
ޣައްޒާގައި އިންސާނީ އެހީ ބެހުމާމެދު އިޒްރާއިލްގެ ކެބިނެޓް ދެބައިވެ ހޫނު ބަހުޘްތަކެއް: ރިޕޯޓް
ޣައްޒާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދީ އެހީ ބެހުމާ ގުޅޭގޮތުން އިޒްރާއިލްގެ ކެބިނެޓްގެ ދެބައިވެ ހޫނު ބަހުޘްތަކެއް ހިނގާފައިވާކަމަށް އިޒްރާއިލްގެ ޕަބްލިބް ބްރޮޑްކާސްޓަރާ ހަވާދީ އަލްޖަޒީރާއިން ރިޕޯޓްކޯށްފިއެވެ.
ރިޕޯޓް ބުނާގޮތުން ކެބިނެޓްގެ ވަޒީރުންގެ ތެރެއިން ކަނާތުފިޔަގެ ވަޒީރުންނާއި ޖަސޫސީ އިދާރާގެ ވެރިޔާއާ ދެމެދު ވަނީ ހޫނު ބަސްތަކެއް ބަދަލުކޮށްފައެވެ. އެއީ ކަނާތުފިޔައިގެ މާލީ ވަޒީރު ބެޒޭލެލް ސްމޮޓްރިޗް, ދިފާއީ ވަޒިރު އިޒްރާއިލް ކަޓްޒް, އަސްކަރީ ވެރިޔާ އެއަލް ޒަމިރް އާއި ޝިން ބެޓް ގެ ވެރިޔާ ރޮނެން ބަރ އާ ދެމެދު ހިނގި ހިޔާލުތަފާތުވުންތަކެވެ.
ބައްދަލުވުމުގައި ކަޓްޒް ހުށަހަޅާފައިވަނީ ޣައްޒާއަށް އިންސާނީ އެހީ ބެހުމުގައި އިޒްރާއިލްގެ އަސްކަރިއްޔާ ނުވަތަ އެމެރިކާގެ އަސްކަރިއްޔާގެ ސިފައިން ބޭތިއްބުމުށެވެ. އެއީ ކުރިން އަމަލުކުރަމުން އައި ގޮތުން ހަމާސް ވަރުގަދަ ވެފައިވާތީ ކަމުގައި ކަޓްޒު ބުނެފައިވާކަމަށް ރިޕޯޓް ބުނެއެވެ.
ނަމަވެސް އަސްކަރިއްޔާގެ ފަރާތުން ވަނީ އެކަމަށް އިންކާރުކޮށްފައެވެ. އަސްކަރިއްޔާގެ ފަރާތުން ޒަމިރް ވަނީ "އަސްކަރިއްޔާއިން ޣައްޒާގައި އިންސާނީ އެހީ ނުބަހާނެ" ކަމަށާއި އަދި "ޣައްޒާ ބަނޑަށްވެސް ނުޖައްސާނެ" ކަމަށް ބުނެފައެވެ. އެއަށް ރައްދު ދެމުން ސްމޮޓްރިޗް ބުނެފައިވަނީ "އަސްކަރިއްޔާއިން އެމީހުން ކުރާނީ ކޮންކަމެއްތޯ އަމިއްލައަށް ނުނިއްމޭނެ" ކަމުގައެވެ. އަދި އަސްކަރިއްޔާ އާ ހަވާލުކުރެވޭ ކަންކަން ނުވާނަމަ އެކަން ކުރެވޭ މީހަކު ހަމަޖައްސާނެކަމަށް ބުނެ ސްމޮޓްރިޗް ވަނީ ޒަމިރް އަށް ބިރުދައްކާފައި ކަމުގައި ވެސް ރިޕޯޓް ބުނެއެވެ.
އަދި ބައްދަލުވުމުގައި ޝިން ބެޓް (ޖާސޫސީ އިދާރާ) ގެ ވެރިޔާ ވާހަކަ ދައްކަމުނަ ދަނިކޮށް ސްމޮޓްރިޗް ބައްދަލުވުން ދޫކޮށް ވަނީ ގޮސްފައެވެ. ޖާސޫސީ ވެރިޔާ ރޮނެން ބަރ އަދި އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާ ދެމެދު މިދުވަސްކޮޅު ވަނީ ސިޔާސީ ބޮޑު ހަމަނުޖެމެއްވެސް އުފެދިފައެވެ. ނަތަންޔާހޫ ވަނީ ޝިންބެޓް ގެ ވެރިޔާ މަޤާމުން ދުރުކުރުމަށްވެސް އަންގާފައެވެ. ނަމަވެސް އެކަން މަޑުޖައްސާލާފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.
ރިއެކްޝަންސް






