
ރިޓަޔާމަންޓް އުވާލާ ސްނިލް ޗެތުރީ އެނބުރި އިންޑިއާގެ ޤައުމީޓީމަށް
އިންޑިއާގެ ތާރީޚްގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ, ސުނިލް ޗެތުރީ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމިކަން އިއުލާންކުރިތާ 273 ދުވަސް ފަހުން އެނބުރި ޤައުމީ ޓީމާ ގުޅެން ނިންމައިފިއެވެ.
40 އަހަރުގެ ޗެތުރީ މާޗު މަހު ފީފާ އިންޓަނޭޝަނަލް ވިންޑޯގައި އަލުން އަލުން ޓީމާ ގުޅިފައިވާކަން އިންޑިއާ ފުޓްބޯޅަ ޓީމުގެ ރަސްމީ އެކްސް އެކައުންޓުންވެސް ވަނީ ކަށަވަރުކޮށްދީފައެވެ. މިމަހު އިންޑިއާއިން ކުޅޭ ދެ މެޗަށް ނެގި ސްކޮޑްގައި އޭނާ ހިމަނާފައިވާއިރު, މި މަހު 19 ވަނަ ދުވަހު ފުރަތަމަ މެޗު ކުޅޭނީ ދިވެހިރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗެއްގައެވެ. އޭގެފަހުން ދެވަނަ މެޗު އޭޝިއަންސް ކަޕު ކޮލިފައިންސްގައި ބަންގްލަދޭޝް އާ ދެކޮޅަށް ކުޅޭނީ މިމަހު 25 ވަނަ ދުވަހުއެވެ.
ކަލްކަތާ ލޭކް ސްޓޭޑިމްގައި ފާއިތުވި އަހަރުގެ ޖޫން މަހު ރިޓަޔާކުރިން ޗެތުރީ ޤައުމީ ޓީމާ އަލްވަދާއުކީކަން އިއުލާންކުރީ މުޅި ސްޓޭޑިއަމްއަށް އެއްވެފައިވާ މީހުން ރޮއްވާލާފައެވެ. ވޯލްޑްކަޕް ކޮލިފައިންސްގައި ކުވެއިތާ ދެކޮޅަށް ކުޅުނު މެޗަށްފަހު ރިޓަޔާމަންޓް އިއުލާންކުރި އިރު ޗެތުރީ އިންޑިއާގެ ޤައުމީ ޓީމަށް ކުޅޭތާ 19 އަހަރު ވަނީ ވެފައެވެ.
ޤައުމީ ޓީމަށް މުޅި ދުނިޔޭގެ ހަތަރު ވަނައަށް އެންމެ ގިނަ ގޯލް ޖެހި ޗެތުރީ ވަނީ އިންޑިއާއަށް ކުޅުނު 146 މެޗުން 94 ގޯލް ކާމިޔާބުކޮށްފައެވެ. އެއީ އެއްވަނައިގައި އޮތް އީރާންގެ ލެޖެންޑް އަލީ ދާއީ, އަދި ޕޯޗްގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަދި އާޖެންޓީނާގެ ލިއޮނަލް މެސީގެ ފަހަތުންނެވެ.
ޗެތުރީގެ ވާދާއުއަށްފަހު ޓީމުގެ ހެޑް ކޯޗުކަމުގެ މަޤާމަށް އިސްވި މަނޯލޯ މާކޭޒްގެ އިރުޝާދުގެ ދަށުން އިންޑިއާއިން ކުޅުނު ހަތަރު މެޗުން އެޓީމަށް ކާމިޔާބުކުރެވުފައި ވަނީ އެންމެ ދެ ގޯލެވެ. ސްޓަރައިކަރެއް ނެތުމުގެ ހުސްކަން ފޫނުބެދި އިންޑިއާ ޓީމު ހާސްކަމެއްގައި އޮށްވާ ޤައުމީޓީމަށް އެނބުރި އައުމަށް ޗެތުރީ ނިންމި ނިންމުމާއެކު މާކޭޒް ހުރީ ހިތްހަމަޖެހިފައެވެ.
ބެންގަލޫރު އެފްސީގެ ކެޕްޓަންގެ މަޤާމުގައި ޗެތުރީ މިހާރުވެސް އަންނަނީ މޮޅު ސީޒަނެއް ހޭދަކުރަމުންނެވެ. އެހެންކަމުން ޗެތުރީގެ ފޯމާމެދު ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތެވެ. މިސީޒަންގައި ކުޅުނު 23 މެޗުން 12 ގޯލް ކާމިޔާބުކޮށް ޗެތުރީ އަންނަނީ ލީގުގައި އެންމެ ގިނައިން ގޯލްޖެހި އިންޑިއާ ކުޅުންތެރިޔާގެ މަޤާމްވެސް ދަމަހައްޓަމުންނެވެ.
ރިއެކްޝަންސް






