
ލޫކާ މޮޑްރިޗް އަކީ ފުޓްބޯޅައަށް ލިބުނު ހަދިޔާއެއް: އަންޗެލޮއްޓީ
ރެއާލް މެޑްރިޑްގެ މެދުތެރެއަށް ކުޅެމުންއަންނަ ލޫކާ މޮޑްރިޗް އަކީ ފުޓްބޯޅައަށް ލިބުން ހަދިޔާއެއްކަމަށް އެ ކްލަބްގެ ކޯޗު ކާލޯ އަންޗެލޮއްޓީ ބުނެފިއެވެ. 39 އަހަރުގެ މޮޑްރިޗް ވަނީ ރޭ ޖިރޯނާއާ ދެކޮޅަށް ކުޅެ 2-0 ން ރެއާލް މޮޅުވި މެޗުގައި ހިތްގައިމު ގޯލެއް ކާމިޔާބުކޮށް ރެއާލަށް ލީޑު ނަގައިދީފައެވެ.
ރެއާލްގެ ދަނޑުގައި އާދިއްތަ ދުވަހު ކުޅުނު މެޗުގައި ރެއާލްގެ ފުރަތަމަ ގޯލް މޮޑްރިޗް ކާމިޔާބުކޮށްދިނީ 41ވަނަ މިނިޓްގައެވެ. ވިނީޝިއުސް ޖޫނިއަރ ފަހުން ކާމިޔާބުކުރި ގޯލާއެކު ރެއާލުން ވަނީ ލަލީގާ ތާވަލްގައި ބާސެލޯނާ އާ ޕޮއިންޓްގެ ގޮތުން އެއްވަރުކޮށްފައެވެ.
ކްރޮއޭޝިއާގެ ޤައުމީޓީމަށްވެސް ކުޅެމުން އަންނަ މޮޑްރިޗަކީ މިހާރަކަށް އައިސް އާންމުކޮށް ރެއާލްގެ ފުރަތަމަ އެގާރައިން ފެންނަ ކުޅުންތެރިއެއް ނޫނެވެ. މިސީޒަނުގައި ރެއާލް ކުޅުނު މެޗުތަކުގެ ތެރެއިން ފުރަތަމަ އެގާރައިން އޭނާ ފެނިގެން ގޮސްފައިވަނީ އެންމެ ނުވަ މެޗުގައެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި 15 ފަހަރު ފެނިގެންދިޔަ މޮޑްރިޗް އަކީ ރެއާލް ޑްރެސިން ރޫމްގައި އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.
"މޮޑްރިޗް އަކީ ފުޓްބޯޅައަށް ލިބުނު ހަދިޔާއެއް. އޭނާއަށް ކުޅެން ބޭނުންވާ އެންމެ ދިގު މުއްދަތަކަށް އޭނާ ކުޅެންޖެހޭނެ. އޭނަ ކުރާ ކޮންމެކަމެއްވެސް ކުރާނީ އެންމެ ރަނގަޅަށް. ފުޓްބޯޅައިގަވެސް, އަދި މިތާ ރެއާލް މެޑްރިޑްގައިވެސް. އަހަރެމެން ވަރަށް ނަސީބުވެރި އޭނާ ކަހަލަ ލެޖެންޑެއް އަހަރެމެންނާއެކު ހުރީމަ. އޭނާގެ ކޮލިޓީ އަދި ޕްރޮފެޝަނަލިޒަމް އާއެކީ އޭނާއަކީ ހަދިޔާއެއް" މެޗަށްފަހު ބޭއްވި ނޫސް ކޮންފަރެންސްގައި އަންޗެލޮއްޓީ ބުންޏެވެ.
މިއަހަރު ސެޕްޓެމްބަރުގައި 40 އަހަރު ފުރޭ މޮޑްރިޗް ރެއާލާ އެކު ހަދާފައިވާ އެއްބަސްވުން ހަމަވާނީ މި ސީޒަންގެ ހޫނު މޫސުމުގައެވެ. އޭނާއަކީ މިހާތަނަށް ރެއާލްގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިޔާއެވެ.
އަންޗޮލޮޓީ މޮޑްރިޗް ސިފަކޮށްފައިވަނީ 2007 ވަނަ އަހަރު އުމުރުން 38 އަހަރުގައި ޗެމްޕިއަންސް ލީގު އުފުލާލި އޭސީ މިލާންގެ ލެޖެންޑަރީ ކުޅުންތެރިޔާ ޕައުލޯ މަލްޑީނީގެ ގޮތުގައެވެ.
ރިއެކްޝަންސް






