ފަސްޓް ލޭޑީ ސާޖިދާ އަޟްހާ ޢީދުގެ ތަހުނިޔާ ފޮނުއްވައިފި
ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ދިވެހި ރައްޔިތުންނަށް ޢީދުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.
ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ޢީދުގެ ތަހުނިޔާ ފޮނުއްވީ އެކަމަނާގެ ރަސްމީ 'އެކްސް' އެކައުންޓް މެދުވެރިކޮށް މިރޭ ކުރެއްވި ޕޯސްޓެއްގައެވެ. އެކަމަނާގެ މެސެޖުގައި، އަޟްޙާ ޢީދުގެ ތަހުނިޔާ އާއި މުބާރަކުބާދީ އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކުރައްވާފައިވެއެވެ. އަދި މި ޢީދު ދުވަހަކީ އެންމެހާ މުސްލިމުންގެ މެދުގައި ލޯތްބާއި ކުލުނު ފުރިގެންވާ ދުވަހެއްކަމުގައި ލެއްވުން އެދި އެކަމަނާ ވަނީ ދުޢާކުރައްވާފައެވެ.
މި މުނާސަބަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޚާއްޞަ ޚިޠާބެއް ނެރުއްވާފައެވެ. ރައީސްގެ ޚިޠާބުގައި، މިފަދަ ބަރަކާތްތެރި ޢީދެއް މިންވަރުކުރެއްވިކަމަށްޓަކައި މާތްﷲގެ ކިބަފުޅަށް ޙަމްދާއި ޝުކުރު ދަންނަވަމުން، ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޢީދުގެ ހެޔޮއެދުންތައް އަރިސްކުރެއްވިއެވެ. މީގެ އިތުރުން، މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަމުގައި ބައިވެރިވުމަށް ރާއްޖެއިން މައްކާއަށް ދިޔަ ހުރިހާ ޙައްޖާޖީންނަށްވެސް އެމަނިކުފާނު ވަނީ ތަހުނިޔާ ފޮނުއްވާފައެވެ.
ރައީސްގެ ޚިޠާބުގައި އިތުރަށް ބަޔާންކުރައްވާފައިވަނީ، އަޟްޙާ ޢީދަކީ އަޅާލުމާއި އޯގާތެރިކަމުގެ ދުވަހެއް ކަމަށެވެ. އެގޮތުން، މުޖުތަމަޢުގައި ތިބި ނިކަމެތިންނާއި އެކަނިވެރިންގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދިނުމަކީ ކޮންމެ މީހެއްގެވެސް އަމިއްލަ އުފަލެއް ކަމުގައި ގަބޫލުކުރުމަށް ރައީސް އިލްތިމާސްކުރެއްވިއެވެ. އަދި ޢީދުގެ އުފާ ފާޅުކުރާއިރު، އިސްލާމީ ރީތި އުޞޫލުތަކާއި އެކުވެރިކަމުގެ ގުޅުން ބަދަހިކުރުމަށްވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
ރިއެކްޝަންސް





