
ސައުދީއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް- މަސްޖިދުއްނަބަވީގެ އިމާމް
ސައުދީ އެރެބިޔާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށް މަސްޖިދުއްނަބަވީގެ އިމާމް ފަޟީލަތުއްޝައިޚް ޑޮކްޓަރ ޞަލާޙުލް ބުދައިރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކައިގައެވެ.
ޑޮކްޓަރ ޞަލާޙުލް ބުދައިރު ވިދާޅުވީ ދެޤައުމުގެ މެދުގައި އޮތް ގުޅުމަކީ އިސްލާމީ ވަހުދަތުގެ މައްޗަށް ބިނާވެފައި އޮތް ގުޅުމެއް ކަމަށެވެ. އެގުޅުން އިތުރަށް ހަރުދަނާކުރުމާއި ގުޅޭގޮތުން އެމަނިކުފާނު ވާހަކަފުޅުދެއްކެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ. މި ބައްދަލުކުރެއްވުމުގައި ޑޮކްޓަރ ޞަލާޙުލް ބުދައިރު ވަނީ، ސަޢޫދީ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލްސަޢޫދު އާއި އެޤައުމުގެ ވަލީޢަހުދު ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒު އަލްސަޢޫދު ގެ ހެޔޮ އެދުންތައް ރައީސުލްޖުމްހޫރިއްޔާއަށް އަރިސްކުރައްވާފައެވެ. އަދި ރާއްޖެއިން އެމަނިކުފާނަށް އެރުވި ދަޢުވަތާއި މެހެމާންދާރީއަށް ޝުކުރުދެންނެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރާއްޖޭގެ ތަރައްޤީގައި، ޚާއްޞަކޮށް އިސްލާމީ ތަޢުލީމު ފުޅާކުރުމުގައި، ސަޢޫދީ ޢަރަބިއްޔާގެ ދައުރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. އަދި ޙައްޖާއި ޢުމްރާގެ އަޅުކަމުގެ އިންތިޒާމުތައް ފަސޭހަކޮށްދިނުމާއި، ޙައްޖާއި ޢުމްރާވެރިންނަށް ސަޢޫދީ ސަރުކާރުން ފޯރުކޮށްދެމުންދާ މެހެމާންދާރީއަށް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ޝުކުރެއް ދެންނެވި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރިއެކްޝަންސް






