް ކުރިން ރަފަޙްއިން ގެއްލުނު ޣައްޒާގެ މަދަނީ ދިފާއު އަދި ރެޑްކްރެސެންޓްގެ 14 މީހުން ވަނީ އިޒްރާއިލްގެ ފައުޖުތަކުން ޤަތުލްކޮށްފައި ކަމަށް މަންޒަރު ދުށްމީހުންނާ ހަވާލާދީ އަލްޖަޒީރާއިން ބުނެފިއެވެ. އެމީހުން ބުނީ އިޒްރާއިލްއިން އެމީހުން މަރާލުމަށްފަހު ހަށިތައް ދެކުނު ރަފަޙްގައި ވަޅުލާފައިވާ ކަމަށެވެ. އަދި އެމީހުން ދަތުރުކުރި އެމްބިއުލާންސްވެސް ވަނީ ހަލާކު ކޮށްލާފައިކަމުގައެވެ.
23 މާރިޗުގައި އިޒްރާއިލްއިން ރަފަޙްގައި ތިބި ފަލަޞްޠީނުގެ ރައްޔިތުން އެތަނުން ނިކުންނަށް އެންގި އެންގުމާއެކު ރަފަޙްގައި ތާށިވެފައި ތިބި ބަޔަކު ސަލާމަތްކުރަން ދިޔަ މިޓީމްގެ މެމްބަރުން ދަތުރުކުރި އެމްބިއުލާންސް އަށް ހަމަލާދިންކަމަށް އިޒްރާއިލްއިންވެސް ވަނީ އެއްބަސް ވެފައެވެ. އަދި އެއީ "ހަމާސް އަށް ނިސްބަތްވާކަމަށް ޝައްކުކުރެވޭތީ" ކަމަށްވެސް އިޒްރާއިލްއިން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގާފައިވަނީ ދެކުނު ރަފަޙްގެ ތަލް އަލް-ޞުލްޠާން ސަރަޙައްދުގައި މިސްރުގެ ބޯޑަރާ ވަރަށް ކައިރީގައެވެ.
މީގެ އިތުރުންވެސް ޣައްޒާގެ އެކި ސަރަޙައްދުތަކުގައި ޕެރަމެޑިކް އެމްބިއުލާންސް ތަކަށް އަމާޒުކޮށް އިޒްރާއިލްއިން ދޭ ހަމަލާތަކުގައި ސިއްޙީ ޙިދުމަތްތެރިން މަރަމުންދާ މިންވަރު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އޭގެ ތެރޭގައި އެމްބިއުލާންސް ތަކަށް އަމާޒުކޮށްގެން ދޭ ހަމަލާތައް ގިނަކަށް ފާހަގަކުރެވެއެވެ.
ފަލަޞްޠީނުގެ ރެޑް ކްރެސެންޓް ސޮސައިޓީ (ޕީއާރުސީއެސް)އިން ބުދަ ދުވަހުވެސް ވަނީ އެމީހުންގެ ޕެރަމެޑިކްސް އަށް އަމާޒުކޮށް ދިން ހަމަލާތަކުގައި ހަތަރު ފެރަމެޑިކްސް ޝަހީދުވެފައިވާތީ އެކަން ކުށްވެރިކޮށްފައެވެ. "ބައިގަޑިއިރުގެ ތެރޭގައި އަހަރެމެންގެ ހަތަރު ޕެރަމެޑިކުން ވަނީ މަރާލާފައި" އެޖަމާއަތުން ބުނެފައި ވެއެވެ.
"ސިއްޙީ ޙިދުމަތްތެރިންނަށް އަމާޒުކޮށް ހަމަލާ ދިނުމަކީ ބައިނަލްއަޤުވާ ޤާނޫނުތަކާއި އިންސާނިއްޔަތާ ޚިލާފް ޖަރީމާއެއް" އިޒްރާއިލް ހަނގުރާމައިގެ ޖަރީމާ ހިންގުމުން ޒިންމަދާރުކުރުވުމަށް ގޮވާލާ އަސި އަވަސް ތަޙްޤީގެއް ކޮށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޕީއާރުސީއެސް އިން ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
ރިއެކްޝަންސް






