ކޮޕާ އެވޯޑް ހޯދީ ޔަމާލް, އަންހެނުންގެ ކެޓަގަރީގެ ބެލެންޑޯ މިފަހަރުވެސް އުފުލާލީ ބޮންމާޓީ
ހޯމަ ދުވަހު ޕެރިހުގައި ބޭއްވި ބެލެންޑޯ ހަފުލާގައި ދޭ ކޮޕާ އެވޯޑް ބާސެލޯނާގެ ފޯވަރޑް ލަމީން ޔަމާލް ހޯދައިފިއެވެ. މިއީ 21 އަހަރުން ދަށުގެ ފިރިހެން އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑެކެވެ. ޔަމާލް މި އެވޯޑް ކާމިޔާބު ކުރުމާއެކު އޭނާ ވެގެން ގޮސްފައިވަނީ ކޮޕާ އެވޯޑް ކާމިޔާބުކުރި އެންމެ އުމުރުން ހަގު ކުޅުންތެރިޔާ އަށެވެ. ބެލެންޑޯ ލިބޭ ކުޅުންތެރިންގެ ލިސްޓްގައި ވޯޓާއެކު ޔަމާލް އޮތީ 8 ވަނައިގައެވެ.
17 އަހަރުގެ ކުޅުންތެރިޔާ އަންނަނީ ބާސެލޯނާގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އަދި ޔޫރޯ-2024 ގައި ސްޕެއިން އާއެކު ހޯދި ކާމިޔާބީ އާއެކު ޔަމާލް އަކީ މިހާރުވެސް ފުޓްބޯޅައިގައި ބޮޑު ނަމެކެވެ. މިއީ ބާސެލޯނާގެ ކުޅުންތެރިއަކު ޖެހިޖެހިގެން މިއެވޯރޑް ޙާސިލްކުރި ތިންވަނަ ފަހަރެވެ. މީގެ ކުރިން ޕެޑްރީ އަދި ގަވީވެސް ވަނީ މިއެވޯޑް ޙާސިލްކޮށްފައެވެ.
އެވޯޑާއެކު ޔަމާލް ވަނީ އޭނާގެ އާއިލާ އަށާއި, ޓީމް މޭޓްސް އަދި ސްޕެއިންގެ ޤައުމީޓީމަށްވެސް ޝުކުރުއަދާކޮށް ކާމިޔާބީގައި އެފަރާތަކުގެ ނަން ހިއްސާކޮށްފައެވެ.
ބެލެންޑޯގެ އަންހެނުންގެ ބައިގެ އެވޯޑް މިފަހަރުވެސް ހޯދީ 2023 ގައިވެސް މި އެވޯޑް އުފުލާލި ބާސެލޯނާގެ މިޑްފީލްޑަރ އެއިޓާނާ ބޮންމާޓީއެވެ. 26 އަހަރުގެ ކުޅުންތެރިޔާ ވަނީ ފާއިތުވި ސީޒަންގައި ބާސެލޯނާ އަށް ހަތަރު ތަށި ކާމިޔާބުކޮށްދީފައެވެ. ލަލީގާ އެފް ފަސްވަނަ ފަހަށް ކްލަބަށް ކާމިޔާބުކޮށްދިން އިރު ވިމެންސް ޗެމްޕިއަންސް ލީގް, ކޮޕާ ޑެ ލަ ރޭނާ އަދި ސްޕެނިޝް ސުޕަކޮޕާވެސް ވަނީ ކާމިޔާބުކޮށްފައެވެ.
"އެންމެންނަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. އަހަރެން އަބަދުވެސް ބުނަން މީ އެކަނި ހާސިލްކުރެވޭނެ ކާމިޔާބެއްނޫނޭ. އަހަރެން ވަރަށް ނަސީބުވެރި އަހަންނާއެކު ކުޅޭ އެހާމެ މޮޅު ބައިވަރު އެހެންކުޅުންތެރިން އަހަރެން މިމަޤާމަށް އައުމަށް އެހީތެރިވެދޭތީ. އެމީހުންނާ ނުލާ އަހަރެން މި އެވޯޑް ހިފައިގެން މިތާ ނުހުންނާނެ. މިފުރުޞަތުގައި ކްލަބަށާއި ބާސެލޯނާގެ ރައީސް ލަޕޯޓާ އަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރަން" އެވޯޑަށްފަހު ވާހަކަ ދައްކަމުން ބޮންމާޓީ ބުންޏެވެ.
ރިއެކްޝަންސް