
އާ އެއްބަސްވުމަކާއެކު 2030 އާ ހަމައަށް ޖަމާލް މުސިއާލާގެ ބަޔާނުގައި މަޑުކުރަން ސޮއިކޮށްފި
ޖަރުމަނުގެ ޤައުމީޓީމުގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ޖަމާލް މުސިއާލާ ބަޔާން މިއުނިކާއެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. އާ އެއްބަސްވުމުގެ ދަށުން ބުންޑަސްލީގާގެ ކްލަބުގައި މުސިއާލާ 2030 ވަނަ އަހަރާ ހަމައަށް މަޑުކުރާނެއެވެ.
21 އަހަރުގެ މުސިއާލާ އަކީ ޖަރުމަނު އަދި ބަޔާން މިއުނިކްގެވެސް އެންމެ ވިދުންގަދަ އެއް ތަރިއެވެ. އުމުރުން އެންމެ 17 އަހަރުގައި ޖަމާލް ފުރަތަމަ ޓީމަށް ކުޅެންފަށައިފިއެވެ.
ޗެލްސީ އެކެޑެމީން ކެރިއަރު ފެށި މުސިއާލާ ބުންޑަސްލީގާ ގެ ގަދަބާރު, ބަޔާން އާ ގުޅުނީ 2022 ވަނަ އަހަރުއެވެ. ޔޫތް ލެވެލްގައި މުސިއާލާވަނީ އިނގިރޭސި ވިލާތް އަދި ޖަރުމަނު ވިލާތުގެ ޤައުމީ ޓީމަށްވެސް ކުޅެފައެވެ. ނަމަވެސް 2021 ން ފެށިގެން އޭނާ ނިންމީ މަންމަގެ ޤައުމު ޖަރުމަނު ވިލާތުގެ ޤައުމީ ޓީމަށް ކުޅޭށެވެ.
އެއްބަސްވުން އާކުރުމަށްފަހު މުސިއާލާގެ ފަރާތުން ނެރުނު ބަޔާނުގައި ބުނެފައިވަނި އޭނާ ބަޔާން އާއެކު ހުރީ ވަރަށް އުފަލުން ކަމަށެވެ. އަދި ބަޔާނަކީ ދުނިޔޭގެ ފެންވަރުގައި އެންމެ ވަރުގަދަ އެއް ކްލަބް ކަމަށާއި, އެއީ އޭނާގެ ޕްރޮފެޝަނަލް ފުޓްބޯޅަ ފެށުން ތަން ކަމުގައެވެ. އަދި ބަޔާންއާއެކު ބޮޑެތި ކާމިޔާބީތައް ކުރިއަތް އޮތްތަނުގައި ހޯދޭނެކަމަށް ޤަބޫލުކުރާ ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.
"މިއުނިކްގައި އަހަންނަށް އިޙްސާސް ކުރެވެނީ އަމިއްލަ ގޭގައި އުޅެވޭހެން. ބަޔަނުގެ ސަޕޯޓަރުންވެސް އެހާ ރަނގަޅު. އަހަރެމެން ގިނަ ކާމިޔާބީ ތަކެއް ހާސިލްކުރަން އެބަހުރި" މުސިއާލާ ބުނެފައި ވެއެވެ.
މީގެ ކުރިން މެންޗެސްޓަރ ސިޓީންވެސް އެކުޅުންތެރިޔާ އަށް ޝައުގުވެރިވެފައިވާ މުސިއާލާ ބަޔާނަށް ކުޅުނު 193 މެޗުގައި ވަނީ 58 ގޯލް ކާމިޔާބުކޮށް, އިތުރު 38 ގޯލް ޖެހުމުގައި އެހީތެރިވެދީފައެވެ. ފާއިތުވި ސީޒަންގައިވެސް ހެރީ ކޭންގެ ފަހަތުން ދެވަނައަށް އެންމެ ގިނަ ގޯލް ބަޔާނަށް ކާމިޔާބުކޮށްދިނީ ވެސް މުސިއާލާ އެވެ. ބަޔާން އާއެކު އޭނާ މިހާތަނަށް ހަތަރު ބުންޑަސްލީގާ ވަނީ ކާމިޔާބުކޮށްފައެވެ.
ރިއެކްޝަންސް






