
ޣައްޒާއަށް ވަންނަކަމަށް ބުނާ އެހީގެ ޓްރަކްގެ ބޮޑު އިންސައްތައެއް އާންމުންނާ ހަމައަކަށް ނުފޯރާ: ނޫސްވެރިން
ހައިހޫނުކަމުގެ ހާލަތަކަށް ބަދަލެއްނާދޭ
ޣައްޒާއަށް އިންސާނީ އެހީގެ ގިނަ ޓްރަކްތަކެއް ވަންނަމުންދާކަމަށް އިޒްރާއިލްއިން ބުނި ނަމަވެސް ވަންނަކަމަށް ބުނާ ޓްރަކްތަކުގެ އަދަދަާ އަޅާ ބަލާއިރު އާންމުންނާ ހަމައަށް ފޯރަނީ މަދު އަދަދެއްގެ އެހީ ކަމަށް ޣައްޒާގެ އަލްޖަޒީރާގެ ނޫސްވެރިޔާ ހިންދު ޙައުދަރީ ބުނެފިއެވެ.
މެދުތެރޭ ދިއެރް އެލް-ބަލަހްއިން ރިޕޯޓްކުރި ހިންދު ބުނެފައިވަނީ އެހީ ހޯދުމަށް ރައްޔިތުން އަދިވެސް ބަރޯސާވާންޖެހެނީ އިޒްރާއިލް އާއި އެމެރިކާއިން އުފައްދާފައިވާ ޣައްޒާ ހިއުމެނިޓޭރިއަން އޯގަނައިޒޭޝަން (ޖީއެޗްއެފް) އަށް ކަމަށެވެ.
ހިންދު ބުނީ ނެޓްޒަރިމްގެ ޖީއެޗްއެފް ޕޮއިންޓަށް އެހީބަލާދިޔަ އެތައްބައެއްގެ ގަޔަށް ބަޑިޖަހާ ގިނަ ބަޔަކު މިއަދުވެސް ޒަހަމްވެފައިވާ ކަމަށެވެ.
"އަހަރެމެންނަކަށް ނުފެނޭ އެހީގެ ޓްރަކްތަކެއް, ޣައްޒާއަށް ވަންކަމަށް ބުނާ ޓްރަކްތައް ޣައްޒާގެ ހިސާބުތަކަކަށް ނުފޯރާ" ހިންދު ބުނެފައި ވެެއެވެ.
ބައެއް ވީޑިއޯތަކުން ފެންނަގޮތުގައި އާންމުންނާ ހަމައަށް އެހީގެ ޓްރަކްތައް އައުމުގެ ކުރިން އާންމުންނާއި ގްރޫޕްތަކުން ޓްރަކްތަކަށް އަރައިގަނެ ކާބޯތަކެތި ލޫޓުވާ މަންޒަރު ފެނެއެވެ. ހިންދު ބުނި ގޮތުގައި ޓްރަކްތަކުން އެހީ ބަހަންފަށަންދެން އެމީހުންނަށް މަޑުކުރެވެން ނެތްކަމަށާއި, އެމީހުންގެ ދަރިން ބަނޑަށް މަރުވާތަން ބެލުމަށް ކެތްނުވާތީ ޓްރަކްތަކަށް ގޮސް ކާބޯތަކެތި ލިބޭތޯ ބަލަނީ ކަމުގައި އެމީހުން ވަނީ ބުނެފައެވެ.
ޣައްޒާއަށް އެހީ ބޭނުންވާ ވަރާ ގާތަށްވެސް އިންސާނީ އެހީ ވަންނަމުން ނުދިޔުމަކީ އިންސާނުން މިދަރަޖައަށް ވެއްޓޭ ސަބަބެވެ. އިއްޔެވެސް ޣައްޒާއަށް ވަދެފައި ވަނީ 73 ޓްރަކްގެ އެހީގެ ސާމާނެވެ. ޣައްޒާގެ ރައްޔިތުންނަށް ކިރިޔާ ފުދޭވަރުކުރުމަށްޓަކައިވެސް ދުވާލަކު މަދުވެގެން 600 ޓްރަކްގެ އެހީ ބޭނުންވެއެވެ.
ޣައްޒާ ސިޓީން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ހަނީ މުހައްމަދު ބުނި ގޮތުގައި އިންސާނީ އެހީ ވެއްދުމަށް ބޯޑަރު ހުޅުވުކަމަށް ދޭހަވާ ގޮތަށް ވާހަކަދެއްކުމަކީ ހަޤީގަތަށް ފެންނަ މަންޒަރާ ނުބައްދަލު ވާހަކައެކެވެ.
"އޭގެން އަސަރެއް ނުކުރޭ މިތަނުން އަހަރެމެންނަށް މި ފެންނަ ހަޤީގަތަކާ. އޭގެ ސަބަބުން ނިކަމެތި ހާލަތުގައި ތިބި މީހުން އިތުރަށް ނިކަމެތި ވަމުން މިދަނީ. އިޒްރާއިލްއިން ވާގިވެރިވާ ގޭންގުތަކާއި ފޭރޭމީހުން އެ އެއްޗެހި ހޯދާ, ބޮޑު އަގުގަ ވިއްކަމުން ދަނީ. މިއީ އިޒްރާއިލްއިން އެކަން ރާވާފައިއޮތް ގޮތް. ޣައްޒާގެ ތެރެއަށް ވަދެފައިވާ މަދު އެއްޗަކީވެސް ލޫޓުވައިގެން ހޯދާފައިވާ ތަކެތި" ހަނީ މުހައްމަދު ބުންޏެވެ.
އދ ގެ އެޖެންސީ ފޮރ ޕަލަޞްޠީނިއަން ރެފިއުޖީސް (އަންރްވާ) އިންވެސް ބުނެފައި ވަނީ ޣައްޒާއަށް ގިނަ އަދަކަށް އެހީ ވަދެގެން ނޫނީ ޣަައްޒާގެ ހައިހޫނުކަމުގެ ހާލަތަށް ބަދަލެއް ނާންނާނެ ކަމުގައެވެ.
ރިއެކްޝަންސް






