
ފަލަޞްޠީނުގެ 369 ރައްޔިތުންގެ މިނިވަންކަމުގެ ބަދަލުގައި ޣައްޒާގައި ތިބި 3 ރަހީނުން މާދަމާ މިނިވަންކުރަނީ
ހަމަލާތައް މެދުކަނޑާލުމާ ގުޅޭގޮތުން ހަމާސް އާއި އިޒްރާއިލްއިން އެއްބަސްވެފައިވާ ގޮތަށް މާދަމާ 3 ރަހީނުން މިނިވަންކުރާނެކަމަށް ހަމާސްއިން ޔަޤީންކަންދީފިއެވެ. އަދި ބަދަލުގައި އިޒްރާއިލްގެ ޖަލުތަކުގައި ތިބި 369 މީހަކުވެސް މާދަމާ ވަނީ މިނިވަންކުރުމަށް ހަމަޖެހިފައެވެ.
މާދަމާ ދޫކޮށްލުމަށް ހަމަޖެހިފައިވާ ރަހީނުންގެ ތެރޭގައި ހިމެނެނީ އެމެރިކާ, ރަޝިއާ އަދި އާޖެންޓީނާ ދަރިކޮޅުގެ އިޒްރާއިލްގެ ރައްޔިތުންނެވެ. ނަމަވެސް ފަލަޞްޠީނުގެ އަސީރުންގެ ތެރެއިން މިނިވަންކޮށް ޣައްޒާއަށް ގެންދިއުމަށް ހަމަޖެހިފައިވާ 333 މީހުންގެ ލިސްޓް އަދި އިޒްރާއިލްއިން ހާމަކޮށްފައެއް ނުވެއެވެ.
މިނިވަންކުރާ 369 މީހުންގެ ތެރެއިން 10 މީހަކު ގެންދާނީ ހިފާފައިވާ ހުޅަނގު އައްސޭރިއަށެވެ. އަދި ބާކީ 25 މީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ މިޞްރަށެވެ.
އަސީރުންނާއި ރަހީނުން މިނިވަން ކުރުމުގެ ކަންތައް ކުރިއަށްދާތީ ފަލަޞްޠީނުގެ ރައްޔިތުން މިވަގުތަށް ތިބީ ހިތްހަމަ ޖެހިފައެވެ. އެއީ ހަމަލާތައް އަލުން ފަށާނެކަމަށް ނަޔަންޔާހޫ ދީފައިވާ އިންޒާރު ރަހީނުން ދޫކޮށްލާނެ ކަމަށް ބުނުމާއެކު ފިނިވެފައި ވާތީއެވެ.
"މި ވަގުތަށް ހަމަލާތައް މިވަނީ މެދުކަނޑާލެވިފަ. އެހެންވީމަ އަދި އުއްމީދު އެބައޮތް. އަހަރެމެން މިތިބި މިނިވަންކުރާ މީހުންގެ ލިސްޓްގެ އިންތިޒާރުގަ. އަހަރެމެންނަށް މާދަމާ އެމީހުންނާ ބައްދަލުވާނެތީ އުފަލުން މިތިބީ" ފަލަޞްޠީނުގެ މީހަކާ ހަވާލާދީ އުރުދުންގެ އައްމާނުން ރިޕޯޓްކުރި އަލްޖަޒީރާގެ ނޫސްވެރިޔާ ނޯރް އޯޑެން ބުނެފައި ވެއެވެ.
އެއްބަސްވުމާ އެއްގޮތަށް މިނިވަންކުރަންޖެހޭ 33 ރަހީނުންގެ ތެރެއިން 21 މީހަކު މިހާރުވަނީ މިނިވަންކޮށްފައެވެ. ރަހީނުންނާއި އަސީރުން ބަދަލުކުރުމުގެ ހަ ވަނަ ބުރު މާދަމާ ނިމުމަށްފަހު ހަމަލާތައް އެއްބަސްވުމުގެ ދެވަނަ ފިޔަވަހި މާރިޗު 1 ން ފެށިގެން އިތުރު މަރުޙަލާއަކަށް ދާނެއެވެ. ނަމަވެސް އަދި އެފިޔަވަހީގައި ކަން ހިނގާނެ ގޮތެއް ސާފެއްނޫނެވެ.
އިޒްރާއިލްއިން އެއްބަސްވުމާ ތަކުރާރުކޮށް ޚިލާފްވަމުންދާ މައްސަލައިގައި މި ހަފުތާ ފެށިގެން އައިއިރު ހަމާސް އާއި އިޒްރާއިލްއާ ދެމެދު ނުތަނަވަސްކަމެއް އުފެދި މާދަމާ އަސީރުން މިނިވަންކުރަން ހަމަޖެހިފައި އޮތް އޮތުން ފަސްކުރިކަން ހަމާސްއިން އިއުލާންވެސް ކުރިއެވެ. ނަމަވެސް ފަހުން އެއްބަސްވުމުގެ މެދުވެރިންނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ހަމާސްއިންވަނީ ނިންމުން އަނބުރާ ގެންގޮސްފައެވެ.
މަޝްވަރާތަކަށް ފަހު ހަމާސްގެ އިން ނެރުނު ބަޔާނުގައި ބުނެފައިވަނީ އެއްބަސްވުމާ އެއްގޮތަށް ޣައްޒާއަށް އިންސާނީ އެހީއާއި, ތެލާއި, ބޭހާއި, ބޯހިޔާވަހިކުރާނެ ސާމާނާއި, ގާފުނިތައް ނެގުމަށް ބޭނުންވާ ސާމާނާއި އަދިވެސް އެފަދަ ކަންކަން ހައްލުކުރުމަށް ހުރި ހުރަސްތައް ނައްތާލާނެކަމަށް މެދުވެރިން އެއްބަސްވެފައިވާ ކަމަށެވެ.
ރިއެކްޝަންސް






