
ބާސެލޯނާ އާއި އެތްލެޓިކޯގެ ފޯރިގަދަ ސެމީގެ ގަދަ ހިފުން އެއްވަރު
ކޮޕާ ޑެލް ރޭގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ބާސެލޯނާ އާއި އެތްލެޓިކޯ ބައްދަލުކުރި ފޯރިގަދަ މެޗު 4-4 ން އެއްވަރުވެއްޖެއެވެ. މެޗުގައި ފުރަތަމަ ލީޑުނެގީ އެތްލެޓިކޯ އިން ނަމަވެސް ފުރަތަމަ ހާފު ނިމިގެންގޮސް މެޗުގެ ފަހު މިނިޓާ ހަމައަށްވެސް ލީޑުގައި އޮތީ ބާސެލޯނާއެވެ.
މެޗުގައި މޮޅުކުޅުމެއް ދެއްކި އެތްލެޓިކޯއަށް ލީޑު ނަގައިދިނި 50 ވަނަ ސިކުންތުގައި ހޫލިއަން އަލްވަރޭޒްގެ ހިތްގައިމު ގޯލުންނެވެ. އަލްވަރޭޒް ނަގައިދިން ހުރަހަކުން ބާސެލޯނާގެ ކުރީގެ ކުޅުންތެރިޔާ އެންޓޮއިން ގްރީޒްމަން އެތްލެޓިކޯއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ ހަވަނަ މިނިޓްގައެވެ.
ނަމަވެސް ދޫދިނުމެއްނެތި ބާސެލޯނާއިންވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ބާސާ ކޮޅަށް އަނބުރާލާފައެވެ. ކައިރި ކައިރީގައި ޕެޑްރީ (19) އަދި ރަފީނިއާގެ ކޯނަރުން ޕައު ކަބާސީ (21) ކާމިޔާބުކޮށްދިން ދެގޯލުން ބާސެލޯނާ ނަތީޖާ އެއްވަރުކޮށްދީ ބާސެލޯނާގެ ހާސްކަން ދާދި އަވަހަށް ފިލުވާލިއެވެ. ޓީމަށް އަލުން ލީޑު ނަގައިދިނީ 41 ވަނަ މިނިޓްގައި އިނީގޯ މާޓިނޭޒް އެވެ. ފުރަތަމަ ގޯލް ކާމިޔާބު ކުރުމުގައި އެހީތެރިވީ ހޫލްސް ކޫންޑޭ އެވެ.
މެޗުގެ 74ވަނަ މިނިޓްގައި ބާސެލޯނާ އަށް ހަތަރުވަނަ ގޯލް ކާމިޔާބުކޮށްދިނީ ލަމީން ޔަމާލް ގެ ހުނަރުން ތަނަވަސްކޮށްދިން ރަނގަޅު ފުރުޞަތެއްގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ރޮބާޓް ލެވަންޑޮސްކީއެވެ.
މެޗު އެހިސާބުން ނިންމާލަން ތަންނުދީ އެތްލެޓިކޯއިން ވަނީ އޭގެ ދިހަ މިނިޓްފަހުން ގޯލެއްޖަހާ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. 84 ވަނަ މިނިޓްގައި މާކޮސް ލޮރެންޓޭ އެތްލެޓިކޯއަށް ތިންވަނަ ގޯލް ކާމިޔާބު ކުރީ އެންހެލް ކޯރިއާގެ އެހީތެރިކަމާއެކުއެވެ.
މެޗު ގާތްގަނޑަކަށް ނިމުނީކަމަށް ނިންމައިގެން ތިއްބާ އެތްލެޓިކޯގެ ނަސީބު އަތުގައި ހިފީ މެޗުގެ ފުރިހަމަ ވަގުތުނިމި އިތުރު ވަގުތުގައެވެ. ބަދަލު ކުޅުންތެރިޔާ އަލްކްސަންޑަރ ސޯލޮތް ކާމިޔާބުކޮށްދިން ގޯލާއެކު މެޗުވެސް ނިމިގެންދިޔައީ އެއްވެސް ޓީމަކަށް ކުރި ނުލިބިއެވެ. ނަތީޖާ ބަދަލުކުރަން އެތްލެޓިކޯއަށް އެހީތެރިވީވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުއިން ސެމިއުލް ލިނޯއެވެ.
ސެމީ ފައިނަލްގެ ދެވަނަ ލެގުގައި ދެޓީމް އަލުން ބައްދަކުރާނީ މެޑްރިޑްގެ މެޓްރޯޕޮލިޓަން ސްޓޭޑިއަމްގައި އެޕްރީލް 2 ވަނަ ދުވަހުއެވެ. މޮޅުވާ ޓީމެއް ފައިނަލްގައި ވާދަކުރާނީ ރެއާލް މެޑްރިޑް ނުވަރަ ރެއާލް ސޮސިއެޑާޑް އާއެވެ.
ރިއެކްޝަންސް






