
އެމްބާޕޭގެ ހެޓްރިކުން ސިޓީ ކަޓުވާލާ, ރެއާލް ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް
ޔުއެފާ ޗެމްޕިއަންސް ލީގެ ގަދަ 16 ގެ މަޤާމެއް ކަށަވަރުކުރަން ކުޅުނު ޕްލޭއޯފްގެ ދެވަނަ ލެގު ކީލިއަން އެމްބާޕޭގެ ހެޓްރިކުން 3-1 ން ރެއާލް ކާމިޔާބުކޮށް ސިޓީ މުބާރާތުން ކަޓުވާލައިފިއެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި ކުޅުން މެޗުންވެސް މޮޅުވެ ގަދަ 16 އަށް ދަތުރުކުރީ 6-3 ގެ އެގްރެގޭޓުންނެވެ. ފާއިތުވި ހަފުތާގައި ސިޓީގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ރެއާލް ކާމިޔާބުކުރީ 3-2 ނެވެ.
16 ވަނަ ޗެމްޕިއަންސް ލިގު ހޯދަން އަމާޒު ހިފާފައިއޮތް ރެއާލާ ދެކޮޅަށް މިސީޒަނުގައި ދަށް ނަތީޖާތަކެއް ހޯދަމުން އަންނަ ސިޓީއަށް މާ އެދެވޭ ކުޅުމެއްވެސް ނުދެއްކުނެވެ.
މެޗުގައި ރެއާލްއަށް އެމްބާޕޭ ލީޑު ނަގައިދިނީ ރައުލް އަސެންސިއޯ ތަނަވަސްކޮށްދިން ފުރުޞަތެއްގައި މެޗުގެ ހަތަރުވަނަ މިނިޓްގައެވެ. އެމްބާޕޭގެ ގޯލް އަމާޒުވީ ސީދާ ގޯލްގެ ކަނަށެވެ. އެމްބާޕޭ ހުއްޓުވުމުގައި ސިޓީގެ ހޮސްކޯ ގުވާޑިއޯލް ކުރި މަސައްކަތް ނާކާމިޔާބުކޮށްލާ ދެވަނަގޯލް ކާމިޔާބުކުރީ މެޗުގެ 33 ވަނަ މިނިޓްގައި ރޮޑްރީގޯގެ އެހީތެރިކަމާއެކުއެވެ.
ދެވަނަ ހާފަށް ނިކުއިން އިރުވެސް 2-0 ގެ ލީޑުގައި އޮތް ރެއާލްގެ ފޯވާޑް އެމްބާޕޭ ހެޓްރިކް ހެދީ 61 ވަނަ މިނިޓްގައި ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.
ކުރިންވެސް ރެއާލް ބަލިކުރެވޭނެ ކަމުގެ އެއްވެސް ޔަޤީންކަމެއްނެތް ސިޓީއަށް ލިބުނު ހަނި ފުރުޞަތުގައި އެމީހުންގެ ހަމައެކަނި ގޯލް ކާމިޔާބުކޮށްދިނީ ނިކޯ ގޮންޒާލޭޒްއެވެ. މިއީ އޭނާ ސިޓީއަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.
ރިއެކްޝަންސް






