
ދިރާސީ އަހަރުގެ ކިޔެވުން ފަށާނީ ކުރިން ފަށަން އޮތް ދުވަހަށް ވުރެ އެއްދުވަސް ފަހުން އެޕްރީލް 7 ގައި
އާ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ ޑިސެންބަރު 25 ގައި
ތައުލީމީ ވުޒާރާއިން 2025 ވަނަ އަހަރުގެ ދިރާސީ ކަލަންޑަރުގެ ފައިނަލް ކޮޕީ އާންމުކޮށްފިއެވެ.
ދިރާސީ ކަލަންޑަރު ފައިނަލްވެގެން އައިރު ކުރިން ދިރާސީ އަހަރުގެ ކިޔެވުން ފެށޭނެކަމަށް އޮތް 6 އެޕްރީލްވާ އާދިއްތަ ދުވަހުގެ ބަދަލުގައި މިހާރު އާ ދިރާސީ އަހަރުގެ ކިޔެވުން ފެށުމަށް ހަމަޖެހިފައި ވަނީ އޭޕްރީލް 7 ވާ ހޯމަދުވަހެވެ.
ފައިނަލް ކަލަންޑަރުގައިވާ ގޮތުން ޓީޗަރުން ރިޕޯޓްކުރަންޖެހޭނީ އޭޕްރީލް 5 ގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީ ލިބޭނީ ޖުލައި 24 ގައި ކަމަށާއި، ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް 10 ގައި ކަމަށް ކަލަންޑަރުގައި ވެއެވެ.
އަންނަ ދިރާސީ އަހަރު ޖުމްލަ 180 ދުވަހު ކިޔަވައިދޭން ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން ފުރަތަމަ ސެމިސްޓާގައި 81 ދުވަހާއި ދެވަނަ ސެމިސްޓާގައި 99 ދުވަސް ހިމެނެއެވެ.
ކަލަންޑަރުގައިވާ ގޮތުން ބޮޑު ޗުއްޓީ ލިބޭނީ ޑިސެންބަރު 28 އިން ޖެނުއަރީ 27 އަށެވެ. ނަމަވެސް 2026 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ބޮޑު ޗުއްޓީ އެއްކޮށް ލިބޭނީ ޑިސެންބަރުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
މިހާރު ކުރިއަށްދާ ދިރާސީ އަހަރުގެ ކިޔަވައިދިނުމުގެ އެންމެފަހު ދުވަހަކީ މިއަދެވެ. މާދަމާއިން ފެށިގެން ކުރިއަށް ދާނީ ދަރިވަރުންގެ ރިޕޯޓްފޯމްތައް ތައްޔާރުކުރުމުގެ މަސައްކަތްތަކެވެ. އަދި މި ހަފްތާގެ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދަރިވަރުންނަށް ރިޕޯޓްފޮތްތައް ހަވާލުކުރެވި ދަރިވަރުންނާއި ޓީޗަރުން ޗުއްޓީއަށް ދާނެއެވެ.
ރިއެކްޝަންސް






