
ފަހު ވަގުތު ރެއާލް ސަލާމަތްދިނީ ފެޑެރީކޯ ވަލްވާޑޭ
ރޭ ސްޕްނިޝް ލަލީގާގައި ރެއާލް މެޑްރިޑް އާއި އެތްލެޓިކޯ ބިލްބާއޯ ބައްދަލުކުރި މެޗު 1-0 ން ރެއާލް ކާމިޔާބުކުރީ ފަހު ވަގުތު ފެޑެރީކޯ ވަލްވާޑޭ ކާމިޔާބުކޮށްދިން މޮޅު ގޯލާއެކުއެވެ. މި މޮޅާއެކު ތާވަލްގެ އެއްވަނައިގައި އޮތް ބާސެލޯނާ އާ ޕޮއިންޓްގެ ފަރަގު ރެއާލުންވަނީ ވަނީ ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ.
"ފެޑޭ ގެ ޝޮޓަކީ ވަރަށް އާދަޔާހިލާފް ޝޮޓެއް. ވަރަށް ރަނގަޅު ޝޮޓެއްވެސް މެ. އިއްޔެ ޓްރެއިނިންގް ގަ ވެސް އޭނަ އެކަހަލަ މޮޅު ޝޮޓެއްނެގި. އަހަންނަކަށް ނޭނގެ އޭނާ އެހާ ބާރުގަދަ އެކަހަލަ ޝޮޓް ނަގަނީ ކިހިނެއް ކަމެއް. ޓްރެއިނިންގ ތަކުގަ އޭނާ އެކަހަލަ ޝޮޓް ނަގާތީ އަހަރެމެން ބުނަން ޝޫޓްކުރާށޭ" ރެއާލްގެ ކޯޗު ތިބޯޓް ކޯޓުއާ ބުނެފައި ވެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމަށްވެސް ގޯލެއް ކާމިޔާބުކުރެވޭނެ މާއެދެވޭ ފުރުޞަތެއް ތަނަވަސްކުރެވިފައެއް ނުވެއެވެ. ގޯލާ ކައިރިން ޖޫޑް ބެލިންގްހަމަ ބޮލުން ފޮނުވާލި ބޯޅަ ކީޕަރު އުނެއި ސިމޯން އިތުބާރާއެކު ވަނީ ސަލާމަތްކޮށްފައެވެ. ނަމަވެސް އެތްލެޓިކޯގެ ޑިފެންސުންވަނީ ރެއާލަށް ފުރުޞަތެއް ތަނަވަސް ނުކުރެވުމުގައި ކާމިޔާބު ހޯދާފައެވެ.
އެތްލެޓިކޯގެ ޓެކްޓިކްސް ބަލިކޮށްލާ ރެއާލުން މެޗު ކާމިޔާބު ކުރީ މެޗުގެ ފުރިހަމަ ވަގުތު ނިމި އިތުރު ވަގުތުގައި މެޗުގެ 93 ވަނަ މިނިޓްގައެވެ.
ވަލްވާޑޭގެ ވައަތު ފައިގެ ބޭރުފަރާތުން ގޯލުގެ މަތީކަނަށް ފޮނުވާލި ބޯޅައާއެކު ރެއާލްގެ ބޯމަތީގައި އޮތް ޕްރެޝަތު ކެހިގެންދިއުމާއެކު މެޗުވެސް ނިމިގެން ދިޔައީއެވެ.
ރޭގެ މެޗުގައި ރެއާލްގެ ފްރާންސްގެ ސްޓްރައިކަރު ކީލިއަން އެމްބާޕޭ ފެނިގެން ގޮސްފައެއް ނުވެއެވެ. އަލްވެސް އަތުން 1-0 ން މޮޅުވި މެޗުގައި އޭނާއަށް ދެއްކި ރަތްކާޑާއި ލިބުނު އެއް މެޗުގެ ސަސަޕެންޝަނުގައި އެމްބާޕޭއަށް ޖެހުނީ ސްޓޭޑިއަމްގައި މެޗު ބަލަން އިންނާށެވެ.
މި ހަފުތާގެ މެދުތެރޭގައި އާސެނަލް އަތުން ކުއާޓަރ ގެ ދެ ލެގުންވެސް ބަލިވެ ޗެޕްމިއަންސްލީގުން ކަޓާފައިވާ ރެއާލްއަށް މިއީ މުހިއްމު މޮޅެކެވެ. ލަލީގާ ތާވަލްގައި ރެއާލް 69 ޕޮއިންޓާއެކު ދެވަނައިގައި އޮތްއިރު ބާސެލޯނާ ތާވަލްގެ ކުރީގައި އޮތީ 73 ޕޮއިންޓާއެކުއެވެ.
ރިއެކްޝަންސް






