ބާސެލޯނާގެ މޮލުވުމުގެ ސިލްސިލާއަށް ރެއާލް ސޮސިއެޑާޑުން ނިމުން ގެނެސްފި
ސްޕެނިޝް ލަލީގާގައި އާދިއްތަ ދުވަހު ކުޅުނު މެޗުން ބަލިވެ، ބާސެލޯނާ ރެއާލް ސޮސިއެޑާޑްގެ އަތްދަށުވެއްޖެއެވެ. 0-1 ބާސާ ބަލިވުމުގެ ކުރިން ބާސެލޯނާއިން ގޯލެއްވެސް ޖެހިއެވެ. ނަމަވެސް 13 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޮސްކީ ގޯލްޖެހިއިރު އޭނާ ހުރީ އޮފްސައިޑް ޕޮޒިޝަންގައި ކަމުގައި ވީއޭއާރުން ވަނީ ކަނޑައަޅާފައެވެ.
ވީއޭއާރުން ފެންނަ ގޮތުގައި އޮފްސައިޑް ވެފައިވަނީ ލެވަންޑޮސްކީގެ ބޫޓުގެ ކުރިން މިލިމީޓާރެއްހާ ކުޑަތަންކޮޅެކެވެ. ނަމަވެސް ވީއޭއާރުގެ ނިންމުމާއެކު ކުރިއަށްދާން ރެފްރީ ނިންމުމުން ބާސެލޯނާއަށް ލީޑުނެގުނުކަމަށް ހީވި, ހީ ހަޤީގަތަކަށް ނުވެ ކުޅުނު މެޗުގައި ބާސާއަށް ފަހުން މާއެދެވޭ ކުޅުމެއްވެސް ނުދެއްކެއެވެ. ގޯލް ބަލައި ނުގަންނަށް ރެފްރީ ނިންމި ނިންމުމަށް ބާސާގެ ކޯޗު ހެންސީ ފްލިކް ވަނީ ފާޑުކިޔާފައެވެ.
"އެމަންޒަރުގެ ފޮޓޯ އަހަރެން ދުށިން. އެއީ ސައްޙަ ގޯލެއް. ރެފްރީގެ ނިންމުންގޯސް. އެކަން ވަރަށް ސާފުކޮށް އެނގޭ. އެއީ ސައްޙަވާން ޖެހޭ ލަނޑެއް" ފްލިކް ބުންޏެވެ.
މެޗުގައި ބާސެލޯނާއަށް ރަނގަޅު ހަމަލާއެއް ނުއުފެއްދުމުގެ ފައިދާ ނަގާ ރެއާލް ސޮސިއެޑާޑްއިން ބާސާގެ ގޯލް ފޫއަޅުވާލި މެޗުގެ 33 ވަނަ މިނިޓްގައެވެ. ޝެރާލްޑޯ ބެކާ ގޯލް ކާމިޔާބުކޮށްދިނީ ލޫކާ ސުސިޗް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.
ކުޅިވަރުގެ ޑޭޓާބޭސް ބަލަހައްޓާ އޮޕްޓާއިން ހާމަކުރިގޮތުގައި މިއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ލަލީގާގެ މެޗެއްގައި ބާސާއަށް ގޯލާ އަމާޒުކޮށް ސައްޙަ ހަމަލާއެއް ފޮނުވާނުލެވުނު ފުރަތަމަ މެޗެވެ. ނަތީޖާއާއެކު ބާސާއަށް ދެވަނައިގައި ރެއާލް މެޑްރިޑްގެ މައްޗަށް ނުވަ ޕޮއިންޓްގެ ލީޑެން ނެގެން އޮތް ފުރުޞަތު ވަނީ ގެއްލިފައެވެ. 33 ޕޮއިންޓާއެކު ބާސެލޯނާ އެއްވަނައިގައި އޮތްއިރު ރެއާލް މެޑްރިޑް ދެވަނަވައިގައި އޮތީ 27 ޕޮއިންޓާއެކުއެވެ. އެތްލެޓިކޯ މެޑްރިޑް ތިންވަނައިގައި އޮތީ ރެއާލްއަށްވުރެ އެންމެ ޕޮއިންޓެއް މަދުކޮށެވެ.
ރިއެކްޝަންސް