
ދޮޅު އަހަރެއްހާދުވަސް ފަހުން ނޭމާ އެނބުރި ބްރެޒިލްގެ ގައުމީ ޓީމަށް
ބްރެޒިލްގެ ޤައުމީޓީމަށް މިހާތަނަށް އެންމެ ގިނަ ގޯލް ޖަހާފައިވާ ނޭމާ 17 މަސް ފަހުން އަލުން ޤައުމީޓީމުގެ ސްކޮޑްގައި ހިމަނައިފިއެވެ. އަނިޔާގެ ސަބަބުން ގިނަ ދުވަސްތަކެއްވަންދެން ކުޅުމާ ދުރުގައި ހުރި ނޭމާއަށް ވަނީ ވޯލްޑް ކަޕް ކޮލިފަޔާސްގައި ބްރެޒިލްއިން ކޮލަމްބިއާ އަދި އާޖެންޓީނާ އާ ދެކޮޅަށް ކުޅޭ ސްކޮޑުން ޖާގަ ލިބިފައެވެ.
ކަކުލުގެ އޭސީއެލް އަދި މެނިސްކަސް އަށް އަނިޔާވެ, ސާޖަރީއަށްފަހު ކުޅުމާ ދުރަށްދިޔަ ނޭމާ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުންފެށިގެން ބްރެޒިލްގެ ޓީމުން ފެނިފައެއް ނުވެއެވެ.
ބްރެޒިލްއާކު ތިން ވޯލްޑްކަޕްގައި ކުޅެފައިވާ ނޭމާ ޤައުމީޓިމަށް ކުޅުނު 128 މެޗުގައި 79 ގޯލް ޖަހައިދީފައި ވެއެވެ. 2026 ގައި ކެނަޑާ, މެކްސިކޯ އަދި އެމެރިކާގައި ބާއްވާ ވޯލްޑް ކަޕުގައި ކުޅުމުގެ ޝައުޤު ނޭމާ ވަނީ ފާޅުކޮށްފައެވެ.
33 އަހަރުގެ ނޭމާ ދާދި ފަހުން ވަނީ އޭނާ އެންމެ ފަހުން ކުޅުނު ސައުދީ ޕްރޯ ލީގުގެ ކްލަބް, އަލް ޙިލާލް ދޫކޮށް, އޭނާގެ ކެރިއަރު ފެށި ބްރެޒިލްގެ ސަންތޯސްއަށް ބަދަލުވެފައެވެ. ވިންޓަރ ޓްރާންސްފަރ ވިންޑޯގައި ސަންތޯސްއަށް ބަދަލުވިއިރު އަނިޔާގެ ސަބަބުން އަލްޙިލާލް އަށްވެސް އޭނާއަށް ކުޅޭދީފައިވަނީ އެންމެ ހަތް މެޗެވެ.
އެނބުރި އައިސް ސަންތޯސް އާ ގުޅުނު ނޭމާ އަންނަނީ އެ ކްލަބްގައި އޭނާގެ ކުރީގެ ހުނަރު ދައްކަމުންނެވެ. އާދިއްތަ ދުވަހު ބަރްގަންޓިއޯއާ ދެކޮޅަށް ކުޅެ 2-0 ން މޮޅުވި މެޗުގައި ސަންތޯސްގެ ދެ ގޯލްވެސް ކާމިޔާބުކޮށްދިން ނޭމާ އެންމެ ފަހުން ކުޅުނު ހަތަރު މެޗުން އެޓީމަށް ވަނީ ތިން ގޯލް ކާމިޔާބުކޮށްފައެވެ.
ދޮޅު އަހަރެއްހާ ދުވަހު ޤައުމީ ޓީމާ ދުރުގައި ހުރުމަށްފަހު ސްކޮޑުން އަލުން ޖާގަ ލިބުނު ނޭމާ ބްރެޒިލްގެ ކޯޗު ޑޮރިވަލް ޖޫނިއަރ ސޮކޮޑް އިއުލާންކުރި ވީޑިއޯގެ ފޮޓޯއެއް އޭނާގެ އިންސްޓަގްރާމްގައި އާންމުކުރަމުން 'އެނބުރި އާދެވުމުން އުފާކުރާ ކަމަށް' ވަނީ ބުނެފައެވެ.
"އަހަރެމެން މިތިބީ އޭނާގެ އެނބުރި އައުމުގެ އިންތިޒާރުގަ. މިއީ އަނިޔާއަށްފަހު އަހަރެމެންނަށްވެސް އޭނާއާކު ލިބޭ ފުރަތަމަ ފުރުޞަތު. އަހަރެން އުއްމީދުކުރަން އޭނާ އެނބުރި އަންނާނީ އުފަލުންކަން. އެންމެންވެސް އޭނާއަށް އޭނާގެ ހުނަރު އެންމެ މަތީ ފެންވަރުގައި ދައްކަން ހިތްވަރުދެމާ. އަދި އުއްމީދުތައް މާ މަތިނުކޮށް އޭނާއަށް ހުރިހާ ޒިންމާތައް ކޮނޑުއަޅަންވެސް ނުޖެހޭ ގޮތަށް ކަންކުރަމާ" ނޭމާ އާ ނުލާ ވޯލްޑްކަޕް ކޮލިފަޔާސްގެ ފުރަތަމަ މެޗުތަކުގައި ބްރެޒިލްއިން އުނދަގޫ ދަތުރެއްކުރި ޓީމުގެ ކޯޗު ބުނެފައިވެއެވެ.
ރިއެކްޝަންސް






