
ފަތުރުވެރިކަމުގެ 156 މަޝްރޫޢު ކުރިއަށް، މިއަހަރު 1290 އެނދު އިތުރުވާނެ: ވަޒީރު ޠާރިޤު
ރާއްޖޭގެ 156 ތަނެއްގައި ފަތުރުވެރިކަމުގެ މަސައްކަތް މިހާރު ވެސް ކުރިއަށްދާކަމަށާއި، މިއަހަރުތެރޭގައި ފަތުރުވެރިކަމުގެ ދާއިރާއަށް އިތުރު 1290 އެނދު ނެރެވޭނެ ކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ވިދާޅުވީ މިހާރު ރާއްޖޭގައި 156 ތަނެއްގައި ފަތުރުވެރިކަމުގެ ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްދިޔަ ނަމަވެސް އެކި ސަބަބުތަކާ ހުރެ 61 ތަނެއްގެ މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. މި ތަންތަނުގެ މަސައްކަތް އަލުން ފެށުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވަޒީރު ވެސް ވަޒީރު ވިދާޅުވިއެވެ.
ސަރުކާރުން ކްލޯސްޑް ބިޑިންގގެ ދަށުން 10 ތަނަކާއި، ކްރޮސް ސަބްސިޑީގެ ދަށުން 3 ތަނެއް ފަތުރުވެރިކަމަށް ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޯޕަން ބިޑިންގގެ ދަށުން 3 ތަނެއް އިޢުލާންކޮށްފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މިއަހަރުގެ އަމާޒަކީ 2.3 މިލިއަން ފަތުރުވެރިން ގެނައުން ކަމަށް ވަޒީރު ވިދާޅުވިއެވެ. މި އަމާޒު ހާސިލްކުރުމަށް ލޯ ސީޒަންގައި މާކެޓިންގ ހަރަކާތްތައް އިތުރުކޮށް، މުޅި އަހަރުތެރޭގައި ރާއްޖެ މާކެޓުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި އަމާޒަށް ވާސިލްވުމަށް ސަރުކާރުން އަންނަނީ ރާއްޖެ އިސްތިހާރުކުރުމަށްޓަކައި ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ދާދިފަހުން ރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ނަން މަޝްޙޫރު އެއް ފުޓްބޯޅަ ކުލަބުކަމަށްވާ އިނގިރޭސިވިލާތުގެ ލިވަޕޫލާއި އެކު ވެސް ޕާޓްނަޝިޕް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
ރިއެކްޝަންސް






