
އެމެރިކާއާއި އިންޑިޔާ ގުޅުން ބަދަހިކޮށް، މުމްބާއީ ޙަމަލާގެ ތުހުމަތުކުރެވޭ މީހަކު އިންޑިޔާއަށް ފޮނުވަން ނިންމައިފި
ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެއްބަސްވެ، އެކި ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަދި އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މަޝްވަރާ ކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރިއށް ގެންގޮސްފައިވަނީ އިންޑިޔާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ދެ ރައީސުންގެ ބައްދަލުވުމުގެ ތެރޭގައެވެ.
މި ބައްދަލުވުމުގައި އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ 2008 ވަނަ އަހަރު މުމްބާއީގައި ދިން ނުރައްކާތެރި ޙަމަލާގައި ތުހުމަތުކުރެވޭ މީހަކު އިންޑިޔާއަށް ފޮނުވައިދޭން އެމެރިކާއިން ނިންމި ނިންމުމެވެ.
ރައީސް ޓްރަމްޕް މި ކަން އިޢުލާނުކުރެއްވީ ވައިޓް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އެމެރިކާއާއި އިންޑިޔާ ގުޅިގެން ނެރުނު ބަޔާނެއްގައި ހާމަކުރި ގޮތުގައި މި މީހާއަކީ ޕާކިސްތާނަށް ނިސްބަތްވާ ކެނެޑާގެ ރައްޔިތެއް ކަމަށްވާ ތަހަވޫރު ރާނާއެވެ. ރާނާއަކީ އެމެރިކާގެ ފެޑެރަލް ކޯޓަކުން ލަޝްކަރް ޠައިބާއަށް މަދަދުވާ ކަމަށް ހުކުމް އިއްވާފައިވާ މީހެކެވެ.
2008 ގެ ނޮވެންބަރު 26 ގައި މުމްބާއީގައި ހިނގި މި ޙަމަލާގައި 160 މީހުން މަރުވިއެވެ. އިންޑިޔާއިން ތުހުމަތުކުރާ ގޮތުގައި މި ޙަމަލާގެ ފަހަތުގައި ވަނީ ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާޢަތް ލަޝްކަރް ޠައިބާއެވެ. ނަމަވެސް ޕާކިސްތާނުގެ ސަރުކާރުން މި ކަމުގައި އެއްވެސް އަތެއް ނުވާ ކަމަށް ތަކުރާރުކޮށް ބުނަމުން ގެންދެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އަސްކަރީ އެހީ އިތުރުކުރުމަށާއި ވިޔަފާރީގެ ޑެފިސިޓް ކުޑަކުރުމަށް އެއްބަސްވުންތަކެއްގައި ސޮއިކުރެވުނެވެ. މީގެ ތެރޭގައި އެމެރިކާއިން އިންޑިޔާއަށް އެފް-35 ފައިޓާ ޖެޓް ފޯރުކޮށްދިނުން ހިމެނެއެވެ. މީގެ އިތުރުން އިންޑިޔާއިން އެމެރިކާގެ ތެލާއި ގޭސް އެތެރެކުރުން އިތުރުކުރުމަށްވެސް އެއްބަސްވެވުނެވެ.
އިންޑިޔާއަކީ ދުނިޔޭގައި ހަތިޔާރު އެތެރެކުރާ އެންމެ ބޮޑު ޤައުމެވެ. ކުރިން ރަޝިޔާއަށް ބަރޯސާވަމުން އައި ނަމަވެސް، ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މިހާރު ވަނީ ހުޅަނގަށް ބަރޯސާވާން ފަށާފައެވެ. އެމެރިކާގެ ކޮންގްރެސް ރިސާޗް ސާވިސްއިން ބުނާ ގޮތުގައި އިންޑިޔާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ކުރިއަށް އޮތް ދިހަ އަހަރު ދުވަހުގެ ތެރޭގައި 200 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާނެ ކަމަށް ބެލެވެއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމު ގުޅިގެން އިސްލާމީ ޓެރަރިޒަމްގެ ނުރައްކަލާ ކުރިމަތިލާނެ ކަމަށްވެސް ރައީސް ޓްރަމްޕް ވިދާޅުވިއެވެ. މިއީ ދެ ޤައުމުގެ މެދުގައި އޮތް ސަލާމަތީ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
އެމެރިކާއާއި އިންޑިޔާގެ ގުޅުން ވަރުގަދަވަމުން އައުމާއެކު، އިންޑިޔާއިން އެމެރިކާގެ އަސްކަރީ އުފެއްދުންތައް ގަތުން އިތުރުވެފައިވެއެވެ. 2008 ވަނަ އަހަރުން ފެށިގެން އިންޑިޔާއިން ވަނީ 20 ބިލިއަނަށްވުރެ ގިނަ އަދަދަކަށް އެމެރިކާގެ އަސްކަރީ އުފެއްދުންތައް ގަތުމަށް އެއްބަސްވެފައެވެ. މީގެ ތެރޭގައި މިދިޔަ އަހަރު އެއްބަސްވި 31 އެމްކިޔު-9ބީ ސީގާޑިއަން އަދި ސްކައިގާޑިއަން ޑްރޯން ގަތުންވެސް ހިމެނެއެވެ.
ރިއެކްޝަންސް






