"ހިތްވަރު ކޮށްކޮށް ވަރުބަލި ވެއްޖެ, ކުޅެ ކުޅެ ވަރުބަލިވެއްޖެ, އެކަމަކު އަދި ތަށި ހޯދާނަން"
މުބާރާތުގެ މެޗެއްގެ ތެރެއިން ޝަހާ: ފޮޓޯ-ސްޕޯރޓްސް މިނިސްޓްރީ

"ހިތްވަރު ކޮށްކޮށް ވަރުބަލި ވެއްޖެ, ކުޅެ ކުޅެ ވަރުބަލިވެއްޖެ, އެކަމަކު އަދި ތަށި ހޯދާނަން"

3-2 ސެޓުން ރާއްޖެ ބަލިކޮށް ޗެމްޕިއަންކަން ހޯދީ ކިރްގިސްތާން

7 days ago - 07:23
Sep 12, 2024 - 07:35

" ހިތްވަރު ކޮށްކޮށް ވަރުބަލި ވެއްޖެ, ކުޅެ ކުޅެ ވަރުބަލިވެއްޖެ, އެކަމަކު އަދި ތަށި ހޯދާނަން" މިއީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި ކުޅުނު 'ވަރަށް' ވާދަވެރި ފައިނަލް މެޗަށްފަހު ރިހި މެޑައްޔަކުން ފުއްދާލަން ޖެހުމުން ރާއްޖޭގެ ގައުމީ އަންހެން ވޮލީބޯޅަ ޓީމްގެ އާމިނަތު ޝަހާ ޝާމިން އޭނާގެ ފޭސްބްކްގައި ލިޔުނު އަސަރުގަދަ މެސެޖުން ތަންކޮޅެކެވެ.

މެޗުގެ ފަހު ޕޮއިންޓް ކިރްގިސްތާނުން ހޯދުމުން, ކާވާ ވިމެންސް ވޮލީބޯޅަ ޗެލެންޖް ކަޕްގައި އެންމެ މޮޅަށް ކުޅުނު އެއް ކުޅުންތެރިޔާގެ ލޮލުން އައީ ކަރުނައެވެ. މުޅި ޓީމާއި ސަޕޯޓަރުންގެ ލޮލުންވެސް ހަގީގަތުގައި ކަރުނަ އައެވެ. ކަރުނަ އަންނަން ހައްގެވެ. ހަތަރު ގައުމު ވާދަކުރި މުބާރާތުގައި ރާއްޖޭގެ އަންހެން ޓީމުން ކުޅުނީ 'ވަރަށް' މޮޅަށެވެ. މުޅި މުބާރާތުގައިވެސް ދޫނުދީ 'ވަރަށް' ހިތްވަރު ކުރިއެވެ. ދިވެހި ސަޕޯޓަރުންނަށް 'ވަރަށް' ބޮޑަށް އުއްމީދާއި ޔަގީންކަން ދިނެވެ. ފަހުވަގުތާ ހަމައަށްވެސް އެޔަގީންކަމުގައި ކުޅެލިއެވެ. 

'ދެން ފަހަރަކުންނޭ ކިޔާ ކިޔާ' ވަރުބަލިވިޔަސް ސަޕޯޓަރުން މާޔޫސް ނުވާވަރުގެ މޮޅު ކުޅުމާއި ހިތްވަރު ދެއްކިއެވެ. ދެން ފަހަރަކުންވެސް ވާނެ ކަމުގެ ޔަގީންކަން ހޯދައިދިނެވެ. އެނބުރި މާވަރުގަދަ ކޮށް ގައުމީ އަންހެން ވޮލީބޯޅަ ޓީމް އަންނާނެ ކަން މިފަހަރު ގައުމީ އަންހެން ޓީމް ސާބިތުކޮށްދިނީ ނަތީޖާއާއި ކުޅުމާއި, ހިތްވަރުންނެވެ.

" އެއްހާސް ފަހަރު ދެންފަހަރަކުންނޭ ބުނަން ޖެހުނަސް, ބުނެފަ މިރަން ރާއްޖެއަށް ގެނެސްދޭނަން. އިންޝާالله " ޑްރީމް ޓީމްގައި ހިމެނުނު ޝަހާ ޝާމިންގެ ޖުމްލައިގައި ހުރި ބާރާއި, ހިތްވަރާއި ޔަގީންކަން އެކަނިވެސް މިވަގުތަށް ފުދެއެވެ. މުބާރާތުން އެޔަގީންކަން ހޯދައިދިނީތީއެވެ.

