ޔާއޯ ފެލިކްސް ޗެލްސީއަށް, ގަލަގާ އެތްލެޓިކޯ މެޑްރިޑަށް
ގެލަގާ ވަނީ މެޑިކަލްވެސް ފުރިހަމަކޮށްފަ
ލޯނު އެއްބަސްވުމެއްގެ ދަށުން ފާއިތުވި ސީޒަންގައި ޗެލްސީއަށް ކުޅުނު ޕޯޗުގީޒް ފޯވާޑް ޔާއޯ ފެލިކް ގަންނަން އެތްލެޓިކޯ އާއެކު ޗްލްސީން އިން އެއްބަސްވެއްޖެ އެވެ. ބަދަލުގައި ޗެލްސީން އެޓީމުގެ ކޮނާ ގެލަގާ އެތްލެޓިކޯއަށް ވިއްކާލަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އެއްބަސްވުމާ ހަމައަށް އައުމަށްޓަކައި މަޝްވަރާތައް ކުރިއަށް ދާއިރު, ގެލަގާ ފަރިތަކުރުންތައް ކުރިއަށް ގެންދަނީވެސް ޗެލްސީގެ ފުރަތަމަ ޓީމާއެކުއެއްނޫނެވެ. ފެލިކްސް ޗެލްސިއަށް ބަދަލުވަނީ ކިހާވަރެއްގެ ފީއަކަށްކަމެއް އަދި މުޅިން ޔަޤީނެއްނޫނެވެ. ނަމަވެސް ރިޕޯޓްތައް ބުނާގޮތުން މުޅިޕްކޭޖްގެ އަގު 50 މިލިއަން ޔޫރޯއަށް އަރާނެކަމަށް އަންދާޒާ ކުރެވެއެވެ.
ހޯމަ ދުވަހު ކުޅުނު ލަލީގާގެ ފުރަތަމަ މެޗުގައި އެތްލެޓިކޯ މެޑްރިޑް ވިޔަރެއާލް އާ ދެކޮޅަށް ކުޅެ 2-2 ން އެއްވަރުވިއިރު ކޯޗް ޑިއެގޯ ސިމިއޯނީ އޭނާ ފެލިކްސް ބޭނުމެއް ނުކުރެއެވެ. ސިމިއޯނީ ވަނީ ފެލިކްސްއަށް ސޮކޮޑުން ޖާގަ ނުދިނީ ޓްރާންސްފަރ މާކެޓް އާ ހެދިކަމަށް ބުނެފައެވެ.
ރިޕޯޓްތައް ބުނާގޮތުން ފެލިކްސް ޗެލްސީއަށް ބަދަލުވާނީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އަދި އިތުރު 12 މަސްދުވަހަށް އެއްބަސްވުން އާކުރުމުގެ ފުރުޞަތުވެސް އޮންނާނެއެވެ. ފާއިތުވި ސީޒަންގައި ފެލިކްސް ޗެލްސީއަށް ކުޅު ހަ މަސް ދުވަހުގެ ތެރޭގައި 20 މެޗުން ޖެހުނީ 4 ގޯލެވެ.
ގެލާގާ މެޑްރިޑަށް ދިއުމަށް ތައްޔާރުވެފައިވާއިރު މިއީ 34 މިލިއަން ޕައުންޑްގެ އެއްބަސްވުމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. ގެލަގާ ވަނީ ކްލަބް ބަދަލުކުރަން އެއްބަސްވެ މެޑިކަލްވެސް ފުރިހަމަކޮށްފައެވެ.
ފެލިކްސް އަކީ މިސީޒަންގައި ޗެލްސީން ގެންނަ 11 ވަނަ ކުޅުންތެރިޔާއެވެ. 24 އަހަރުގެ މިކުޅުންތެރިޔާ ޗެލްސީއަށް ބަދަލުވުމާއެކު ޗެލްސީއާއެކު ރަހީމް ސްޓަރލިންގެ ކުރިމަގާމެދު އުފެދިފައިވާ ޝައްކުތައް އަނެއްކާވެސް ވަނީ އިތުރުވެފައެވެ. އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި ޗެލްސީން މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައިވެސް ސްޓަރލިން ބޭނުމެއް ނުކުރެއެވެ.
ރިޕޯޓްތައް ބުނާގޮތުގައި ފެލިކްސް ޗެލްސީއާ ގުޅުމުގެ ފަހު މަރުހަލާއަށް މިއަދު ލަންޑަނަށް ފުރާނެއެވެ. އެތްލެޓިކޯއިން ފެލިކްސްގެ މެޑިކަލް އާއި އެހެނިހެން ކަންކަން ކުރިއަށް ގެންދިއުމުގެ ހުއްދަ ލިބިފައިވާކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
ރިއެކްޝަންސް