
ސަރުކާރުގެ ހަރަދުގައި ޒަމާނީ އިތުރު 6 މިސްކިތް އަޅަނީ، ޑިޒައިން މުޅިން ތަފާތު
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިސްކިތްތައް ބިނާކުރުމުގެ ސިޔާސަތުގެ ދަށުން އިތުރު 6 ރަށެއްގައި މިސްކިތްތައް އަޅަން ތައްޔާރުވަމުންދާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
މިސްކިތްތައް އެޅުމަށް ހަމަޖެހިފައިވަނީ އއ. ރަސްދޫ، އދ. ފެންފުށި، ފ. ފީއަލި، ގދ. މަޑަވެލި، ހއ. ބާރަށް އަދި ތ. ވޭމަންޑޫގައެވެ. މި މިސްކިތްތަކުގެ ޑިޒައިންގައި ޤުރުއާން ކިޔަވައިދެވޭ ގޮތަށް ކްލާސްރޫމް ހިމެނިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
މި މިސްކިތްތަކަކީ ރާއްޖޭގެ ތާރީޚާއި ސަޤާފަތާއި މާޙައުލާ ގުޅޭގޮތަށް ޑިޒައިންކުރެވިފައިވާ، މުޅިން ތަފާތު ފަރުމާއެއްގެ މިސްކިތްތަކެކެވެ. މިސްކިތްތަކުގެ ތެރޭގައި 300، 500 އަދި 700 މީހުންނަށް ނަމާދުކުރެވޭނެ ޖާގަ ހިމެނޭ ތިން ސައިޒެއްގެ މިސްކިތް ހިމެނެއެވެ.
މިސްކިތްތަކުގެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ ރޯދަމަސް ނިމުމުންނެވެ. މިސްކިތްތައް ނިމޭއިރު ސޯލާ އަދި އޭސީ ހަރުކުރެވި، ނެވިލޯން އެޅިފައި ހުންނާނެ ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމަށް އައުމަށް ފަހު ދީނީ ޝިއާރު މަތިވެރިކޮށް ދެމެހެއްޓުމުގެ މަޤްސަދުގައި ރާއްޖޭގެ އަތޮޅުތަކުގައި ހުރި އިސްލާމީ މަރުކަޒުތަކުގައި މިހާރުވަނީ ނަމާދު ކުރުމުގެ އިތުރުން އިސްލާމީ ތަފާތު ކޯސްތައް ހިންގަން ފަށާފައެވެ. އަދި ރަނގަޅު ފެންވަރުގެ މިސްކިތްނެތް ރަށްރަށުގައި މިސްކިތް ބިނާކުރުމުގެ މަޝްރޫއެއް ފައްޓަވާފައެވެ.
ރިއެކްޝަންސް






