
ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ނަމޫނާ ދެއްކުމަކީ ފުލުހުންގެ އަޒުމަކަށް ވާންވާނެ- ރައީސް
ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން އެންމެ ފުރަތަމަ ނަމޫނާ ދެއްކުމަކީ ފުލުހުންގެ އަޒުމަކަށް ވާންވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. އެމަނިކުފާނު މިގަދައިން ވިދާޅުވީ ދިވެހި ފުލުހުންގެ ޚިދުމަތަށް 92 އަހަރު ފުރުމުގެ މުނާސަބަތުގައި އެ މަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުލުހުންގެ ވަޒީފާގެ މަސްއޫލިއްޔަތު އަބަދުވެސް އަދާކުރަމުން ދަނީ ޤާނޫނު ތަންފީޒުކުރުމަށް ޓަކައި ކަމަށެވެ. އެހެންކަމުން ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި އެންމެ ފުރަތަމަ ނަމޫނާ ދައްކަން ޖެހެނީ ފުލުހުންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޤާނޫނަށް ޙުރުމަތްތެރިކޮށް ހިތުމުގައި ފުލުހުން ނަމޫނާ ދައްކަންޖެހޭ ކަންތައްތަކެއް ހުރި ކަމަށެވެ.
" ކުށްކުރުން ހުއްޓުވުމުގެ އިތުރުން، ކުށަށް އަރައިގަތުމާއި މުޖުތަމަޢު ދުރުހެލި ކުރުމަކީވެސް ފުލުހުންގެ ވާޖިބަކަށް ވާތީ، ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް ދިނުމާއި، ކަންކަން ކުރަން އޮންނަ ރަނގަޅު ގޮތް ވިސްނައިދީ ކިޔައިދިނުމާއި، ރީތި އުޅުމާއި އާދަ އަނެކުންނަށް ދަސްކޮށްދީ، އަނެކުންނަށް މަގުދައްކައިދޭ ބަޔެއްގެ ގޮތުގައި އަބަދުމެ ދެމިތިބުމެވެ." ރައީސްގެ ހިޠާބުގައި ވިދާޅުވިއެވެ.
ފުލުހުންގެ މުއައްސަސާގައި ޤައުމަށް ބޭނުންތެރި އެކި ދާއިރާތަކުން މޮޅަށް ކިޔަވައިގެން ތިބި ޤާބިލް އެތައް ދަރީންނެއް އެބަ ތިބިކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ތަފާތު އެކި ހުނަރުތަކާ ތަޢުލީމު ލިބިފައިވާ ދިވެހީން އެންމެ ގިނަ އެއް ދާއިރާއަކީ ދިވެހި ފުލުހުންގެ ޚިދުމަތް ކަމަށެވެ. ދިވެހި ކޮންމެ ފުލުހަކީ، ހުވަޔަށް ވަފާތެރި، ދީނަށް ޙުރުމަތްތެރި، ޤައުމަށް ޚިދުމަތްތެރި، ކޮންމެ ރައްޔިތަކާމެދު އޯގާތެރި، ވާޖިބު އަދާކުރުމަށް ފަރުވާތެރި އަގުހުރި ދަރިޔަކަށް ވުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.
ފުލުހުންގެ ޤައުމީ ޚިދުމަތަށް 100 އަހަރު ވާން ބާކީ އޮތީ އަށް އަހަރުކަން ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެ ދުވަހާ ހަމަޔަށް ދާންވާއިރު، މާތްﷲގެ ތަނަވަސް ރަޙްމަތްފުޅާއި މިންވަރުފުޅާއެކު، މި ސަރަޙައްދުގެ އެންމެ ޒަމާނީ، އެންމެ އިތުބާރު ހުރި، އެންމެ އޯގާތެރި، އެންމެ ތަންފީޒީ ފުލުހުންގެ ޚިދުމަތް ދިވެހިރާއްޖޭގައި އޮންނަން ބޭނުންފުޅުވާ ކަމަށެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުގެ 92 ވަނަ އަހަރީ ދުވަހުގެ އުފަލުގައި، އެންމެހައި ދިވެހި ފުލުހުންނަށް އެމަނިކުފާނު ވަނީ އިޚްލާޞްތެރިކަމާއިއެކު މަރްޙަބާއާއި ތަހުނިޔާ ދަންނަވާފައެވެ. މީގެއިތުރުން މި ވޭތުވެދިޔަ ދިގު މުއްދަތުގައި ފުލުހުންގެ ކަންކަން ބެލެހެއްޓެވި ވަޒީރުންނާއި، ފުލުހުންގެ އިސް މަޤާމުތައް ފުރުއްވާފައިވާ ވެރީންނާއި، ފުލުހުންގެ ޚިދުމަތުގައި މަސައްކަތް ކުރެއްވި ބޭކަލުންގެ އަގުހުރި ޚިދުމަތަށް އެމަނިކުފާނު ވަނީ ޝުކުރުއަދާކުރައްވާފައެވެ.
ރިއެކްޝަންސް






