
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ ނަންފުޅަށް ނިސްބަތްކޮށް ސިންގަޕޫރުގައި އޯކިޑް ގަހަކަށް ނަން ދީފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅަށް ސިންގަޕޫރުގެ އޯކިޑް ގަހަކަށް ނަން ދެއްވީ,ސިންގަޕޫރަށް މިހާރު ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.
ރައީސްގެ ދެކަނބަލުންގެ ނަންފުޅަށް ނިސްބަތްކުރައްވާ ނަންދެއްވީ ސިންގަޕޫރުގެ ނޭޝަނަލް އޯކިޑް ގާޑަންގެ އޯކިޑް ހައިބްރިޑަކަށެވެ. މި އާ އޯކިޑް ބެހެއްޓުމަށް ހަމަޖެހިފައި ވަނީ "ވީ.އައި.ޕީ އޯކިޑްސް" ކަލެކްޝަންގައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ނަންދިނުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ސިންގަޕޫރުގެ ބޮޓެނިކް ގާޑަންސްއަށް ކުރެއްވި ޒިޔާރަތުގައެވެ. ސިންގަޕޫރު ބޮޓެނިކް ގާޑަންސްއަށް ކުރެއްވި މި ޒިޔާރަތުގައި، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ބޮޓެނިކް ގާޑަންސްއަށް ޒިޔާރަތްކުރައްވާ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. މި ޒިޔާރަތުގައި ގާޑަންގެ ތާރީޚީ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާ ހިއްސާކުރައްވައި ގާޑަންގެ އެކިތަންތަން ވަނީ ދައްކަވާލައްވާފައެވެ.
ނޭޝަނަލް އޯކިޑް ގާޑަންގައި ބޭރުގެ ޤައުމުތަކުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް ނިސްބަތްކޮށް އޯކިޑް ހައިބްރިޑްތަކަށް ނަންދިނުމަކީ އެތަނުގެ ދިގު ތާރީޚުގައި ހިނގަމުން އަންނަ ޘަޤާފަތެކެވެ. ސިންގަޕޫރަށް ދަތުރުފުޅު ކުރައްވާ ޤައުމުތަކުގެ ވެރިންނަށް އިޙްތިރާމް އަދާކުރުމުގެ ގޮތުން އެބޭފުޅުންގެ ނަންފުޅަށް ނިސްބަތްކޮށް މިގޮތަށް ނަން ދިނުމަކީ ބައިނަލްއަޤްވާމީ ގުޅުން ބަދަހިކުރުމުގެ ރަމްޒެއްގެ ގޮތުގައި ކުރައްވާ ކަމެކެވެ.
ރިއެކްޝަންސް






