
އެވަރޓަންގެ ހިތްގައިމު އާ ސްޓޭޑިއަމް ފޭނުން އާޝޯހުކޮށްލައި
ބްރަމްލީ މޫރް ޑޮކްގައި ޤާއިމްކޮށްފައިވާ އެވަރޓަންގެ ހިތްގައިމު ސްޓޭޑިއަމް ފޭނުން އާޝޯހުކޮށްލައިފިއެވެ. ހޯމަ ދުވަހު އެވަރޓަންގެ ޖޫނިއަރ ޓީމާއި ވިގަންގެ އެކުވެރި ކަމުގެ މެޗާއެކު ދަނޑު ފުރަތަމަ ފަހަރަށް ދައްކާލީ 10,000 ލަކީ ޓޮފީ ފޭނުންނަށެވެ. ނަމަވެސް މެޗަށްވުރެ އެންމެންގެ ސަމާލުކަން ދަމައިގަތީ ދަނޑުގެ ރީތި ފަރުމާއަށެވެ.
މަސައްކަތް ފެށިތާ ހަތަރު އަހަރު ފަހުން ހުޅުވުނު ސްޓޭޑިއަމް ހަދަން ކްލަބުންވަނީ ގާތްގަނޑަކަށް 750 މިލިއަން ޕައުންޑް ހަރަދުކޮށްފައެވެ. އެވަރޓަން އިން ރަސްމީކޮށް ސްޓޭޑިއަމްއަށް ބަދަލުވާނީ 2025-2026 ގެ ސީޒަންފެށޭ ހޫނު މޫސުމުގައެވެ. ގޫޑިސަން ޕާކްގައި 130 އަހަރަށްވުރެ ގިނަދުވަސްވީ އެވަރޓަން އަށް ހަމަގައިމުވެސް އެތަން ދޫކޮށް އައުމަކީ ވަރަށް ޖަޒުބާތީ ކަމަކަށްވާނެއެވެ.
މިސީޒަންގައި އެވަޓަންގެ ފަހު މެޗު އޮތި ރަށުން ބޭރުގައެވެ. އެހެންކަމުން ގޫޑިސަން ޕާކުގައި އެވަރޓަންގެ ފަހު މެޗު ކުޅޭނީ 18 މޭ ގައި ސައުތަމްޕްޓަން އާ ދެކޮޅަށެވެ.
ސްޓޭޑިއަމް އިން އެންމެ ބޮޑަށް ފާހަގަވަނީ އެތާގެ ޖާގަ ބޮޑުކަމެވެ. މީގެ ތިން އަހަރާ ބައިގެ ކުރިން އެއީ ހަމައެކަނީ މަސައްކަތްކުރާ ޑޮކެކެވެ. ސްޓޭޑިއަމްގެ ފައުންޑޭޝަނަށް ބޭނުންވާ ސޮލިޑްބޭސް ހެދީ އައިރިޝް ކަނޑުން 480,000 ކިއުބިކް މީޓަރަގެ ވެލި ޑޮކަށް ތިން މަސްދުވަސް ވަންދެން ޕަމްޕްކޮށްގެންނެވެ.
52,888 މީހުންގެ ޖާގައިގެ މި ސްޓޭޑިއަމްއަކީ ޕްރިމިއަރ ލީގުގެ 7 ވަނައަށް އެންމެބޮޑު ސްޓޭޑިއަމްއެވެ. މި ދަނޑުގައި ޔޫރޯ-2028 ގެ ބައެއް މެޗުތައް ކުޅޭގޮތަށްވަނީ ހަމަޖެހިފައެވެ. އެ ޕްރޮޖެކްޓްގެ ސަބަބުން އެސަރަޙައްދުގެ އިޤްތިޞާދަށް 1.3 ބިލިއަން ޕައުންޑް ވަންނާނެކަމަށް އަންދާޒާ ކުރެވެއެވެ.
ސްޓޭޑިއަމްގެ ދިގުމިނަށް ހަދާފައިވާ ބޮޑު ބިއްލޫރި ކުޑަދޮރުން ލިވަޕޫލްގެ އުދަރެހަށް އިރުއޮށްސިގެންދާތަށް ފެންނަ ގޮތަށް ފަރުމާކޮށްފައިވާ މި ސްޓޭޑިއަމްއަކީ ހަޤީގަތުގައިވެސް އާޝޯހުވާފަދަ ރީތި ކަމެކެވެ. އެކަހަލަ ރީތި މަންޒަރެއް އެންފީލްޑުން ގައިމުވެސް ނުފެންނާނެއެވެ.
ބައެއް ފޭނުން ބުނެފައިވަނީ މިއީ ޕްރިމިއަރ ލީގުން ފެންނާނެ އެންމެ ރަނގަޅު, އަދި އެންމެ ހިތްގައިމު ސްޓޭޑިއަމް ކަމުގައެވެ.
ސްޓޭޑިއަމްގައި މެޗުތައް ކުޅުމުގެ ކުރިން ބާއްވާ ދެވަނަ ޓެސްޓް އިވެންޓް އޮންނާނީ މާރިޗު ނުވަތަ އެޕްރީލް މަހުއެވެ. ކްލަބްގެ 21 އަހަރުން ދަށުގެ ޓީމް އެކުވެރިކަމުގެ މެޗެއް ކުޅޭއިރު 25,000 މިހުން އެފަހަރު ސްޓޭޑިއަމްއަށް ވަނުމަށް ފުރުޞަތުދޭނެއެވެ.
ރިއެކްޝަންސް