ޝަހާ ހިމެނޭ ގޮތަށް މިޓީމްގައި ތިން ފައިނަލުން ބަލިވި ކުޅުންތެރިން އެބަތިއްބެވެ. އެމާޔޫސްކަން އެކުޅުންތެރިންގެ ބޮޑެވެ. މެޗަށްފަހު އެނބުރި ގެއަށް ގޮސް މާބޮޑަށް ކުޅުންތެރިން މެޗާ މެދު ވިސްނިއެވެ. ރަން ނުލިބުމުން އެމާޔޫސްކަމާއެކު ނިދަން އުނދަގޫވި ކަން ޝަހާގެ މިމެސެޖުން އެކަނިވެސް ޔަގީންކޮށްދެއެވެ.

"ހީވެދާނެ ވަރަށް ދަށް ޓީމްތަކާއޭ މިކުޅެނީ. އެކަމަކު ކޯޓަށް އަރާ ކުޅެލީމަ އިނގޭނީ ކިހާވަރެއްގެ ކަމެއްކަން މިކުރަނީ އަހަރުން" ގައުމީ އަންހެން ޓީމްގެ ހިތްވަރާއި މަސައްކަތަށް ދިވެހި ސަޕޯޓަރުންގެ ޝައްކެއް ނެތްކަން ފައިނަލް މެޗުގައި ޒުވާނުންގެ މަރުކަޒުގެ ހޯލްގައި ތިބި ސަޕޯޓަރުންގެ އަދަދާއި, ޓީވީތަކުން ވަގުތުން މެޗު ބަލަމުންދިޔަ ސަޕޯޓަރުންގެ އަދަދުން ސާފެވެ. އަދި މެޗަށްފަހު ސޯޝަލް މީޑިޔާއަށް ބަލާލުމުން އެކަން މާ ރަނގަޅަށް ސާފެވެ.

ތެދެކެވެ. ޝަހާ ބުނި ފަދައިން މުބާރާތް ނިމިގެން ދިޔައީ 'ރިހި' މެޑައްޔާއެކުއެވެ. އެކަމަކު ރާއްޖޭގެ އަންހެން ވޮލީ އެހެން ހަރުފަތަކަށް ގެންދެވިއްޖެ ކަމުގެ ހަމައެކަނި އުއްމީދެއްގަ ނޫނެވެ. އެކަން ސަޕޯޓަރުންނަށް ގަބޫލުކޮށްދީފައެވެ.

ރާއްޖޭގެ ފިރިހެން ގައުމީ ވޮލީ ޓީމްގެ ކޯޗުކަން އެންމެ ގިނަ ފަހަރު ކުރި ކޯޗު އަދި ދެން އެޓީމާ ހަވާލުވާ މުޙައްމަދު ޝަރަފްވެސް އެކަމަށް އެއްބަހެވެ. ރޭގެ ފައިނަލް މެޗަށްފަހު އޭނާ ބުނީ ވޮލީ ކުޅެވިއްޖެ ކަމަށެވެ.

" މަ ބުނާނެ އެއްޗެއް ނެތެވެ. ވޮލީ ކުޅެވިއްޖެއެވެ. ހިތްވަރު ކުރެވިއްޖެއެވެ. ދިވެހިންގެ ހިތްތައް ފަތަހަ ކުރެވިއްޖެއެވެ. މުޅި ޤައުމު ފަޙުރުވެރިވެސް ކުރެވިއްޖެ އެވެ." ޝަރަފް އޭނާގެ ފޭސްބުކްގައި ލިޔެފައި ވެއެވެ.

ހަގީގަތުގައިވެސް ދިވެހި އަންހެން ވޮލީ ޓީމުން ވޮލީ ކުޅެލައިފި އެވެ. ދިވެހި ކުޅިވަރަށް އިތުބާރު ހޯދައިދީފިއެވެ. ގައުމަށް ދެންވެސް އެއްބައިވަންތަ ކަން ގެނެވޭނީ ކުޅިވަރުންކަން ސާބިތު ކޮށްދީފި އެވެ. އަންހެން ޓީމް ރަން މެޑަލް ގެންނާނެކަން ގަބޫލުކުރުވައިފި އެވެ. ސާބަހެވެ.

ރިއެކްޝަންސް

like

dislike

love

funny

angry

sad

wow