
ރަނގަޅު ޓީމަކާއެކު އޮޑިން ޕްރެކްޓިސް ފަށައިފި
ފުޓްބޯޅަ ސީޒަނަށް ތައްޔާރުވުމަށް އޮޑި ސްޕޯރޓްސް ކްލަބުން ޕްރެކްޓިސް ފަށައިފިއެވެ. އޮޑި އަކީ އާ ސީޒަނަށް ޕްރެކްޓިސް ފެށި ދެވަނަ ޓީމެވެ. މާޒިޔާއިން އަންނަނީ ސީޒަނަށް ތައްޔާރުވުމަށް ޕްރެކްޓިސް ކުރަމުންނެވެ.
އޮޑިން ޕްރެކްޓިސް ފެށީ އަހުމަދު ފައްރާހު (ފައްރަ) ގެ ބެލުނުގެ ދެށުންނެވެ. މީގެއިތުރުން ފަރުހާދު އިސްމާއީލް (ފަރޭ) ވެސް އަންނަނީ އޮޑީގެ ކޯޗިންގ ޓީމްގައި މަސައްކަތް ކުރަމުންނެވެ. އޮޑި ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިން ކޯޗު މުޙައްމަދު އާތިފްގެ އެހޯ ހޯދަންވެސް އެޓީމުން މަސައްކަތް ކުރިއެވެ.
އޮޑިން ޕްރެކްޓިސް ފެށީ ރަނގަޅު ސްކޮޑަކާއެކުއެވެ. އެންމެ މުހިއްމު ކުޅުންތެރިއަކީ ދެވަނަ ޑިވިޝަންގައިވެސް ޓީމް ލީޑްކުރި ގައުމީ ޓީމަށްވެސް ކުޅޭ މިޑްފީލްޑަރ އިބްރާހީމް ވަހީދު ހަސަން (އިއްބެ) އެވެ. ދެވަނަ ޑިވިޝަންގައި އޮޑިއަށް ކުޅުނު ތަޖުރިބާކާރު ޑިފެންޑަރ މުޙައްމަދު ރަޝީދު (ހޮކޭ) ވެސް ފުރަތަމަ ޑިވިޝަންގައި އަލުން ކުޅެން ވަނީ ނިންމާފައެވެ. ގައުމީ ޓީމްގެ މިޑްފީލްޑަރ ހުސައިން ނިހާން (ނިހާޓް) އާއި ޑިފެންޑަރ އަހުމަދު ނޫމާން (ހެލްމެޓް) ވެސް ވަނީ އޮޑިއަށް ބަދަލުވެ, ޕްރެކްޓިސްގައި ބައިވެރިވެފައެވެ. ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވެސް ކުރިއަށް އޮތް ސީޒަންގައި ފެންނާނީ އޮޑިންނެވެ.
މީގެއިތުރުން ޒުވާން ރަނގަޅު ކުޅުންތެރިންތަކެއްވެސް ވަނީ ޓީމާ ގުޅިފައެވެ. އަދި ޓީމްގެ ޓްރަޔަލްގައި ބައިވެރިވުމުގެ ފުރުޞަތުވެސް ވަނީ ހުޅުވާލާފައެވެ.
ޕްރެކްޓިސް ނުފެށިޔަސް ވިކްޓްރީން ވަނީ ޓީމް އެކުލަވާލުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން މަހިބަދޫގެ ދެ ކުޅުންތެރިން ކަމަށްވާ ޢަބްދުالله މިދުހަތު ފަހުމީ (ބިޗަޑް) އާއި ހުސައިން ނިޔާޒު މުޙައްމަދު (ބޮކުރީ) ގެ ސޮއި ވަނީ ހޯދާފައައެވެ. ބޮކުރީ ދެވަނަ ޑިވިޝަންގައިވެސް ވިކްޓްރީ އަށް ކުޅުނެވެ.
ރިއެކްޝަންސް






