
ލީޑްސް ޔުނައިޓަޑް އާއި ބާންލީ އެނބުރި ޕްރިމިއަރ ލީގަށް
ލީޑްސް ޔުނައިޓަޑް އާއި ބާންލީ ޕްރިމިއަރ ލީގަށް ޕްރޮމޯޓްވެއްޖެއެވެ. ދެ އަހަރަށްފަހު ލީޑްސް އެނބުރި ޕްރިމިއަރ ލީގަށް އައީ 0-6 ން ސްޓްރޯކް ސިޓީ ބަލިކޮށް, 44 މެޗުން 94 ޕޮއިންޓާއެކު އެވެ. އަދި ހޯމަ ދުވަހު ބާންލީ ވަނީ ތިންވަނައިގައި އޮތް ޝެފީލްޑް ޔުނައިޓަޑް 2-1 ން ބަލިކޮށްފައެވެ. ބާންލީ އަށް ދެވަނަ ލިބެނީވެސް 44 މެޗުން 94 ޕޮއިންޓާއެކުއެވެ.
ބާކީ ދެ މެޗު ކުރިއަށް އޮށްވައި ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވެފައިވާ ލީޑްސް އެ ދެ މެޗު ކާމިޔާބުކޮށްފިނަމަ އެޓީމަށް ޗެމްޕިއަންޝިޕް ކާމިޔާބުކުރެވޭނެއެވެ.
ބާންލީގެ ކެޕްޓަން ހޯޝް ބްރައިންހިލް ވަނީ ސީޒަނުގައި ބާންލީއިން ކުރި މަސައްކަތާމެދު ފަހުރުވެރިވާކަމަށް ބުނެފައެވެ. ހޯމަ ދުވަހުގެ މެޗުގައި ބާންލީގެ ދެ ގޯލްވެސް ކާމިޔާބުކުރީ ބްރައިންހިލްއެވެ.
"މިއީ މުޅި ޓީމުގެ މަސައްކަތް. ހަމައެކަނި ހަތަރު ޑިފެންޑަރުން ނުވަތަ ގޯލް ކީޕަރުގެ މަސައްކަތެއްނޫން. އަހަންނަށް ހިއެއްނުވޭ ޓީމްގެ ގިނަ މީހުން ނިދާހެނެއްވެސް. މިއީ އެންމެންގެ ބުރަ މަސައްކަތް" ބްރައިންހިލް ބުނެފައިވެއެވެ.
އަނެއްކޮޅުން ލެސްޓަރ ސިޓީ ވަނީ ޕްރިމިއަރ ލީގުން ރެލިގޭޓްވެފައެވެ. ރެލިގޭޝަން އާއެކު ލެސްޓަރ ސިޓީގެ ކެޕްޓަން ވަނީ އޭނާ އަދި ލެސްޓަރގެ އެހެން ކުޅުންތެރިންނަށްވެސް ފާޑުކިޔާފައެވެ. އަލި ލީގުގައި އޭނާގެ ފެންވަރު ނުދެއްކުނު ކަމަށާއި, އޭނާއަކީވެސް "ބޮޑު ލަދެއް" ކަމުގައި ބުނެފައި ވެއެވެ.
އާދިއްތަ ދުވަހު ޕްރިމިއަރ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އަތުން 1-0 ން ބަލިވިއިރު ލެސްޓަރ ސިޓީއަށް ލިބެނީ ތާވަލްގެ 19 ވަނައެވެ.
ރިއެކްޝަންސް






